19 Aug 2017, 22:57
ރާއްޖޭގައި ފުރަތަމަ ފަހަރަށް ފެން މީޓަރުގެ ރީޑިން ނަގައި، ވަގުތުން ބިލް ދޫކުރެވޭ ނިޒާމެއް އެމްޑަބްލިއުއެސްސީން ތައާރަފްކޮށްފިއެވެ.
ސަރުކާރުގެ ފެން ކުންފުނި، އެމްޑަބްލިއުއެސްސީގެ 22 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ހަފްލާގައި "އޮން ސްޕޮޓް ބިލިން" ހިދުމަތް ތައާރަފްކޮށްދެއްވީ ތިމާވެށްޓާ ބެހޭ ވަޒީރު ތާރިގް އިބްރާހީމެވެ.
އެމްޑަބްލިއުއެސްސީން ބުނީ، އެ ހިތުމަތުން ފެން މީޓަރުގެ ރީޑިން ނެގުމަށްފަހު ބިލްކޮޅު ވަގުތުން ޕްރިންޓްކޮށް ކަސްޓަމަރުންނާ ހަވާލު ކުރެވޭނެ ކަމަށެވެ.
އަދި އެ ނިޒާމަކީ ތިމާވެށްޓާ ރައްޓެހި ހިދުމަތްތަކެއް ތައާރަފް ކުރުމަށް އެމްޑަބްލިއުއެސްސީން ކުރަމުންދާ މަސައްކަތުގެ ދަށުން އެކަމަށް ހޭދަވާ ވަގުތާ، ބިލްތައް ޗާޕު ކުރުމަށް ކަރުދާހަށް ކުރާ ހަރަދު ކުޑަ ކުރުމަށް ތައާރަފް ކުރި ނިޒާމެއް ކަމަށެވެ.
މީގެ އިތުރުން އެމްޑަބްލިއުއެސްސީން ކަސްޓަމަރުންނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ޓަކައި އެ ކުންފުނިން 2014 ވަނަ އަހަރު ފަށާފައިވާ "ފަހި ހިދުމަތް" ކެމްޕޭންގެ ދަށުން އިތުރު ދެ ހިދުމަތެއް ވަނީ މިރޭ ތައާރަފް ކޮށްފައެވެ.
އޮން ސްޕޮޓް ބިލިން ހިދުމަތުގެ އިތުރުން މިރޭގެ ރަސްމިއްޔާތުގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ތައާރަފް ކޮށްދެއްވި ދެ ހިދުމަތަކީ އެ ކުންފުނީގެ ސެލްފް ސާރވިސް ކިއޮސްގެ ހިދުމަތާއި މޯބައިލް އެޕްލިކޭޝަނެވެ.