އިލެކްޝަންސް ކޮމިޝަނުން މެމްބަރުން ނޫން ކަމަށް ކަނޑައަޅާފައިވާ، މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ފުލުހުންގެ ބަންދުން ދޫކޮށްލައިފި އެވެ.

އެ ދެ ބޭފުޅުން ބަންދުން ދޫކޮށްލާފައިވަނީ، އެންމެ ފަހުން އެ ދެބޭފުޅުންގެ ބަންދަށް އިތުރު ކުރި ހަތަރު ދުވަސް ހަމަވުމުން ބަންދުގެ މުއްދަތު އިތުރުކުރުމަށް މިއަދު ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުންނެވެ.

ކްރިމިނަލް ކޯޓުން ސައުދު ނުކުމެވަޑައިގަންނަވަމުން ހަނާއަޅުއްވަނީ: ސައުދާއި އަމީތު ދޫކޮށްލީ ރޭގަނޑު 9 އިން ފެށިގެން ހެނދުނު 6 ޖަހަންދެން ގެއިން ނުނުކުމެވޭ ގޮތަށް--- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަމީތާއި ސައުދުވެސް ދޫކޮށްލާފައިވަނީ ޝަރުތުތަކެއް ކުރުމަށް ފަހުގައެވެ.

އެ ދެ ބޭފުޅުންގެ މައްޗަށް ކޮށްފައިވާ ޝަރުތުތަކަކީ:

  • ރޭގަނޑު 9:00އިން ފެށިގެން ހެނދުނު 6:00 އަށް ގެއިން ނުނިކުތުން.
  • ހެކިިބަސްދޭން ހުރި މީހަކާ ބައްދަލު ނުކުރުން.
  • ކޯޓަށް ހާޒިރުވާން އަންގއިފި ނަަމަ އަމުރަށް ކިޔަމަންވެ ކޯޓަށް ހާޒިރުވުން،

އަމީތާއި ސައުދު ހައްޔަރު ކުރީ، މިދިޔަ މަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ނޫން ބަޔަކު ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ތެރެއަށް ވަން މައްސަލައިގެ ތުހުމަތުގައެވެ.

ކްރިމިނަލް ކޯޓުން އަމީތު ނުކުމެވަޑައިގަންނަވަނީ: ސައުދާއި އަމީތަށް ކުރި ޝަރުތު ދެމިއޮންނާނީ 30 ދުވަހުގެ މުއްދަތަށް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ ދެބޭފުޅުންގެ މައްޗަށް ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅި ކަމުގެ ދައުވާ އުފުލާފައެވެ.