19 Aug 2017, 23:25
ސަރުކާރު ފެން ކުންފުނި، އެމްޑަބްލިއުއެސްސީން ދެމުން ގެންދާ ހިދުމަތްތައް ލުއި ފަސޭހަ ކުރުމަށްޓަކާ ސެލްފް ސާރވިސް ކިއޮސްގެ ހިދުމަތާއެކު މޯބައިލް އެޕްލިކޭޝަނެއް ތައާރަފް ކޮށްފިއެވެ.
އެމްޑަބްލިއުއެސްސީގެ 22 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ހަފްލާގައި އެ ހިދުމަތްތައް ތައާރަފް ކޮށްދެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ.
މިރޭ އަލަށް ތައާރަފްކުރި ހިދުމަތްތަކަކީ އެ ކުންފުނިން 2014 ވަނަ އަހަރު ފަށާފައިވާ "ފަހި ހިދުމަތް" ކެމްޕޭންގެ ދަށުން ތައާރަފްކުރި ހިދުމަތް ތަކެކެވެ.
އެމްޑަބްލިއުއެސްސީން ބުނީ، ސެލްފް ސާވިސް ކިއޮސްގެ ހިދުމަތާއެކު ކިއުގައި ނުޖެހި އެ ކުންފުނިން ދެމުން ގެންދާ ހިދުމަތްތައް ލިބޭނެއެވެ. ނަމަވެސް އެ ހިދުމަތް ލިބޭނެ ތަނެއް އެ ކުންފުނިން ހާމަކޮށްފައެއް ނުވެއެވެ.
އަދި އެޕަލް އެޕް ސްޓޯރުންނާއި ގޫގުލް ޕްލޭ ސްޓޯރުން ހިލޭ ޑައުލްލޯޑް ކުރެވޭނެ އެމްޑަބްލިއުއެސްސީގެ ރަސްމީ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ބިލްތައް ޓްރެކް ކުރެވި އޮންލައިންކޮށް ބިލް ދެއްކުމުގެ ހިދުމަތާއި ފެން ބޭނުން ކުރެވެމުންދާ މިންވަރު ވެސް ބަލާލެވޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.
އޭގެ އިތުރުން އެމްޑަބްލިއުއެސްސީން ދެމުން ގެންދާ ހިދުމަތްތަކަށް އެދި ހުށަހެޅުމާއި ނޮޓިފިކޭޝަން ވެސް އެޕްލިކޭޝަން މެދުވެރިކޮށް ލިބޭނެއެވެ.
އެމްޑަބްލިއުއެސްސީގެ ފަހި ހިދުމަތަށް އިތުރު ދެ ހިދުމަތެއް މިރޭ ތައާރަފް ކޮށްފައިވާއިރު ފަހި ހިދުމަތުގެ ދަށުން ފެން ބިލަށް އަރާވަރު އެސްއެމްއެސްގެ ޒަރިއްޔާ އިން ބަލާލެވޭ ހިދުމަތަތަކާއި ކިއޫތަކުގައި މަޑު ނުކޮށް އެޕްލިކޭޝަންތައް ހުށަހެޅުމަށް "ޑްރޮޕް ބޮކްސް"ގެ ހިދުމަތެއް މީގެ ކުރިން ވަނީ ތައާރަފް ކޮށްފައެވެ.
އޭގެ އިތުރުން މިރޭގެ ރަސްމިއްޔާތުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ފެން މީޓަރުގެ ރީޑިން ނަގައި، ވަގުތުން ބިލް ދޫކުރެވޭ ނިޒާމެއް އެމްޑަބްލިއުއެސްސީން ތައާރަފް ކޮށްފައެވެ.