24 Jul 2011, 12:54
ޑެންގީ ޖެހިގެން އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދިޔަ ގދ. ވާދޫ ޒުވާނަކު މިއަދު ހެނދުނު މަރުވެއްޖެ އެވެ.
އައިޖީއެމްއެޗުން އެކަން ކަށަވަރު ކޮށްދިނުން ފިޔަވައި އިތުރު ތަފްސީލެއް ނުދިނެ އެވެ.
މަރުވި ވާދޫ ދެރޫމާގޭ، އަހުމަދު ޝިނާހު 22،ގެ އާއިލާ އިން ވާހަކަ ދެއްކި އަހުމަދު ޝަފީގު މިއަދު ބުނީ ޝިނާހު ބަލިވެގެން ވިލިނގިލީ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު މާލޭ ގެނައީ ހޮނިހިރު ދުވަހު ކަމަށާއި އަދި ވިލިނގިލީ ހޮސްޕިޓަލުން ވެސް ޝިނާހު އަށް ޑެންގީ ޖެހިފައިވާ ކަމަށް ބުނެފައިވާ ކަމަށެވެ. ނަމަވެސް އައިޖީއެމްއެޗްގެ ޑޮކްޓަރުން ކުރިން ބުނަމުން ގެންދިޔައީ ޑެންގީ ކަން ޔަގީން ނުވާ ކަމަށާއި އެކަމަކު ޑެންގީ އަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނިފައިވާ ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށް ވެސް ޝަފީގު ބުންޏެވެ.
ޝަފީގު އަދި ބުނީ ވިލިނގިލީ ހޮސްޕިޓަލުން ޝިނާހު މާލެ ގެނައުމުގެ އިންތިޒާމު ހަމަޖެއްސުމުގައި ޢަމަލު ކުރި ގޮތުން ހަ ގަޑިއިރު ލަސްވެގެން ދިޔަ ކަމަށެވެ.
"އާއިލާ އިން ޝިނާހު ގޮވައިގެން ކާޑެއްދު އަށް ގޮސް މަޢުލޫމާތު ސާފުކުރި އިރު އެއާޕޯޓަށް ބަލި މީހާގެ މަޢުލޫމާތުތަކެއް ފޮނުވާފައެއްނެތް. ހޮސްޕިޓަލަށް ގުޅީމާ ބުނީ ލިޔެކިޔުންތައް ނަރުސްކުއްޖާގެ ޖީބުގައި ހުންނާނެ އޭ. ދެން އަނެއްކާ ފުލައިޓެއް ހަމަޖެހެންދެން ޝިނާހު އަށް ފަރުވާ ދިނީ ތިނަދޫގައި،" ޝަފީގު ބުންޏެވެ.
ނަމަވެސް ވިލިނގިލީ ހޮސްޕިޓަލު ހިންގެވުމާ ހަވާލުވެ ހުންނެވި މުހައްމަދު ފައުޒީ މިއަދު ވިދާޅުވީ ބަލި މީހާއާ އެކު ނަރުސްކުއްޖަކާއި އޮކްސިޖަން ފޮނުވި ކަމަށާއި އަދި އެއާޕޯޓަށް ބޭނުންވާ ހުރިހާ މަޢުލޫމާތެއް ވެސް ނަރުސް ކުއްޖާ އާ ހަވާލު ކޮށްފައިވާނެ ކަމަށެވެ. އަދި ކުރިން އެ މަޢޫލޫމާތު ފޮނުވި ނަމަވެސް ފުލައިޓު ހަމަޖެއްސުމުގައި ލަސްތަކެއްވި ކަމަށް ވެސް ފައުޒީ ވިދާޅުވި އެވެ.
"ނަރުސް ކުއްޖާ ގޮސް ބަލިމީހާގެ މަޢުލޫމާތު ކައުންޓަރާ ހަވާލު ކުރީމަ ބުނީ އޮކްސިޖަންއާ އެކު ފުލައިޓުން ދަތުރު ކުރެވޭ ގޮތަކަށް ނޫނޭ ހުރީ. ދެން އިތުރު ފުލައިޓެއް ލިބޭތޯ ގައުމީ އިދާރާ އިން މަސައްކަތް ކޮންގެން އަނެއް ދުވަހަށް ލިބުނީ،" ފައުޒީ ވިދާޅުވި އެވެ.
ފައުޒީ ވިދާޅުވީ މެޑިކަލް އެއްވެސް މަޢޫލޫމާތެއް ނުލިބިގެން ބަލިމީހާ ފުރުވާލުމުގައި ލަސްތަކެއް ވެފައި ނުވާނެ ކަމަށެވެ.
މިއީ މިއަހަރުގެ ތެރޭ ޑެންގީ ޖެހިގެން މަރުވި 10 ވަނަ މީހާ އެވެ.