ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ އަމިއްލަ ނަންފުޅުގައި ހުރި ތަންތަނާއި ތަކެތި ދިވެހި ދައުލަތަށް ނެގުމަށް 1986 ވަނަ އަހަރު އޭރުގެ ހައިކޯޓުން ކޮށްފައިވާ ހުކުމް އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ނާސިރުގެ ދަރިކަލަކު ރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅުއްވައިފި އެވެ.

އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައި ވަނީ ރައީސް ނާސިރު ދޮށީ ދަރިކަލުން އަހުމަދު ނާސިރު އެވެ.
އަހުމަދު ނާސިރުގެ ފަރާތްޕުޅުން މި މައްސަލައިގައި ޕަވަރ އޮފަ އެޓާނީ ލިބިވަޑައިގެން މަސައްކަތް ކުރައްވަނީ ގާނޫނީ ވަކީލު ޏ. ޢަލީ ޝަރީފު އިބްރާހީމް އެވެ.

އެ މައްސަލަ އިސްތިއުނާފު ކުރުމުގެ ހުއްދަ އަކަށް އެދި މިހާ ގިނަ ދުވަސް ފަހުން މަސައްކަތް ކުރައްވަނީ ކީއްވެތޯ ސުވާލު ދެންނެވުމުން ނާސިރުގެ ވަކީލު ޏ. ޢަލީ ޝަރީފު ވިދާޅުވީ މި މައްސަލަ ހިނގި ދުވަސްވަރު ނުވަތަ މި މައްސަލައިގައި ރައީސް ނާސިރުގެ މައްޗަށް ހުކުމް ކުރި ދުވަސް ވަރު އެ ކަން ކުރުމަށް ރާއްޖޭގެ ސިޔާސީ މާހައުލާއި އަދުލު އިންސާފު ގާއިމު ކުރުމުގެ ދާއިރާ އިން ޖާގަ ނުދޭ ކަމަށެވެ.

"ޖިނާއީ ބޮޑެތި ކުށްތަކުގެ ޝަރީއަތް ހިންގުމަށް ޓަކައި ކޯޓަށް ހާޒިރު ކުރަން ޖެހޭ މީހާ އަށް އޭނާގެ ހަށިގަނޑަށް ނުވަތަ ފުރާނަ އަށް ގެއްލުމެއް ނުލިބި ކޯޓަށް ހާޒިރު ނުވެވިދާނެ ކަމަށް ގަބޫލު ކުރެވޭ ސަބަބުތަކެއް ހުރި ނަމަ ކޯޓަށް ހާޒިރު ވުމަށް ޓަކައި ލިބެން ޖެހޭ ގާނޫނުގެ ހިމާޔަތާއި ރައްކާތެރިކަން ހޯދައިދިނުމަކީ ކޯޓުގެ ޒިންމާއެއް. އެހެން ނަމަވެސް މި މައްސަލަ ކުރިޔަށް ގެންދިޔަ އިރު މި ދެންނެވި ފަދަ އަމާން މާހައުލެއްގައި ދައުވާ އަށް ޖަވާބުދާރީ ވެވަޑައިގަތުމުގެ ފުރުސަތު ރައީސް ނާސިރަށް ލިބިވަޑައިގެންފައެއް ނުވޭ. އޭރު މާލޭގެ މާހައުލު ވަރަށް ހަލަބޮލި. ރައްޔިތުން ދިޔައީ ކެކެމުން. އެއީ ބަޔަކު އަޑީގައި ތިބެގެން ކުރިޔަށް ގެންދިޔަ ކަންތައްތަކެއް. އެ ފަދަ ވަގުތެއްގައި ދައުވާއަށް ޖަވާބުދާރީވެ ވަޑައިގަތުމަށް ނާސިރު ރާއްޖެ ވަޑައިގަންނަވާނީ ކިހިނެއްތޯ؟ ރައްޔިތުން ނުކުމެ އެމަނިކުފާނުގެ ފުރާނަ ނޫންތޯ ހިފާނީ؟" ކޯޓު ނަންބަރުތައް ހުރި އިރު ރާއްޖޭގެ ގިނަ ކޯޓުތަކުގައި އަދި އަވަސް ނިޔާ ކޯޓުގައި ވެސް މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރު ގާނޫނީ ވަކީލު ވިދާޅުވި އެވެ.

އެ މައްސަލައާ ގުޅޭ ގޮތުން، މިހާރު ރާއްޖެ އިން ބޭރުގައި ދިރިއުޅުއްވާ، ރައީސް އިބްރާހީމް ނާސިރުގެ ދަރިކަލުން އަހުމަދު ނާސިރު ވެސް ވަނީ ސަން އަށް ޚާއްސަ އިންޓަވިއުއެއް ދެއްވައިފަ އެވެ. މިއީ ރައީސް ނާސިރުގެ މިފަދަ ކަމަކާ ގުޅޭ ގޮތުން އެމަނިކުފާނުގެ ދަރިކަލަކު ރާއްޖޭގެ މީޑިއާއަށް އިންޓަވިއުއެއް ދެއްވި ފުރަތަމަ ފަހަރެވެ. ރައީސް ނާސިރުގެ ހަޔާތްޕުޅު ނިމިގެން ދިޔުމާ ހަމައަށް ވެސް، އަދި އޭގެ ފަހުން ވެސް އެ ޢާއިލާގެ ބޭފުޅުން އުޅުއްވަނީ މީޑިއާއާ ވަރަށް ދުރުގަ އެވެ.

އަހުމަދު ނާސިރު ސަން އަށް ދެއްވި ޚާއްސަ އިންޓަވިއުގައި ވިދާޅުވީ، ބައްޕަގެ މުދާ ދައުލަތަށް ނަގާފައި ވަނީ ހައްގު ގޮތުގައި ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ބައްޕާފުޅު ދުނިޔޭގައި ހުންނެވި އިރު ވިދާޅުވެފައިވާ ކަމަށެވެ. އަދި ބައްޕާފުޅު ދުނިޔޭގައި ނެތް ދުވަހަކުން ވެސް އެ މުދާ ނުވަތަ އޭގެ ބަދަލު ހޯއްދަވަން ދަރިން މަސައްކަތް ކުރެއްވުމަކީ ވަރަށް ބޮޑަށް އެދިވަޑައިގެންނެވި ކަމެއް ކަމަށް ވެސް އަހުމަދު ނާސިރު ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ ރާއްޖޭގައި މިހާރު މި އޮތް ޝަރުޢީ ނިޒާމުގެ ތެރެއިން މި މައްސަލަ އަށް އިންސާފު ލިބިވަޑައިގަންނަވާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށާއި މި ކަމުގައި ދިވެހި ދައުލަތުގެ ފަރާތުން ޢާއިލާއާ އެކު މަޝްވަރާ އަކަށް ދާން ބޭނުން ނަމަ އެ ކަމަށް ވެސް ތައްޔާރަށް ތިއްބެވި ކަމަށެވެ.

އަހުމަދު ނާސިރު އިތުރަށް ވިދާޅުވީ އެ މަނިކުފާނަކީ އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރެއް ނޫން ކަމަށާއި މި ކަމުގައި އެއްވެސް ސިޔާސީ ކުލައެއް ޖައްސަން ބޭނުންފުޅު ނުވާ ކަމަށެވެ.

"މި ދައުވާ ނުވަތަ އިސްތިއުނާފަކީ އަޅުގަނޑު އެއްވެސް ބޭފުޅަކާ ނުވަތަ ވަކި ފަރުދަކާ ދެކޮޅަށް ކުރާ ކަމެއް ނޫން. އަދި ހަމަ އެފަދައިން މި މައްސަލައިގައި އެއްވެސް ސިޔާސީ ކުލައެއް ޖައްސާކަށް ބޭނުމެއް ނޫން. އަޅުގަނޑަކީ ސިޔާސީ މައިދާނާ ދުރުގައި ހުރި މީހެއް،" ސަން އިން ދެންނެވި ސުވާލު ތަކަށް ޖަވާބު ދެއްވަމުން އަހުމަދު ނާސިރު ވިދާޅުވި އެވެ.



އޭރުގެ ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން، އުއްތަމަ ފަނޑިޔާރު މޫސާ ފަތުހީ އާއި ފަނޑިޔާރު އިބްރާހީމް ނަސީރާއި ފަނޑިޔާރު އަހުމަދު ހަމީދު ފަހުމީ ސޮއި ކުރައްވައި، ރައީސް އިބްރާހީމް ނާސިރުގެ މައްޗަށް ކުރައްވާފައިވާ ހުކުމުގެ ފަހު ޕެރެގްރާފުގައި ވަނީ، "ދިވެހި ދައުލަތުގެ ފައިސާއިން 2570088.56 (ދެ މިލިއަން ފަސް ސަތޭކަ ހަތްދިހަ ހާސް، އައްޑިހަ އަށެއް، ޕޮއިންޓް ފަހެއް ހަޔެއް) ޔޫއެސް ޑޮލަރާއި އަދި 11108730.75 ( އެގާރަ މިލިއަން އެއްސަތޭކަ ހާސް، ހަތް ސަތޭކަ ތިރީސް ރުފިޔާ ހަތްދިހަ ފަސް ލާރި) ދިވެހި ރުފިޔާ އަށް، އިބްރާހީމް ނާސިރު ޚިޔާނާތްތެރިވެ ވަޑައިގެންފައިވާ ކަން ސާބިތު ވެއްޖެ ކަމަށާއި، އިބްރާހީމް ނާސިރު ޚިޔާނާތްތެރިވެވަޑައިގަތް ދިވެހި ފައިސާގެ ތެރެއިން އަނބުރާ ދައްކަވާފައިވާ އަށް ލައްކަ ރުފިޔާ ކެނޑީމާ ބާކީ އޮތް 10308730.75 ދިވެހި ރުފިޔާއި، 2570088.56 ޔޫއެސް ޑޮލަރު އިބްރާހީމް ނާސިރު ދިވެހި ސަރުކާރަށް ދެއްވަން ޖެހޭ ކަމަށާއި މި ފައިސާ މިއަދުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި ދީ އަދާ ކޮށް ނިންމެވުމަށާއި، މި މުއްދަތު ހަމަވާ އިރު، މި ފައިސާ ދައްކަވާ ނުނިމި އޮވެއްޖެ ނަމަ އިބްރާހީމް ނާސިރުގެ އަމިއްލަފުޅު ތަކެތީގެ ގޮތުގައި ހުރި ތަންތަނާއި ތަކެތީގެ ތެރެއިން ދައުލަތަށް ބޭނުންފުޅުވާ ތަންތަނާއި ތަކެތި އޭގެ ޝަރުއީ އަގުން މި ދަރަނީގެ މައްޗަށް ލިބިދިނުމަށާއި އަދި އިބްރާހީމް ނާސިރުގެ ފައިސާގެ ގޮތުގައި ބޭންކު ތަކުގަ އާއި މަނިޓަރީ އޮތޯރިޓީގައި ހުރި، ފައިސާއެއް މި ދަރަނީގެ މައްޗަށް ލިބިދިނުމަށާއި، މި ގޮތުން ދަރަނި އަދާ ނުވެއްޖެ ނަމަ، ދެން މީގެ އިތުރަށް ހުރި ތަންތަނާއި ތަކެތި ނީލަމުގައި ވިއްކައިލައި ލިބުނު ފައިސާއެއް މި ދަރަނީގެ މައްޗަށް ލިބިދިނުމަށާއި، މި ގޮތުން ވެސް ދަރަނި އަދާ ނުވެއްޖެ ނަމަ އަދާ ނުވެ ބާކީ އޮތް ތަނެއް އެއީ ދިވެހި ދައުލަތަށް އިބްރާހީމް ނާސިރު ދެއްވަން ޖެހޭ ދަރަންޏެއް ކަމަށް ކަނޑައަޅައި އިބްރާހީމް ނާސިރުގެ މައްޗަށް ސާބިތުވާ ޚިޔާނާތުގެ ކުށަށް ދިވެހި ރާއްޖޭގެ ގާނޫނުލް އުޤޫބާތުގެ 131 ވަނަ މާއްދާގައި ވާ ގޮތުގެ މަތީން 1 އަހަރު ދުވަހުގެ މުއްދަތަށް އިބްރާހީމް ނާސިރު އަރުވާލުމަށާއި، ޚިޔާނާތްތެރިވެވަޑައިގަތް ފައިސާގެ އަދަދަށް ބަލައި ގާނޫނުލް އުޤޫބާތުގެ 132 ވަނަ މާއްދާ އާއި، 16 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އަރުވާލަން ޖެހޭ މުއްދަތުގެ ތެރެއަށް 24 އަހަރު އިތުރު ކޮށް، 25 (ފަންސަވީސް) އަހަރު ދުވަހުގެ މުއްދަތަށް އިބްރާހީމް ނާސިރު އަރުވައިލުމަށް ހުކުމް ކޮށް މި ޤަޒިއްޔާ ނިންމީ އެވެ." މި ފަދައިންނެވެ.