އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގެ މެޖޯރިޓީ ނަގާނީ ރައީސް ޔާމީން ކަމަށް ރައްޔިތުން މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެއެވެ.

ނިހާން އެގޮތަށް ވިދާޅުވެފައިވާއިރު، މިއަދު ބޭއްވި ބ. ކަމަދޫ ކައުންސިލުގެ ބައި އިލެކްޝަންގައި ޕީޕީއެމް އިން ވާދަކުރި ކެންޑިޑޭޓާ ވާދަކޮށް އެމްޑީޕީގެ ކެންޑިޑޭޓް ވަނީ ކާމިޔާބުކޮށްފައެވެ. އަދި ކަމަދޫ ކައުންސިލްގެ މެޖޯރިޓީ މިހާރު އޮތީވެސް ސަރުކާރާ އިދިކޮޅު އެމްޑީޕީ އަށެވެ.

ނިހާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ﷲގެ ހެޔޮ ރަހުމަތާއެކު ބ. އަތޮޅު ކަމަދޫގެ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ މެޖޯރިޓީ ނަގާނީ ރައީސް ޔާމިން ކަމަށެވެ.

ރިޔާސީ އިންތިހާބުގައި މެޖޯރިޓީ ނަގާނެ ކަމަށް ނިހާން ވިދާޅުވި ނަމަވެސް، މިއަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ބ. އަތޮޅުގެ 12 ރަށު ކައުންސިލެއްގެ ތެރެއިން އަށް ރަށެއްގެ ކައުންސިލުގެ މެޖޯރިޓީ ހޯދީ އެމްޑީޕީންނެވެ.

އަދި ބ. އަތޮޅު ކައުންސިލްގެ މެޖޯރިޓީ ވެސް އެމްޑީޕީން ހޯދިއިރު، ޕީޕީއެމްގެ މެޖޯރިޓީ އޮތީ ބ. އަތޮޅުގެ ވެރިކަންކުރާ ރަށް އޭދަފުށި އަދި ކެންދޫގައި އެކަންޏެވެ.

ކަމަދޫ ބައި އިލެކްޝަންގެ ވަގުތީ ނަތީޖާ ދައްކާގޮތުން ޕީޕީއެމްގެ ކެންޑިޑޭޓުގެ މައްޗަށް އެމްޑީޕީން ކުރި ހޯދީ 27 ވޯޓުގެ ތަފާތުންނެވެ. އެގޮތުން އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު ސާޖިދަށް ލިބިފައިވަނީ ޖުމްލަ 169 ވޯޓެވެ. އަދި ޕީޕީއެމްގެ ކެންޑިޑޭޓް އަލީ ނާއިޒަށް ލިބުނީ 142 ވޯޓެވެ.

ބައި-އިލެކްޝަނުން އެމްޑީޕީން ކާމިޔާބު ކުރުމާއެކު ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއަދު ކަމަދޫގެ ވޯޓުން ރަމްޒު ކޮށްދިނީ ހަމައެކަނި ކަމަދޫގެ ރަށްވެހިން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރާ ދޭތެރޭ ދެކޭ ގޮތެއް ނޫން ކަމަށެވެ. އެއީ މުޅި ރާއްޖޭގެ ބަސް ކަމަށެވެ.