20 Aug 2017, 12:51
އެމްޓީސީސީ އާއި ސޭވްދަ ބީޗްއާ ގުޅިގެން ތ. ހިރިލަންދޫގައި ސާފުކުރުމުގެ ޙަރަކާތެއް ކުރިއަށް ގެންގޮސްފި އެވެ.
އެ ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ ހިރިލަންދޫ ބޯޓްޔާރޑްގެ ގޮނޑުދޮށް ސަރަހައްދުގަ އެވެ.
އިއްޔެ ހެނދުނު ކުރިއަށް ގެންދިޔަ ހަރަކާތުގައި ހިރިލަންދޫ ސްކޫލްގެ ގްރޭޑް 7، 8، 9ގެ ދަރިވަރުންނާއި ޓީޗަރުން، ރަށު ކައުންސިލް، މޯލްޑިވްސް ޕޮލިސް ސާވިސް އަދި ރަށުގައި ހަރަކާތްތެރިވާ އަމިއްލަ ޖަމިއްޔާތަކުން ބައިވެރިވެފައިވާ ކަމަށް އެމްޓީސީސީ އިން ބުންޏެވެ.
އިއްޔަ ކުރިޔަށް ގެންދިޔަ ސާފުކުރުމުގެ ހަރަކާތުގެ ތެރެއިން-- ފޮޓޯ/އެމްޓީސީސީ
އެމްޓީސީސީ އިން ބުނި ގޮތުގައި، އިއްޔެ ހިންގި ސާފުކުރުމުުގެ ހަރަކާތުގައި ޖުމްލަ 640.01 ކިލޯގެ ކުނި އެސަރަހައްދުން ހޮވާފައިވާ ކަމަށާއި ދެވަނަ ފަހަރަށް ބޭނުންވާ ކުނި ސޭވް ދަ ބީޗް އާ ހަވާލުކުރާނެ އެވެ. މީގެ އިތުރުން އެ ހަރަކާތުގެ ތެރެއިން ތ. ހިރިލަންދޫ ކައުންސިލަށް އެމްޓީސީސީގެ ފަރާތުން 10 ޑަސްޓްބިން ހަދިޔާ ކުރިކަމަށް ވެސް އެމްޓީސީސީ އިން ބުންޏެވެ.
އެމްޓީސީސީ އިން ބުނީ އެ ޙަރަކާތުގެ ބައިވެރިންނަށް އެކި ބާވަތްބާވަތުގެ ކުނި ނައްތާލަން ޖެހޭ ގޮތްތަކާއި އެތަކެތިން ލިބޭ ގެއްލުން އަދި ދެވަނަ ފަހަރަށް ބޭނުންކުރެވޭ ކުންޏަކީ ކޮބައިކަން ފަދަ މުޙިންމު މަޢުލޫމާތުތަކެއް ފޯރުކޮށްދެވިފައި ވާނެ ކަމަށެވެ.
އިއްޔެގެ ހަރަކާތުގައި ބޭނުންތެރި މައުލޫމާތުތަކެއް ވަނީ ފޯރު ކޮށްދީފައި -- ފޮޓޯ/އެމްޓީސީސީ
ސުޒުކީ ކްލީންއަޕް ދަ ވާލްޑް ކެމްޕެއިންއަކީ ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ސުޒުކީގެ އައުޓްބޯޑް އިންޖީން ވިއްކާ ފަރާތްތައް ބައިވެރިވެގެން ހިންގާ ހަރަކާތެކެވެ. އެގޮތުން އެމްޓީސސީގެ ފަރާތުން މި ހަރަކާތް ކުރިޔަށްގެންދާތާ މިއީ ތިން ވަނަ އަހަރުކަމަށް އެމްޓީސީސީ އިން ބުންޏެވެ.