18 Aug 2017, 18:35
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި އަލީ އަޝްފާގު (ދަގަނޑޭ)ގެ ލަނޑުން ކްލަބު ގްރީން ސްޓްރީޓްސްގެ މައްޗަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ކުރި ހޯދައިފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު ލީގު މެޗުގައި ގްރީންގެ މައްޗަށް ނިއުއިން ކުރި ހޯދީ 1-0 ލަނޑުގެ ނަތީޖާއަކުންނެވެ. ލީގުގައި ނިއު އަދި ގްރީން ވެސް ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެފައިވާއިރު، އެއް މެޗުން ވަނީ ބަލިވެފައެވެ.
މެޗުގެ ކުރީކޮޅު ނިއުއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ނިއުއަށް ލިބުނު ހިލޭ ޖެހުމަކުން ދަގަނޑޭ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. އެ ފުރުސަތުގެ އިތުރުން ވެސް ނިއުއަށް ފުރުސަތުތަކެއް ލިބިގެންދިޔައިރު، ގްރީނުން ވެސް ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކޮށްފައިވެއެވެ.
މެޗުގައި ނިއުއިން ލީޑު ހޯދީ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށެވެ. ގްރީންގެ ޑިފެންޑަރުންނަށް ރަނގަޅަށް ބޯޅަ ދިފާއު ނުކުރެވުމުން އޭގެ ފައިދާ ނަގައި، ނިއުއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ދަގަނޑޭއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ގްރީންގެ ޕެނަލްޓީ އޭރިޔާ ތެރެއިން ފޮނުވާލި ހަމަލާއަކުންނެވެ. އެ ލަނޑަކީ އަނިޔާއަށްފަހު އެނބުރި ކުޅުމުގެ ތެރެއަށް ނުކުތް ދަގަނޑޭ މި އަހަރު ކާމިޔާބުކުރި ދެވަނަ ލަނޑެވެ.
މެޗުގެ ދެވަނަ ހާފުގައި ނިއުއަށް ލީޑު ފުޅާކޮށްލުމަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން އަލީ ފާސިރު (ސެންޓޭ)އާއި ދަގަނޑޭ އަދި ގަލާޑޯ އެޑްރިއަން ވަލްޑޭސްއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. އޭގެ ތެރެއިން ގްރީންގެ ޕެނަލްޓީ އޭރިޔާ ތެރެއިން ގަލާޑޯ ފޮނުވާލި ހަމަލާ، ގްރީންގެ ޑިފެންޑަރުން ވަނީ ދިފާއުކޮށްފައެވެ.
މެޗުގައި ގްރީނަށް ނަތީޖާ ހަމަހަމަކޮށްލުމަށް ލިބުނު އެންމެ ރަނގަޅު ފުރުސަތަކީ މެޗުގެ 80 ވަނަ މިނެޓުގައި ނިއުގެ ޕެނަލްޓީ އޭރިޔާ ތެރެއިން ގްރީންގެ ސުބޮލް އިލިއާއަށް އަކްރަމް އަބްދުލްގަނީ (އަކޫ) ކުރި ފައުލާ ގުޅިގެން ލިބުނު ޕެނަލްޓީއެވެ. އިލިއާ ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.
ލީގުގެ އެންމެ ކުރީގައި އޮތް ނިއުއާއި ގްރީން އަދި މާޒިޔާ ސްޕޯޓްސް ކްލަބުން ވެސް ވަނީ ހަ ޕޮއިންޓް ހޯދައިފައެވެ. އެ ތިން ޓީމުގެ ތެރެއިން ނިއުއާއި ގްރީނުން ވަނީ މާޒިޔާއަށްވުރެ އިތުރަށް އެއް މެޗު ކުޅެފައެވެ. މާޒިޔާގެ ތިންވަނަ މެޗުގައި އެ ޓީމު މާދަމާ ރޭ އެ ޓީމު ނުކުންނަން ޖެހޭނީ ށ. މިލަންދުއާ ދެކޮޅަށެވެ.
ލީގުގައި މިރޭ ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. މިރޭ 9:00ގައި ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ ދ. ކުޑަހުވަދުއާއި އއ. މާޅޮހެވެ.