ސަންޖޭ ލީލާ ބަންސާލީގެ ކުރިއަށް އޮތް ފިލްމު 'ޕަދްމާވަތީ' ފުރަތަމަ ހުށަހެޅީ ކުރީގެ ދެ ލޯބިވެރިން ކަމުގައިވާ ސަލްމާން ޚާން އަދި އައިޝްވާރްޔާ ރާއީ ބައްޗަން އަށް ކަން މިވަނީ ހާމަވެފައެވެ.

ސަންޖޭ ލީލާ ބަންސާލީ ބޭނުންވީ 'ހަމް ދިލް ދޭޗުކޭ ސަނަމް' ގައި އައިޝްވާރްޔާ އާއި ސަލްމާންގެ ފަރާތުން ފެނިގެން ދިޔަ ކެމިސްޓްރީ އަލުން ސްކްރީނުން ދައްކާލާށެވެ.

އެހެން ނަމަވެސް ދެމީހުންގެ ލޯބީގެ ގުޅުން ނިމުމަށް ފަހު އެކުގައި މަސައްކަތް ކުރުމުގެ އިތުރުން، އެކަކު އަނެކަކާ ވާހަކަ ދައްކަން ވެސް ބޭނުމެއް ނުވެ އެވެ.

ދެމީހުންގެ ގުޅުން އެހެން އޮތް ނަމަވެސް، އައިޝްވާރްޔާ ވަނީ ސަލްމާން އާއެކު 'ޕަދްމާވަތީ' ކުޅުމަށް އެއްބަސްވެފައެވެ. އެހެން ނަމަވެސް އައިޝްވާރްޔާ ވަނީ ސަންޖޭ ލީލާ ބަންސާލީއަށް ޝަރުތެއް ހުށަހަޅައިފައެވެ.

އެއީ ފިލްމުގައި އަލާއުއްދީން ޚިލްޖީގެ ރޯލު ސަލްމާނަށް ދިނުމަށެވެ. ފިލްމުގައި ޕަދްމަވަތީ އަދި އަލާއުއްދީން އެކުގައި އެއްވެސް މަންޒަރެއް ނުހިމެނެއެވެ. އެހެން ކަމުން އައިޝްވާރްޔާއަށް ސަލްމާން އާއެކު އެއްވެސް ސީން އެއްގައި މަސައްކަތް ކުރާކަށް ނުޖެހޭނެ އެވެ.

އައިޝްވާރްޔާގެ މި ޝަރުތު ސަލްމާނަކަށް ކަމަކު ނުދިޔައެވެ. އެހެންކަމުން ސަލްމާން ވަނީ ފިލްމަށް ދެކޮޅު ހަދައިފައެވެ.

ދެމީހުންގެ ނިންމުމުގެ ސަބަބުން ސަންޖޭ ލީލާ ބަންސާލީ މާޔޫސް ކުރުވުމުން، އެންމެ ފަހުން ދީޕިކާ ޕަދުކޯން، ރަންވީރް ސިންގ އަދި ޝާހިދު ކަޕޫރު އާއެކު ފިލްމުގެ މަސައްކަތް ފެށީ އެވެ.

ފިލްމުގެ ޝޫޓިން އަދިވެސް ކުރިއަށް ދާއިރު، ފިލްމު ރިލީޒް ކުރާނީ އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އެވެ.