20 Aug 2017, 09:51
ނިއު ދިއްލީ(އޮގަސްޓް 20): އިންޑިއާގެ އުއްތަރަ ޕްރަދޭޝްގައި ދަތުރު ކުރަމުން ދިޔަ ރޭލެއް ދަގަނޑު މަތިން ކައްސާލުމުގެ ސަބަބުން 23 މީހަކު މަރުވެ، 60 މީހަކަށް އަނިޔާވެއްޖެ އެވެ.
އިންޑިއާގެ ފުލުހުން ބުނި ގޮތުގައި މުޒައްފަރުނަގަރުގައި ހިނގި އެހާދިސާގައި ރޭލުގެ އަށް ކެރިޖް ވަނީ ދަގަނޑު މަތިން ކައްސާލައިފައެވެ. ނަމަވެސް ރޭލު ކައްސާލަން މެދުވެރިވި ސަބަބު އަދި ހޯދިފައެއް ނުވެއެވެ.
އެހާދިސާ ހިނގީ އޮރިއްސާ ސްޓޭޓުގެ ޕޫރީ އިން ހަރީދަވަރަށް ރޭލު ދަތުރު ކުރަމުން ދަނިކޮށެވެ. އެހީ ފޯރުކޮށްދޭ ފަރާތްތަކުން މިހާރު ދަނީ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ އެހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފައެވެ. އަދި ރޭލުގެ ދަތުރުތައް ބަލަހައްޓާ ފަރާތްތަކުން ވަނީ މަރުވި މީހުންގެ އާއިލާތަކަށް 350،000 ރުޕީސް (5461 ޑޮލަރު) ދޭނެ ކަމަށާއި، މީގެ އިތުރުން ސީރިއަސް އަނިޔާތައް ލިބުނު ފަރާތްތަކަށް 50،000 ރުޕީސް އާއި ސީރިއަސް ނޫން އަނިޔާތައް ލިބުނު ފަރާތްތަކަށް 25،000 ރުޕީސް ދޭނެ ކަމަށް ބުނެފައެވެ.
އުއްތަރަ ޕްރަދޭޝްގައި އެހާދިސާ ހިނގާފައި ވަނީ އެ ސްޓޭޓުގައި ރޭލެއް ދަގަނޑު މަތިން ކައްސާލުމުގެ ސަބަބުން 150 މީހަކު މަރުވިތާ އަހަރެއްވެސް ނުވަނީހެވެ. (ބީބީސީ)