20 Aug 2017, 14:00
ޖިއްދާ (އޮގަސްޓް 20): އިނގިރޭސިވިލާތުގެ އަށް މީހަކު ހައްޖުގެ އަޅުކަން އަދާ ކުރުމަށްޓަކައި 3000 ކިލޯމީޓަރަށް ބައިސްކަލުގައި ދަތުރުކޮށްފި އެވެ.
ފްރާންސް، ސްވިޒަލޭންޑް، އިޓަލީ، ގްރީސް އަދި މިސްރު ހުރަސް ކުރުމަށް ފަހު ދަތުރު ކުރި އެ އަށް ހައްޖާޖީން ބުނި ގޮތުގައި އެދަތުރުގެ މަގުސަދަކީ ސީރިއާގެ ރައްޔިތުންނަށް އެހީތެރިވުމަށް ޓަކައި ހިއުމަން އެއިޑް ޔޫކޭ ކިޔާ ޗެރިޓީއަކަށް އެއް މިލިއަން ޕައުންޑް އެއްކުރުމެވެ.
މިދިޔަ މަހުގެ 14 ވަނަ ދުވަހު ފެށި 'ހައްޖު ރައިޑަށް' ފައިސާ ހަދިޔާ ކުރުމުގެ ފުރުސަތު ވަނީ އެމީހުންގެ ވެބްސައިޓު މެދުވެރިކޮށް ހުޅުވާލާފަ އެވެ. އެގުރޫޕުގައި އިސްކޮށް ހުންނަ އަބްދުލް ވާހިދު ބުނި ގޮތުގައި އެވެބްސައިޓަށް ހަދިޔާ ކުރާ ފައިސާ ބޭނުން ކުރާނީ ސީރިއާގައި ބޭނުން ކުރާ ހިއުމަން އެއިޑްގެ އެމްބިއުލާންސްތައް ބަލަހައްޓައި، އެގައުމަށް އިތުރު ސިއްހީ އާލާތްތައް ފޮނުވުމަށެވެ.
ހިއުމަން އެއިޑާއި އިނގިރޭސިވިލާތާއި މެލޭޝިއާގެ ޖަމްއިއްޔާތަކެއް ގުޅިގެން ވަނީ މީގެ ކުރިން ސީރިއާއަށް 85 އެމްބިއުލާންސް ފޮނުވާފަ އެވެ.
އަބްދުލް ވާހިދު ވަނީ ހައްޖު ރައިޑުގެ ސަބަބުން ސީރިއާގެ ރައްޔިތުންނަށް އެހީތެރިވުމުގެ އިތުރުން، އިސްލާމް ދީނަކީ ސުލްހަވެރި ދީނެއްކަން އެމީހުން ހުރަސްކުރި ގައުމުތަކުގެ ރައްޔިތުންނަށް ހާމަކޮށްދެވިފައިވާ ކަމަށް އުއްމީދު ކުރާ ކަމަށް ބުނެފަ އެވެ. (އަލް އަރަބިޔާ