20 Aug 2017, 12:44
ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަށް އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލައިފި އެވެ.
އަބްދުއްރަހީމްގެ މެއަށް ތަދެއް އަރައިގެން އައިޖީއެމްއެޗް ހޮސްޕިޓަލުގައި އެޑްމިޓް ކުރީ އިއްޔެ ހެދުނެވެ. އަދި ޓެސްޓުތަކެއް ހެދުމަށް ފަހު 24 ގަޑިއިރަށް އޮބްޒަވޭޝަންގައި ބޭއްވި އެވެ.
ނަމަވެސް އާއިލާގެ ބޭފުޅަކު މިއަދު ވިދާޅުވީ، ސީރިއަސް އެއްވެސް ކަމެއް ފާހަގަވާން ނެތުމުން އިއްޔެގެ ހަވީރުގެ ވަގުތެއްގައި އަބްދުއްރަހީމް ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ. އަދި އަބްދުއްރަހީމްގެ ހާލު ރަނގަޅު ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އާއިލާ މެމްބަރު ވިދާޅުވި އެވެ.
ޕީޕީއެމްގެ ހިންގުމުގައި އިސް ދައުރެއް އަދާކުރައްވާ އަބްދުއްރަހީމްގެ މެއަށް ތަދެއް އަރައިގެން ހޮސްޕިޓަލުގައި ފަރުވާ ދީފައިވާ އިރު މީގެ ކުރިން ވެސް ހިތުގެ މައްސަލައަކަށް ރާއްޖޭން ބޭރުން އޭނާ ވަނީ ފަރުވާ ހޯއްދަވައިފަ އެވެ.