19 Aug 2017, 19:49
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ގދ. ތިނަދޫ އަތުން ޓީސީ ސްޕޯޓްސް ކްލަބު އުނދަގޫ މޮޅެއް ހޯދައިފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ތިނަދޫ އަތުން ޓީސީ މޮޅުވެފައިވަނީ 1-0 ލަނޑުގެ ނަތީޖާއަކުންނެވެ. ލީގުގައި ޓީސީ ކުޅުނު ތިން މެޗުން ހަ ޕޮއިންޓް ހޯދާފައިވާއިރު، ތިނަދޫން ވަނީ ތިން ޕޮއިންޓް ހޯދައިފައެވެ.
19 އިގަސްޓް 2017: އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ގދ. ތިނަދޫ އާއި ޓީސީ ސުޕޯޓްސް ކުލަބް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޓީސީ މޮޅުވެފައިވަނީ 1-0 ލަނޑުގެ ނަތީޖާއަކުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
މިއަދު ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ތިނަދޫން ހަމަލާތަކެއް އުފައްދާ ލީޑު ހޯދުމަށް މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެގޮތުން ފުރަތަމަ ހާފުގެ ކުރީކޮޅު ތިނަދޫގެ ހޭސޭ އެލެކްސެންޑާ ހެނާންޑޭޒް އަވީލާ ފޮނުވާލި ދެ ހަމަލާއެއް ފާހަގަކޮށްލެވެއެވެ.
މެޗުގައި ޓީސީން ލީޑު ހޯދާފައިވަނީ މެޗުގެ ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށެވެ. އަލީ ނާފިއު ދިން ބޯޅައަކުން ޓީސީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ބިދޭސީ ފޯވަޑް ސްޓެވާޓް ކޯނެލިއަސްއެވެ. ތިނަދޫގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަނުމަށްފަހު ކޯނެލިއަސް ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.
19 އިގަސްޓް 2017: އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ގދ. ތިނަދޫ އާއި ޓީސީ ސުޕޯޓްސް ކުލަބް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޓީސީ މޮޅުވެފައިވަނީ 1-0 ލަނޑުގެ ނަތީޖާއަކުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
މެޗުގެ 61 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކޮށްލުމަށް ތިނަދުއަށް ވަރަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. އިބްރާހިމް މުބީން އަހްމަދު ރަޝީދު (މުއްކި) ދިން ބޯޅައަކުން އަހްމަދު ރިޒްވާން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. ރީބައުންސް ބޯޅައިން ޓީސީގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެ ތިނަދޫގެ އަވީލާ ހަމަލާއެއް ފޮނުވާލަން ވެސް މަސައްކަތް ކޮށްފައިވެއެވެ.
މެޗު ނިމެން ދަނިކޮށް، ޓީސީއަށް ލީޑު ފުޅާކޮށްލުމަށް ވަރަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ތިނަދޫގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ، ކީޕަރު ރުސްލާން ކައިރިން ނައްޓާލުމަށްފަހު މުހައްމަދު އައްޒާމް ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.
ލީގުގައި މިރޭ ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. މިރޭ 9:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ށ. މިލަންދޫއެވެ.