މިއަހަރު ނިމުމުގެ ކުރިން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައިވާ ޕްރޮޖެކްޓްތަކުގެ ތެރެއިން 20 ޕްރޮޖެކްޓެއްގެ މަސައްކަތް ނިންމާ ސަރުކާރާ ހަވާލު ކުރާނެ ކަމަށް ގައުމީ ފެން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑަބްލިއުއެސްސީގެ 22 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފަޒުލް ވިދާޅުވީ، އެ ކުންފުންޏާ ހަވާލުކުރި ފެނާއި ނަރުދަމާގެ ތަފާތު 54 މަޝްރޫއެއްގެ ތެރެއިން ވޭތުވެދިޔަ ދެ އަހަރު 23 ޕްރޮޖެކްޓެއް ނިންމާ ހަވާލު ކުރެވިފައިވާ ކަމަށެވެ.

އަދި މިއަހަރުގެ މިހާތަނަށް ހަ ޕްރޮޖެކްޓެއްގެ މަސައްކަތް ނިންމާ ހަވާލު ކުރިއިރު އަދިވެސް 29 ޕްރޮޖެކްޓެއްގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ކުރިއަށްދާ ޕްރޮެޖެކްޓުތަކުގެ ތެރެއިން 20 ޕްރޮޖެކްޓެއް މިއަހަރުގެ ތެރޭގައި ނިންމާ ސަރުކާރާ ހަވާލު ކުރާނެ ކަމަށެވެ.

ރާއްޖޭގެ ރަށްތަކުގެ ތެރެއިން އާބާދީ ބޮޑެތި ރަށްތަކުގައި މިހާރު ވެސް ފެނާއި ނަރުދަމާގެ މަސައްކަތްކުރަމުންދާ ކުންފުންޏަކީ އެމްޑަބްލިއުއެސްސީއެވެ.

ފެނާއި ނަރުދަމާގެ މަޝްރޫއުތަކުގެ އިތުރުން މާލޭގައި ދިމާވާ އަލިފާނުގެ އެކި ކަހަލަ ހާދިސާތަކުން ސަލާމަތްތެރިކަން އިތުރު ކުރުމަށް މަޖީދީމަގުގައި ބަހައްޓަމުންދާ ފަޔާރ ހައިޑްރަންޓް ސިސްޓަމް އެކުލަވާލައި ބަހައްޓަމުންދަނީ އެ ކުންފުނިންނެވެ.

އަދި މާލޭ ފެން ހިންދުމުގެ ހަތަރުވަނަ ފިޔަވަހީގެ މަސައްކަތާއި ކުރިއަަށް އޮތް 50 އަހަރު ދުވަހަށް އަމާޒުކޮށްގެން މާލޭގެ ނަރުދަމާ ނިޒާމު ތަރައްގީ ކުރުމުގެ މަސައްކަތުގެ އިތުރުން ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ ދަށުން ހިއްކާފައިވާ ބިމުގައި ފެނާއި ނަރުދަމާ ނިޒާމު އެޅުމަށް ވެސް ހަވާލު ކޮށްފައި ވަނީ އެމްޑަބްލިއުއެސްސީއާ އެވެ.