20 Aug 2017, 13:29
ސަރުކާރުގެ މައި ފެން ކުންފުނި، އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރުގެ ނަމުގައި ފުރަތަމަ ފަހަރަށް އެވޯޑެއް ތައާރަފްކޮށް، އެ އެވޯޑް މުހައްމަދު އަލީ އަށް އަދި ޗެއާމަންސް އެވޯޑް ރުސްތުމް މުހައްމަދަށް ދީފި އެވެ.
އެމްޑަބްލިއުއެސްސީގެ 22 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ހަފްލާގައި ކޮންމެ އަހަރަކު ދޭން ނިންމައި ތައާރަފްކުރި އެމްޑީސް އެވޯޑަކީ ކުންފުނީގެ ސްޓްރެޓެޖިކް ލެވެލްގައި މަސައްކަތްކުރާ ބޭފުޅުންނަށް މެނޭޖިން ޑިރެކްޓަރު ދެއްވާ ހާއްސަ އެވޯޑެކެވެ.
އަދި ޗެއާމަންސް އެވޯޑް ފޯ އެކްސެލެންސް އެވޯޑަކީ އެމްޑަބްލިއުއެސްސީން ދެމުން ގެންދާ އެންމެ ހާއްސަ އެވޯޑެވެ. އެ އެވޯޑް ދެނީ ކުންފުނީގެ ކުރިއެރުމަށާއި ތަރައްގީއަށް ފާހަގަކުރެވޭ އަގުހުރި، އިހްލާސްތެރި ހިދުމަތްތަކެއް ކޮށްދިނުމުގެ އިތުރުން ކުންފުނީގެ ތަސައްވަރު ކުރިއެރުވުމަށްޓަކާ ކެނޑިނޭޅި މަސައްކަތް ކުރައްވާ ބޭފުޅުންނަށެވެ.

އެމްޑަބްލިއުއެސްސީގެ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ހަފްލާގައި އެމްޑީސް އެވޯޑް ލިބުނު މުހައްމަދު އަލީއަށް ކުންފުނީގެ އެމްޑީ ފަޒުލް އެވޯޑް ހަވާލު ކޮށްދެއްވަނީ --- ފޮޓޯ/ އެމްޑަބްލިއުއެސްސީ ޓްވިޓާ
އެގޮތުން ރޭގެ ރަސްމިއްޔާތުގެ އެމްޑީސް އެވޯޑް ލިބުނު މުހައްމަދު އަލީ އަކީ އެމްޑަބްލިއުއެސްސީގެ ޕްލޭނިން އެންޑް ޑިޒައިންގެ މެނޭޖަރުގެ މަގާމުގައި ހުންނެވި ބޭފުޅާ އެވެ. އަދި ޗެއާމަންސް އެވޯޑް ފޯ އެކްސެލެންސް ލިބުނު ރުސްތުމްއަކީ އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ އޮޕަރޭޝަންސް މެނޭޖަރެވެ.
އެ ދެ ބޭފުޅުންނަށް ވެސް އެވޯޑް ހަވާލު ކޮށްދެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ.
އޭގެ އިތުރުން އެމްޑަބްލިއުއެސްސީގެ މުވައްޒަފުންގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ޖުމްލަ ނުވަ އެވޯޑެއް ޖުމްލަ 43 މުވައްޒަފަކަށް ރޭ ވަނީ ދީފަ އެވެ.
އެގޮތުން ކުންފުނީގެ ސްކޮލަޝިޕްގައި ތައުލީމީ ގޮތުން ފާހަގަކޮށްލެވޭ ވަނަތަކެއް ހޯދާފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށް ދޭ އެޗީވްމަންޓް އެވޯޑް ދެ މުވައްޒަފަކަށް ދީފައިވާއިރު 10 އަހަރު ދުވަހު ކުންފުންޏަށް ހިދުމަތްކުރި ހަތް މުވައްޒަފަކަށާއި 20 އަހަރު ދުވަހު ކުންފުންޏަށް ހިދުމަތްކޮށްދިން 18 މުވައްޒަފަކަށް އެވޯޑް ދިނެވެ.
އެމްޑަބްލިއުއެސްސީގެ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގައި އެވޯޑް ލިބުނު މުވައްޒަފަކަށް މިނިސްޓަރު ޠާރިގް އެވޯޑް ހަވާލުކޮށްދެއްވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
އޭގެ އިތުރުން މޯސްޓް ޕްރޮމިސިން އެމްޕުލޯއީގެ އެވޯޑް ހަތް މުވައްޒަފަކަށް ދިންއިރު އެމްޕުލޯއީ ފޯ ޓީމް ވޯކް އެވޯޑާއި މޯސްޓް ޑެޑިކޭޓެޑް އަދި މޯސްޓް ޕްރޮޑަކްޓިވް މުވައްޒަފުގެ އެވޯޑް ޖުމްލަ ނުވަ މުވައްޒަފަކަށް ދީފައިވެ އެވެ.
އެންވަޔަރަމަންޓް މިނިސްޓަރު ޠާރިގް އިބްރާހިމް ޝަރަފްވެރި ކޮށްދެއްވި ރޭގެ ރަސްމިއްޔާތުގައި އެމްޑަބްލިއުއެސްސީން ވަނީ މުޅިން އަލަށް ތިން ހިދުމަތެއް ތައާރަފްކޮށްފަ އެވެ. އެ ހިދުމަތްތަކަކީ ސެލްފް ސާވިސް ކިއޮސްއާއި މޯބައިލް އެޕްލިކޭޝަނެއް އަދި ފެން މީޓަރުގެ ރީޑިން ނަގައި، ވަގުތުން ބިލް ދޫކުރެވޭ ހިދުމަތެވެ.