މުސާރަ ނުލިބިގެން ހއ. އަލިދޫ ރިސޯޓުގެ މުވައްޒަފުން މުޒާހަރާ ކުރަން ފެށިތާ ދެ ތިން ދުވަސް ނުވަނީސް 12 މުވައްޒަފަކު ވަޒީފާ އިން ވަކިކޮށްފި އެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ އަދި އެމްޑީޕީގެ ފަންޑް ރެއިޒިން ކޮމެޓީގެ ޗެއާމަން އަބްދުﷲ ޖާބިރުގެ ޖޭ އަލިދޫ ރިސޯޓުގެ 50 ވަރަކަށް ދިވެހި މުވައްޒަފުން މިދިޔަ މަހުގެ މުސާރަ ނުލިބިގެން މުޒާހަރާ ކުރަން ފެށުމުން 12 މުވައްޒަފަކު ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށް އެ ރިސޯޓުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.

އަލިދޫ ރިސޯޓްގެ މުވައްޒަފުންނަށް ޖޫން މަހުގެ މުސާރަ ނުލިބިގެން އެ މީހުން މުޒާހަރާ ކުރަން ފެށީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

މުޒާހަރާކޮށްގެން ވަޒީފާ އިން ވަކި ކުރި 12 މީހުންގެ އިތުރަށް ދެން އެފަދަ ކަމެއްކޮށްފި ނަމަ 15 ވަރަކަށް މުވައްޒަފުންނަށް ވަނީ ފަހުގެ އިންޒާރު ވެސް ދީފައި ކަމަށް ރިސޯޓްގެ މެނޭޖްމަންޓާއި އަދި އެ މީހުން ވެސް ވަނީ ސަން އަށް ކަށަވަރުކޮށްދީފަ އެވެ.

ޖޭ ރިސޯޓުގެ ހައުސް ކީޕިންގައި މަސައްކަތް ކުރި އަދި މިހާރު ވަޒީފާ އިން ވެސް ވަކިކޮށްފައިވާ ދިއްދޫ އާދަމް ނަސީރު މިއަދު ބުނީ ރިސޯޓުގައި ހަމަނުޖެހުން ހިންގައި ރިސޯޓަށް ގެއްލުންވާ ކަމަށް ބުނެ އޭނާ އާ އެކު އިއްޔެ ވަޒީފާ އިން ވަކިކޮށްފައި ވަނީ އެކި ޑިޕާޓްމެންޓްތަކުގެ 12 މުވައްޒަފެއް ކަމަށެވެ.

"ޑިޕާޓްމެންޓް ހެޑް ސޮއި ކުރައްވާފައި އޮތް ސިޓީއެއް އިއްޔެ ވަޒީފާ އަށް ދިޔައިމާ ދިނީ. ދީފައި ބުނީ ސިޓީ އިން އެނގޭނެޔޭ ވަޒީފާ އަށް ނިކުންނަން ޖެހޭކަން ނުވަތަ ނޫންކަން ވެސް. ސިޓީ ބެލި އިރު އޮތީ ވަޒީފާ އިން ވަކި ކުރި ވާހަކަ،" ނަސީރު ބުންޏެވެ.

ވަޒީފާ އިން ވަކި ކުރި ސިޓީގެ ކޮޕީއެއް ވެސް ސަން އަށް ވަނީލިބިފަ އެވެ.

މުސާރަ ނުލިބިގެން މުޒާހަރާ ކުރުމުން ވަޒީފާ އިން ވަކި ކުރި 12 މުވައްޒިފުން ވަކިކޮށްފައި ވަނީ ވަޒީފާގެ ގާނޫނުގައި ބުނާ ތިން މަސް ދުވަހުގެ ތެރެއިން ކުރިއަށް އޮތް އެއް މަހުގެ މުސާރަ ދީފައި ކަމަށް ނަސީރު ބުންޏެވެ. އަދި ބުނީ އިތުރަށް އޮތް ދެ މަހުގެ މުސާރަ ހޯދަން ކޯޓަށް މައްސަލަ ވައްދާނެ ކަމަށެވެ.

"ވަޒީފާގެ ގާނޫނު އެބަބުނޭ ތިން މަހުގެ މުސާރަ ދީފަޔޭ ވަކި ކުރެވޭނީ. އެކަމަކު އެންމެ މަހެއްގެ މުސާރަ މި ލިބުނީ. އެހެންވީމާ ބާކީ އޮތް ދެ މަހުގެ މުސާރަ ހޯދަން އަޅުގަނޑުމެން މައްސަލަ ކޯޓަށް ހިފައިގެން ދާނަން،" ނަސީރު ބުންޏެވެ.

އިތުރު އެހެން މުވައްޒިފުންތަކަކަށް ވެސް ފިޔަވަޅު އަޅަމުން އަންނަ ކަމަށް ވެސް އޭނާ ބުންޏެވެ. އެ ރިސޯޓުން ވާހަކަ ދެއްކި އެހެން މުވައްޒިފަކު މިއަދު ބުނީ 15 މީހަކަށް "ފަހުގެ އިންޒާރުގެ ސިޓީއެއް ފޮނުވާފައި"ވާ ކަމަށެވެ.
"އެ ސިޓީގައި އޮންނަނީ ރިސޯޓުގައި ހަމަނުޖެހުން ހިންގަން ދެން މަސައްކަތް ކޮށްފި ނަމަ ރިސޯޓުން ވަކި ކުރާނެ ކަމަށް. އެއީ ފަހުގެ އިންޒާރުކަމަށް ބުނީ،" ވަޒީފާ ގެއްލިދާނެ ކަމުގެ ބިރަށް ނަން ހާމަކުރަން ބޭނުންނުވާ އެ މުވައްޒަފު ބުންޏެވެ.

ޖޭ ރިސޯޓުގެ ޑިރެކްޓާ އިބްރާހިމް ރަޝީދު މިއަދު ވިދާޅުވީ 12 މުވައްޒިފަކު ވަޒީފާ އިން ވަކި ކުރަން ޖެހުނީ ކުންފުންޏަށް ދިމާވި ދަތި ކަމެއްގައި މުސާރަ ނުލިބިގެން ރިސޯޓުގައި މުޒާހަރާ ކުރަން ފެށުމުން ރިސޯޓަށް ގެއްލުންވެ އެ މުވައްޒިފުންނާ މެދު އިތުބާރު ގެއްލުމުން ކަމަށެވެ.

"އަޅުގަނޑު ވަރަށް ރަނގަޅަށް ކިޔައިދިނީން ވެގެން އުޅޭ ގޮތް. އެހެން އޮތް ކަމެއްގައި މުޒާހަރާކުރީމާ މިތަނަށް ވަރަށް ގެއްލުންވި. އެކި ކުދިން އެކި ލެވަލްގައި އޭގައި ބައިވެރިވެފައި ހުރީ. އެގޮތުން އެބައިވެރިވެފައި ހުރި މިންވަރަށް ބަލާފައި ބައެއް ކުދިންނަށް ނަސޭހަތް ދީފައި ސިޓީ ފޮނުވީ. ދެން އަނެއް ބަޔަކު ވަކި ކުރަންޖެހުނީ. އަޅުގަނޑަށް އިތުބާރު ނެތް ބަޔަކު ގޮވައިގެން ކިހިނެތްތޯ މިފަދަ ބޮޑު އިންޑަސްޓްރީއެއް ކުރިއަށް ގެންދާނީ،" ރަޝީދު ވިދާޅުވި އެވެ.

ވަޒީފާ އިން ވަކި ކުރި ހުރިހާ މުވައްޒިފުންނަށް ވެސް ގާނޫނުގައި ބުނާ ހުރިހާ ހައްގުތަކެއް ދީފައިވާނެ ކަމަށް ވެސް ރަޝީދު ވިދާޅުވި އެވެ.

"މިތަނުން އެމީހުންނާ ދޭތެރޭ އެއްވެސް އިހާނެތިކޮށެއް ނުހިތަން. ދޭންޖެހޭ ހައްގެއް ދީފައި ވަކި ކުރީ. ކުރިއަށް އޮތް އެއް މަހުގެ މުސާރަ ވެސް ދީފައި ވަކިކޮށްފައިވާނީ." ރަޝީދު ވިދާޅުވި އެވެ.