24 Jul 2011, 14:07
މަގުކުނިކެހުމަށް ސަރުކާރުން ދޭ ފައިސާގެ ތެރެއިން ހަ މަސް ދުވަހުގެ ފައިސާ ނުލިބިގެން ނ. މާޅެންދޫ އަންހެނުން ނުކުމެ އެ ރަށު ކައުންސިލްގެ އިދާރާ މިއަދު ބަންދުކޮށްފި އެވެ.
މާޅެންދޫ ކައުންސިލް ރައީސް އަބްދުއްރަހީމް މިއަދު ވިދާޅުވީ، އެ ރަށު އިޖްތިމާއި ސަރަހައްދު ކުނިކަހަން ހަވާލުކޮށްފައި އޮންނަނީ 50 ވަރަކަށް އަންހެނުން ހިމެނޭ ގްރޫޕަކާ ކަމަށާއި އެ މީހުން ފައިސާ ނުލިބިގެން ޝަކުވާ ކުރާތާ ހަ މަސް ދުވަސް ވެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ޤައުމީ އިދާރާ އިން އަންގަވާފައި ވަނީ ކައުންސިލް ބަޖެޓުން ފައިސާ ދިނުމަށް ކަމަށާއި ނަމަވެސް ކައުންސިލްގެ ބަޖެޓުން ފައިސާ ދީފި ނަމަ ރަށުގެ އެހެންކަންތައްތަކަށް ހަރަދުކުރާނެ ފައިސާ ކައުންސިލްގެ ބަޖެޓްގައި ނެތް ކަމަށާއި އެ ވާހަކަ ގައުމީ އިދާރާގައި ދަންނަވާފައިވާނެ ކަމަށެވެ.
"މިރަށު ކައުންސިލް ބަޖެޓަށް މި އަހަރު އަޅުގަނޑުމެނަށް ދެއްވާފައި ވަނީ 360000 ރުފިޔާ. އެފައިސާ އިން ކުނިކަހާ މީހުންނަށް ފައިސާ ދިނުމަށް ޤައުމީ އިދާރާ އިން މި އަންގަވަނީ. ޤައުމީ އިދާރާ އިން މިހެން ވިދާޅުވާ އިރު އަޅުގަނޑު ތަކުރާރުކޮށް އެފަރާތަށް ދަންނަވަމުން މިދަނީ ކުނީގެ ފައިސާ އާއި އިޖްތިމާއީ ސަރަހައްދު ދިއްލުމުގެ ފައިސާ އާއި ތަނުގެ ސެކިއުރިޓީ ފައިސާ ހަވާލު ކުރުމުން 360000 ރުފިޔާ އެހިސާބުން ނިމިގެންދާ ކަމަށް ]ހުސްވާނެ[،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ކައުންސިލްގެ ރައީސް ވިދާޅުވީ ބަޖެޓްގައި ކުނިކަހާ މީހުންނަށް ދޭން ޖެހޭ ފައިސާ ހިމަނައިގެން ބަޖެޓް ފޮނުވިތާ ދޮޅު މަސްވީ އިރު ވެސް އެބަޖެޓް ފާސްކޮށް ދެއްވާފައި ނުވާކަމަށާއި ބަޖެޓް ފާސްކޮށްދެއްވީ ކުނިކަހާ މީހުންގެ ފައިސާ އުނިކުރުމުން ކަމަށެވެ. އޭނާ ވިދާޅުވީ ކުނިކަހާ މީހުންނަށް ކޮންމެ ތިން މަހަކަށް ބައިލައްކަ ވަރަކަށް ރުފިޔާ ދޭން ޖެހޭ ކަމަށެވެ.
ކުނިކަހާ މީހުން ކޮށްފައިވާ ހަރަދުތައް ބެލުމަށް ފަހު އަދި ކައުންސިލުން ކުރަން ހުރި ހަރަދުތައް ބެލުމަށް ފަހު ކުނިކަހާ މީހުންނަށް ކޮންމެ ވެސް ވަރަކަށް ފައިސާ ދެވިދާނެ ކަމަށާއި ނަމަވެސް ހަ މަސް ދުވަހުގެ ފައިސާ ނުދެވޭނެ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.