19 Aug 2017, 10:23
ވޮޝިންޓަން (އޮގަސްޓް 19): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޗީފް ސްޓްރެޓީޖިސްޓް ސްޓީވް ބެނަން މަގާމުން ވަކިކޮށްފި އެވެ.
ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ސާރާ ހަކަބީ ސޭންޑާސް ވިދާޅުވި ގޮތުގައި އިއްޔެއަކީ ބެނަންގެ އެންމެ ފަހު ދުވަސްކަން ނިންމެވީ ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް ޖޯން ކެލީ އާއި ބެނަން ގުޅިގެންނެވެ.
ބެނަން ވަނީ ވައިޓް ހައުސްގެ މަގާމުން ދުރަށް ވަޑައިގަތް ނަމަވެސް ޓްރަމްޕަށް ތާއިދު ކުރައްވާނެ ކަމަށާއި ޓްރަމްޕާ އިދިކޮޅު ފަރާތްތަކާ "ހަނގުރާމަ ކުރައްވާނެ" ކަމަށް ވިދާޅުވެފަ އެވެ.
ރައީސް ޓްރަމްޕް ބޭނުން ކުރައްވާ "އެމެރިކާ ފުރަތަމަ" ސިޔާސަތު ކުރިއެރުވުމުގައި އިސްކޮށް ހުންނެވި ބެނަން ވައިޓް ހައުސްއާ ގުޅިވަޑައިގަތުމުގެ ކުރިން ހުންނެވީ ކަނާތު ފިޔައިގެ ނޫހެއް ކަމަށްވާ ބްރެއިޓްބާޓްގެ ޗީފްގެ ގޮތުގަ އެވެ. އަދި އޭނާ ދެން ވަޑައިގަންނަވާނީ ވެސް އެމަގާމަށް ކަމަށް ބްރެއިޓްބާޓުން ބުނެ އެވެ.
ބެނަން މަގާމުން ވަކިކުރަން އުޅޭ ކަމުގެ އަޑު ފެތުރެން ފެށީ އެމެރިކަން ޕްރޮސްޕެކްޓް ކިޔާ މެގަޒިންއަކަށް އޭނާ ދެއްވި އިންޓަވިއުއަކާ ގުޅިގެންނެވެ. އެއިންޓަވިއުގައި ބެނަން ވަނީ އެމެރިކާ އިން އުތުރު ކޮރެއާއާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އަޅާފާނެ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް އެއީ ނުވާނެ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.
މީގެ އިތުރުން ވައިޓް ހައުސްގައި އިވަންކާ ޓްރަމްޕާއި ޖެރަޑް ކުޝްނާ ފަދަ ޓްރަމްޕްގެ އާއިލާގެ މެމްބަރުންނަށް ވުރެ ބޮޑަށް ބެނަންގެ ނުފޫޒު ބޮޑު ކުރަން އޭނާ މަސައްކަތް ކުރެއްވި ކަމަށް ވެސް ރިޕޯޓުތަކުގައިވެ އެވެ. (ބީބީސީ)