19 Aug 2017, 12:25
އެމްޓީސީސީގެ 2016 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާ މި މަހު 29 ވަނަ ދުވަހު ބޭއްވުމަށް އެ ކުންފުނިން ނިންމައިފި އެވެ.
އެ ކުންފުނިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ޖަލްސާ އޮންނާނީ މިމަހުގެ 29 ވާ އަންގާރަ ދުވަހުގެ ރޭ 09:00ގައި ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި ކަމަށެވެ.
އެޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރެޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް މިމަހުގެ 27 ވަނަ ދުވަހުގެ ރޭ 09:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ. އެ ޖަލްސާގއި ބައިވެރިވުމަށް ރެޖިސްޓްރީ ވެވޭނީ އަންނަ ހޯމަ ދުވަހުގެ ނިޔަލަށް އެކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރެޖިސްޓްރީ ވާ ފަރާތްތަކަށެވެ.
އެމްޓީސީސީ އިން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ، އެ ޖަލްސާގައި ބަދަލުގައި މީހަކު ފޮނުވަން ބޭނުންވާ ނަމަ އެ ކުންފުނީގެ "ޕްރޮކްސީ ފޯމް" މެދުވެރިކޮށް މިމަހުގެ 27 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި އެގޮތަށް ބަދަލުގައި ފޮނުވުމަށް އައްޔަންކޮށްފައިވާ މީހެއްގެ ޕްރޮކްސީ ބާތިލް ކުރަން ބޭނުން ނަމަ "ޕްރޮކްސީ ބާތިލްކުރަން އެދޭ ފޯމް" ހުށަހަޅައިގެން ބާތިލު ކުރެވޭނެ ކަމަށާއި، އެ ފޯމު ޖަލްސާ އޮންނަ ދުވަހުގެ ރޭ 8:00ގެ ކުރިން ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
އެ ކުންފުނިން ބުނީ ހުށަހަޅުއްވަން ބޭނުންވާ ފޯމް ފުރުމަށްފަހު އެ ކުންފުނީގެ މެއިލް އެޑްރެސް[email protected]އަށް އީމެއިލް ނުވަތަ ފެކްސް ނަމްބަރު 3323221 އަށް ފެކްސް ކުރައްވައިގެން ހުށަހެޅޭނެ ކަމަށެވެ. އަދި އޭގެ އިތުރުން އެމްޓީސީސީގެ މައި އޮފީހުގެ ހަތް ވަނަ ފަންގިފިލާއަށް ވެސް ހުށަހެޅުއްވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އެ ޖަލްސާގަައި 2015 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި، މިއަހަރު ބޭއްވި ހާއްސަގޮތުން ކުރާ އާއްމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން އޮންނާނެ އެވެ. އަދި 2016 ވަނަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓު ހުށަހެޅުމާއި ފާސްކުރުން ވެސް އޮންނާނެ އެވެ.
އޭގެ އިތުރުން 2016 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ ކުންފުނީގެ ބެލެންސް ޝީޓާއި، ފައިދާ އާއި ގެއްލުމުގެ ހިސާބު ހުށަހަޅައި ފާސްކުރުން ވެސް އެ ޖަލްސާގައި އޮންނާނެ އެވެ. އަދި ހިއްސާދާރުންނަށް ބަހާނެ ފައިދާއާއި ގުޅޭ ގޮތުން ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅާފައިވާ ހުށަހެޅުމާމެދު ގޮތެއް ނިންމުން ވެސް އޮންނާނެ އެވެ.
ކުރިއަށް އޮތް އަހަރަށް ޑިރެކްޓަރުން އައްޔަން ކުރުން ވެސް އޮންނާނީ ހަމަ އެ ޖަލްސާގަ އެވެ. އަދި އެ ޖަލްސާގައި ކުންފުނީގެ ހިންގާ ގަވާއިދަށް ހުށަހަޅާފައިވާ އިސްލާހުތައް ފާސްކުރުމާއި ބެހޭ ހާއްސަ ގަރާރު ފާސްކުރުން ވެސް އޮންނާނެ އެވެ. އަދި އޭގެ އިތުރުން ހިއްސާދާރުންގެ ޚިޔާލު ފާޅުކުރުން ވެސް އެ ޖަލްސާގައި އޮންނާނެ އެވެ.