20 Aug 2017, 00:34
ދައުލަތުގެ ފެން ކުންފުނި، އެމްޑަބްލިއުއެސްސީގެ މިހާރުގެ އަމާޒަކަށް ވާންވީ ރާއްޖޭން ބޭރުގައި ކުންފުނީގެ މަސައްކަތްތައް ކުރުން ކަމަށް ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެމްޑަބްލިއުއެސްސީގެ 22 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ހަފްލާ ޝަރަފްވެރި ކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރައީސް ޔާމީންގެ އަމާޒަކީ އެމްޑަބްލިއުއެސްސީ އަކީ ރާއްޖެއާއި ރާއްޖޭން ބޭރުގައި ވެސް ވަރުގަދަ ކުންފުންޏަކަށް ހެދުން ކަމަށެވެ.
އެގޮތުން މިއަދު އެމްޑަބްލިއުއެސްސީއަކީ ޔުޓިލިޓީ ޕްރޮޖެކްޓުތަކުގެ ކޮންޓްރެކްޓް ނަގައިގެން މަސައްކަތް ކުރަމުން ގެންދާ ވަރުގަދަ ކުންފުންޏެއް ކަމަށާއި ރާއްޖޭގައި މިވަގުތު ކުރަމުން ގެންދާ ފެނާއި ނަރުދަމާގެ އެންމެ ބޮޑެތި ޕްރޮޖެކްޓްތައް ކުރާ ހަމައެކަނި ކުންފުންޏަކީ ވެސް އެމްޑަބްލިއުއެސްސީކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އަދި ވިދާޅުވީ، ރާއްޖޭގައި ހިންގާ ޕްރޮޖެކްޓަކަށް، ބައިނަލްއަގްވާމީ ކުންފުނިތަކަށް ހުޅުވާލައިގެން ގެންދިޔަ ޓެންޑަރިންތަކުގެ ތެރެއިން ނުވަ ޕްރޮޖެކްޓެއް އެމްޑަބްލިއުއެސްސީން ކާމިޔާބު ކޮށްފައިވުމަކީ ކާމިޔާބީ އެއް ކަމަށެވެ.
އެހެންކަމުން އެމްޑަބްލިއުއެސްސީގެ ފަރާތުން ރާއްޖޭން ބޭރުގައި އެ ކުންފުނީގެ މަސައްކަތްތައް ނުކުރެވޭންވީ ސަބަބެއް ނެތްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ބޭރުގެ ކުންފުނިތަކާ އެއްކޮށް ޓެންޑާ ކޮށްގެން ކާމިޔާބު ކުރުމަކީ އުފާކޮށް އެކަމަށް ފަހުރުވެރިވާ ކަމެއް. ދެން އެމްޑަބްލިއުއެސްސީގެ އަމާޒަކަށް ވާންވާނީ ކުންފުނީގެ މަސައްކަތް ރާއްޖޭން ބޭރުގައި ކުރަން. އަޅުގަނޑަށް ޔަގީން އެކަން ކުރެވޭނެކަން،" ތާރިގް ވިދާޅުވިއެވެ.
މިރޭގެ ހަފްލާގައި އެމްޑަބްލިއުއެސްސީން ވަނީ މުޅިން އަލަށް ތިން ހިދުމަތެއް ތައާރަފްކޮށްފައެވެ. އެ ހިދުމަތްތަކަކީ ސެލްފް ސާރވިސް ކިއޮސްއާއި މޯބައިލް އެޕްލިކޭޝަނެއް އަދި ފެން މީޓަރުގެ ރީޑިން ނަގައި، ވަގުތުން ބިލް ދޫކުރެވޭ ހިދުމަތެވެ.