19 Aug 2017, 14:03
އެމްޑީޕީގެ އެކްޓިވިސްޓް ނައީމާ މުހައްމަދު(ނައީމައްތަ) ފުލުސް އޮފީހަށް ހާޒިރުކުރި ދުވަހު އެއިދާރާ ކުރިމައްޗަށް އެއްވުމަށް އެޕާޓީގެ އޮފިޝަލް ޓުވިޓާ އެކައުންޓުން ޓުވީޓެއް ކުރި ކަމަށް ބުނެ އެމްޑީޕީ 60،000 ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.
އިލެކްޝަން ކޮމިޝަނުގެ ސެކެޓްރީ ޖެނަރަލް އަހުމަދު އަލީ ސޮއިކުރައްވާ އިއްޔެ އެމްޑީޕީއަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ މީގެ ކުރިން ވެސް އެ ޕާޓީން އެއްވުން މަނާ ސަރަހައްދުތަކަށް އެއްވުމަށް ގޮވާލާފައިވާތީ އެކަން އެގޮތަށް ނުކުރުމަށް ނަސޭހަތްތެރިވެފައިވާނެ ކަމަށާއި ނަމަވެސް އޭގެ ފަހުން ވެސް އެއްވުން މަނާތަންތަނަށް އެއްވުމަށް ގޮވާލަމުންދާ ކަމުގެ ޝަކުވާ ތަކުރާރުކޮށް އެ ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ.
MDP Member Naeema Mohamed (Naeemaatha) Fulus Office ah haaziru kuraathy miadhu (15/8) 4:30 gai Fulus Office kairiah vadaigendhevvun edhenpic.twitter.com/M1YLGaQK8O
— MDP Secretariat (@MDPSecretariat)August 15, 2017
"ތިޔަ ޕާޓީގެ ރަސްމީ ޓުވިޓާ އެކައުންޓުގައި 2017 އޮގަސްޓް 15 ވަނަ ދުވަހުގެ 16:30 ފުލުސް އޮފީސް ކުރިމައްޗަށް އެއްވުމަށް ގޮވާލާފައި ވަނީ ސިޔާސީ ޕާޓީގެ ގާނޫނުގެ 7 ވަނަ މާއްދާގެ (ހ)ގެ(2) އާއި 44 ވަނަ މާއްދާގެ (ޅ) އާއި، ސުލްހަވެރިކަމާއި އެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ ޚިލާފަށްކަމުގައި މި ކޮމިޝަނުން ދެކެމެވެ،" އެ ސިޓީގައި ބަޔާންކޮށްފައިވެ އެވެ.
އަދި ޖޫރިމަނާކުރި 60،000 ރުފިޔާ ހަތް ދުވަހުގެ ތެރޭގައި ދެއްކުމަށް ވެސް އިލެކްޝަން ކޮމިޝަނުން އެމްޑީޕީއަށް ވަނީ އަންގައިފަ އެވެ.
އެމްޑީޕީގެ ޓުވީޓާ އެކައުންޓުން އެ ދުވަހު ކުރި ޓުވީޓްގައި ވަނީ "ފުލުސް އޮފީސް ކައުރިއަށް ވަޑައިގެންދެއްވުމަށް އެދޭ" ކަމަށެވެ.