24 Jul 2011, 13:18
ކުޑަކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވުމުގެ ޝިއާރުގެ ދަށުން ދިރާގުން ބޭއްވި ބްރޯޑްބޭންޑް ރޯޑް ރޭހުން ލައްކަ އަކަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް ރޯޑް ރޭސް އިންތިޒާމް ކުރި ކުންފުނި، ދިރާގުން ބުނެފި އެވެ.
ރޯޑް ރޭސް ސްޕޮންސާކޮށްގެންނާއި އަދި ތަފާތު ގޮތްގޮތުން ލިބުނު ފައިސާ ވަނީ އާކް އަދި ކެޕްސް ޖަމިއްޔާއާ، މިއަދު ނަލަހިޔާ ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި ހަވާލުކޮށްފަ އެވެ.
ދިރާގުން ބުނީ ރެކޯޑް އަދަދަކަށް މީހުން ބައިވެރިވި މިފަހަރުގެ ރޯޑް ރޭހުގައި ސްޕޮންސާގެ ގޮތުގައި 82،000ރ. ލިބިފައިވާ ކަމަށެވެ. އަދި އޭގެ ތެރޭގައި ސޮނީ ސްޕޯޓްސް އާއި އެލައިޑް އިންޝުއަރެންސް އާއި ޔޫރޯ މާކެޓިން ކުރެ ކޮންމެ ތަނަކުން 10،000 ރުފިޔާ ލިބިފައިވާ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގާއި އެތުލެޓިކްސް އެ ސޯސިއޭޝަނާ ގުޅިގެން ބޭއްވި މި ފަހަރުގެ ރޯޑް ރޭހުގެ ޕާޓްނަރުންގެ ތެރޭގައި އެ ތިން ކުންފުނި ހިމެނެ އެވެ.
ދޮޅު ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅައިގެން ރޯޑް ރޭސް ކުރިއަށް ގެންދިޔައިރު އެ ސަރަހައްދުގައި ވަނީ ކުޑަކުދިންގެ ޚާއްސަ ހަވީރެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ.
ކޮންމެ އަހަރަކު ވެސް ދިރާގުން އިސްނަގައިގެން ކުރިއަށް ގެންދާ ދިރާގު ބުރޯޑް ބޭންޑްގެ ރޯޑް ރޭހަކީ އިޖްތިމާއީ ތަފާތު މައްސަލަތަކަށް އަލިއަޅުވާލައިގެން މީހުން ހޭލުންތެރި ކުރުމުގެ ގޮތުން ކުރިއަށްގެންދާ ރޭހެކެވެ.
މިދިޔަ އަހަރު ބޭއްވި ރޯޑް ރޭހުގެ ޝިޢާރަކީ "ނިއު ބްލަޑް ފޯ ދި ވޯލްޑް" އެވެ.