20 Aug 2017, 14:05
ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުރުމަށް ފަހު ޖަރުމަން މިޑްފީލްޑަރު މާރިއޯ ގޮޓްޒޭ، ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅުނު ފުރަތަމަ މެޗުގައި ދެއްކި ކުޅުން ފާހަގަކޮށް އެ ކްލަބުގެ ކޯޗު ޕީޓާ ބޯޒް ތައުރީފްކޮށްފި އެވެ.
ހަތް މަސް ދުވަސްތެރޭ ފުރަތަމަ ފަހަރަށް އުމުރުން 25 އަހަރުގެ ގޮޓްޒޭ ފެނިފައި ވަނީ ޖަރުމަން ބުންޑަސްލީގާގައި ވުލްފްސްބާގްއާ ދެކޮޅަށް ކުޅެ 3-0 ލަނޑުގެ ނަތީޖާއަކުން ޑޯޓްމަންޑް މޮޅުވި މެޗުގައެވެ. މިދިޔަ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހުން ފެށިގެން ޑޯޓްމަންޑްގެ ޓީމުން ގޮޓްޒޭ ފެނިފައިނުވަނީ އޭނާ ކުރިމަތިލާން ޖެހުނު ބައްޔަކާ ގުޅިގެންނެވެ.
ވުލްފްސްބާގްއާ ދެކޮޅަށް ކުޅުނު މެޗުގައި ގޮޓްޒޭ ދެއްކި ކުޅުމަށް ކޯޗު ބޯޒް ތައުރީފް ކޮށްފައިވާ އިރު، މެޗުގެ ފަހުކޮޅު އޭނާ ބަދަލުކޮށްފައި ވަނީ އިތުރު ކަމަކާ ކުރިމަތިލާން ޖެހި ކުޅުމާ ދުރުގައި ހުންނަން ޖެހިދާނެ ކަމުގެ ބިރު އޮތުމުން ކަމަށް ޑޯޓްމަންޑްގެ ކޯޗު ފާހަގަކުރި އެވެ.
"ވަރަށް ރަނގަޅަށް ދިޔައީ. ގޮޓްޒޭ ވަރަށް ރަނގަޅު ކުޅުނު. އޭނާއަކީ ވަރަށް މޮޅު ކުޅުންތެރިއެއް. އެކަމަކު އަހަރެމެން އޭނާއާ މެދު ވިސްނަންޖެހޭ. އެހެންވެގެން ގަޑިއިރެއް ފަހުން އަހަރެން އޭނާ ބަދަލުކުރީ. އަހަރެމެން އެއްވެސް ރިސްކްއަކާ ކުރިމަތިލާކަށް ބޭނުމެއް ނުވޭ،" ގޮޓްޒޭއާ ގުޅޭގޮތުން ކޯޗު ބޯޒް ބުންޏެވެ.
ބޯޒް ބުނީ، ގޮޓްޒޭއަކީ ވަރަށް ހާއްސަ ކުޅުންތެރިއެއް ކަމަށާއި ކުރިއަށް ހުރި މެޗުތަކުގައި ވެސް ގޮޓްޒޭގެ ފަރާތުން ވުލްފްސްބާގް މެޗަށްވުރެ ރަނގަޅު ކުޅުމެއް ފެންނާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
ރަށުން ބޭރުގައި ރޭ ވުލްފްސްބާގްއާ ދެކޮޅަށް ޑޯޓްމަންޑް ކުޅުނު މެޗުގައި އެ ޓީމުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ކްރިސްޓިއަން ޕުލިސިޗްއާއި މާކް ބާޓްރާ އަދި ޕިއެރޭ އެމެރިކް އޮބަމަޔާން އެވެ.