10:00


މަތީ ސާނަވީ ގައި އިސްލާމް ދިވެހި އިޚްތިޔާރީ މާއްދާތަކުގެ ގޮތުގައި ހަދާފައިވަނި އެޑިއުކޭޝަން މިނިސްޓަރގެ އަމިއްލަފުޅު ސިޔާސަތެއްގެ ދަށުން އެއްވެސް މަޝްވަރާ ކުރުމެއްނެތި ކަމަށް ބުނެ އެކަން އަދާލަތު ޕާޓީން ކުށްވެރިކޮށްފި އެވެ.


މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ގޮތް ދޫނުކުރުމުގެ ސިޔާސަތު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ބުނެ އަދާލަތު ޕާޓީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ތަޢުލީމީ ކަރިކިއުލަމް އިސްލާހު ކުރުމަށް ބޭއްވި ގައުމީ މަހާސިންތާގެ އެންމެން އެއްބަސްވެފައިވާ ގޮތާއި ޚިލާފަށް ރާއްޖޭގައި މަތީ ސާނަވީ ތަޢުލީމުގެ ހުރިހާ މާއްދާއެއް އިޚްތިޔާރީ މާއްދާތަކުގެ ގޮތުގައި ހަދާ އޭގެ ތެރޭން އިސްލާމާއި ދިވެހި މާއްދާއަކީ ވެސް ބޭނުން ދަރިވަރަކު ކިޔެވުމަށް އިޚްތިޔާރީ ގޮތުގައި ދޫކޮށްލާފައިވާ އެއްޗެއްގެ ގޮތުގައި ނިންމައިފި ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.މުސްތޮފާ ލުތުފީ ގައުމެއް ދެއްވި ހައިރާން ކުރަނިވި ޚަބަރު ވެގެން ދިޔައީ ރައްޔިތުންނަށް ކުއްލި ސިހުމެއް ލިބިގެންދިޔަ ކަމެއް ކަމަށެވެ.


މިމަހުގެ 12 ވަނަ ދުވަހު އަދާލަތު ޕާޓީގެ ބޭފުޅުންނާއި އެޑިއުކޭޝަން މިނިސްޓަރ ބައްދަލުކުރައްވާ އެމައްސަލަ ވަޒީރުންގެ މަޖިލީހަށް ގެންދަވާނެ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ ވެސް މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވި ވިދާޅުވުން ހަނދުމަ ނައްތަވާލައްވާފައިވާ ކަމަށް ވެސް އެބަޔާނުގައިވެ އެވެ.


އަދާލަތުން މީގެކުރިން ވެސް ވަނީ ތައުލީމީ ހުރިހާ ގްރޭޑެއްގައި ވެސް އިސްލާމް އާއި ދިވެހި މަޖުބޫރު ދެ މާއްދާގެ ގޮތުގައި ބޭއްވުމަށް އެދިފައެވެ.