މިއަހަރު ހައްޖަށް ދާން އިތުރު 1000 ކޯޓާ ރާއްޖެ ލިބިއްޖެ އެވެ.

އެކަން ސަރުކާރުން ވަނީ ކަށަވަރުކޮށްދީފަ އެވެ. ސަންއަށް އެނގިފައިވާ ގޮތުގައި ރާއްޖެއަށް ލިބުނު އިތުރު 1000 ކޯޓާގެ ފުރުސަތުގެ ތެެރެއިން ވަކި މިންވަރެެއް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދާން ކިއުގައި ނަން ނޯޓުކޮށްފައިވާ މީހުންނަށް ލިބޭނެ އެވެ.

ސައުދި އަރަބިއްޔާއިން ރާއްޖެއަށް އިތުރު 1،000 ހައްޖު ކޯޓާ ދީފައިވާކަން ސަރުކާރުން މިއަދު ހާމަކުރިއިރު ހައްޖު ދުވަސް އަންނަން އޮތީ 10 ދުވަހެވެ.

ސަރުކާރުގެ އޮފިޝަލަކު "ސަން"އަށް މިރޭ ވިދާޅުވީ ރާއްޖެއަށް ލިބުނު އިތުރު ހައްޖު ކޯޓާއާ ގުޅިގެން މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ހުއްދަ ދީފައިވާ ހަތަރު ކުންފުންޏާމަޝްވަރާ ކުރަމުން ގެންދާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ހައްޖު ކޯޓާ ބަހާނެ އުސޫލެއް އަދި ކަނޑައަޅާފައި ނުވާ ކަމަށެވެ.

ރާއްޖެއިން ހައްޖަށް ދިއުމަށް މިދިޔަ އަހަރު ވެސް 2،000 މީހުންނަށް ފުރުސަތު ލިބުނެވެ. އެގޮތުން 1000 ހައްޖު ކޯޓާ ދީފައި ވަނީ ހައްޖު ކޯޕަރޭޝަނަށެވެ. ބާކީ ހުރި ހައްޖު ކޯޓާ ބަހާފައި ވަނީ އަމިއްލަ ކުންފުނިތަކަށެވެ.