ކ. މާފުށީ ކައުންސިލްގެ ރައީސްގެ މަގާމުން މުހައްމަދު މުސްތަފާ ވަކި ކޮށްފައި ވަނީ ގާނޫނާ އެއްގޮތަށް ކަމަށް މާފުށީ ކޯޓުން ހުކުމް ކުރުމާ ގުޅިގެން އެ ކައުންސިލްގެ އައު ރައީސަކަށް އަބްދުﷲ މުފީދު ހޮވައިފި އެވެ.

މާފުށީ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ނަޝީދު ވިދާޅުވީ މިއަދު ހެނދުނު އޮތް ކައުންސިލް ބައްދަލުވުމެއްގައި ރައީސް ކަމުގެ މަގާމުގައި ހުންނެވި މުހައްމަދު މުސްތޮފާ މަގާމުން ވަކި ކުރި މައްސަލައިގައި މާފުށީ ކޯޓުން އެއީ ސައްހަ ނިންމުމެއް ކަމަށް ހުކުމް ކުރީ މިދިޔަ ބުދަ ދުވަހު ކަމަށެވެ.

ނަޝީދު ވިދާޅުވީ ރައީސްގެ މަގާމަށް ކުރިމަތިލާފައި ވަނީ އަބުދުﷲ މުފީދާއި މަޖުދާ އިބްރާހިމް ކަމަށެވެ. އަދި މުފީދު ރައީސް ކަމަށް ހޮވަން ތިން ވޯޓު ލިބުނު އިރު މަޖުދާ އަށް ލިބިފައި ވަނީ އެއް ވޯޓު ކަމަށް ނަޝީދު ވިދާޅުވި އެވެ.

ޖޫން މަހުގެ 22 ވަނަ ދުވަހު މުސްތަފާ ކައުންސިލްގެ ރައީސް ކަމުން ވަކި ކުރި މައްސަލަ މާފުށީ ކޯޓަށް އޭނާ ހުށަހެޅުއްވީ އޭނާ އެ މަގާމުން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އެވެ.