ރެކޯޑު އަގަކަށް އަޔެކްސްގެ ކޮލަމްބިއާ ޑިފެންޑަރު ޑޭވިންސަން ސަންޗޭޒް، ޓޮޓެންހަމް ހޮޓްސްޕާއާ ގުޅިއްޖެ އެވެ.

އަޔެކްސް ދޫކޮށްލުމަށް ފަހު، ސަންޗޭޒް ޓޮޓެންހަމްއާ ގުޅުނީ އެ ކްލަބުގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގަ އެވެ. އޭނާ 40 މިލިއަން ޔޫރޯއަށް އެ ކްލަބާ ގުޅުނުއިރު، އެ އަގު 42 މިލިއަން ޔޫރޯއަށް ބޮޑުވެގެންދާނެ ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.

އުމުރުން 21 އަހަރުގެ ޑިފެންޑަރު ސަންޗޭޒަކީ ޓްރާންސްފާ މުއްދަތުގެ ތެރޭގައި ޓޮޓެންހަމްއާ ގުޅުނު ފުރަތަމަ ކުޅުންތެރިޔާ އެވެ. އޭނާ އެ ކްލަބާ އެކު ހެދި އެއްބަސްވުން ނިމުމަކަށް އަންނާނީ 2023 ވަނަ އަހަރުގެ ތެރޭގަ އެވެ.

"އަޔެކްސްގެ ކޯޗު، މެނޭޖްމަންޓް، ކުޅުންތެރިން އަދި ސަޕޯޓަރުންނަށް އަހަރެން ޝުކުރު އަދާކުރަން. އަހަރެން ދެކެނީ މިއީ އަހަރެންގެ ކެރިޔަރުން ކުރިއަށްދާން ވަރަށް ރަނގަޅު ބަދަލެއް ކަމަށް. ޓޮޓެންހަމް ފަދަ މަޝްހޫރު ކްލަބަކަށް އާދެވުނީތީ ވަރަށް އުފާކުރަން،" ޓޮޓެންހަމްގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ސަންޗޭޒް ބުންޏެވެ.

ސަންޗޭޒްގެ ފުޓްބޯޅަ ކެރިޔަރު ފެށީ އޭނާގެ އުފަން ގައުމަށް ނިސްބަތްވާ އެތުލެޓިކޯ ނޭސިއޮނަލުންނެވެ. އުމުރުން 17 އަހަރުގައި އެތުލެޓިކޯ ނޭސިއޮނަލްގެ ސީނިއާ ޓީމަށް ސަންޗޭޒް ފުރަތަމަ މެޗެއް ކުޅުނުއިރު، އޭނާ ވަނީ އަޔެކްސްއާ ގުޅުމުގެ ކުރިން އެތުލެޓިކޯ ނޭސިއޮނަލަށް 2016 ވަނަ އަހަރުގެ ކޮޕާ ލިބަރްތަދޯރެސް ހޯދައިދިނުމަށް އިސް ދައުރެއް އަދާކޮށްފަ އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ފުރަތަމަ ފަހަރަށް ކޮލަމްބިއާ ގައުމީ ޓީމަށް ސަންޗޭޒް ވަނީ މެޗެއް ކުޅެފަ އެވެ. މިދިޔަ ސީޒަނުގެ ޔޫއެފާ ޔޫރޮޕާ ލީގުގެ ފައިނަލަށް އަޔެކްސް ގެންގޮސްދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރި ކުޅުންތެރިންގެ ތެރޭގައި ސަންޗޭޒް ފާހަގަކޮށްލެވޭއިރު، އޭނާ ވަނީ އަޔެކްސްއަށް ކުޅުނު 47 މެޗުން ހަތް ލަނޑު ކާމިޔާބުކޮށްދީފަ އެވެ.