18 Aug 2017, 12:39
އެއްގްރޭޑަކަށް ވުރެ ގިނަ ގްރޭޑްތައް އެއްކޮށް، އެއް ކުލާސްރޫމެއްގައި ކިޔަވަދިނުން ނުވަތަ މަލްޓިގްރޭޑް އުސޫލަށް ކިޔަވައިދިނުން މުޅި ރާއްޖެއަށް ތައާރަފްކޮށްފި އެވެ.
މަލްޓިގްރޭޑް ޓީޗިން ރާއްޖެއަށް ތައާރަފްކޮށްދިނީ އިއްޔެ ވ. އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ތައުލީމީ ވަޒީރު ޑރ. އާއިޝަތު ޝިހާމްއެވެ.
މަލްޓިގްރޭޑް ޓީޗިން އަކީ އާބާދީ މަދު ސްކޫލްތަކުގައި ރަނގަޅު ފެންވަރެއްގައި ދަރިވަރުންނަށް މަންފާ ކުރަނިވި ތައުލީމެއް ފޯރުކޮށްދިނުމަށް، ދަރިވަރުންނަށް ކްލާސްރޫމެއްގެ މާހައުލުން ލިބެން ޖެހޭ މައުލޫމާތާއި، ހުނަރާއި، ސިފަތައް ލިބިދިނުމަށްޓަކައި އެއްގްރޭޑަކަށް ވުރެ ގިނަ ގްރޭޑްތައް އެއްކޮށް، އެއް ކުލާސްރޫމެއްގައި ކުދިންގެ ފެންވަރާއި ގުޅޭ ގޮތަށް ކިޔަވައިދިނުމެވެ.
އަޖުމަ ބެލުމުގެ ގޮތުން 2015 ވަނަ އަހަރުން ފެށިގެން މަލްޓިގްރޭޑްކޮށް ކިޔަވަދެމުން އަންނައިރު މިހާރު ވަނީ އާބާދީ މަދު 44 ސްކޫލެއްގެއި އެ ކޮންސެޕްޓަށް ކިޔަވަދޭން ފަށާފައެވެ. އަދި އެ ސްކޫލްތަކުގައި ކިޔަވައިދިނުމަށް ބޭނުންކުރާ ޓީވީ އާއި ތިއޭޓާ ސިސްޓަމް އަދި ކްލާސްރޫމް ސެޓަޕްތައް ގާއިމްކޮށްފައިވާ ކަމަށް ވެސް ތައުލީމީ ވުޒާރާއިން ބުނެއެވެ.
މަލްޓިގްރޭޑް ޓީޗިން ރާއްޖޭގެ ސްކޫލްތަކަށް ތައާރަފްކުރުމުގެ ތެރޭއިން މަލްޓިގްރޭޑް އުސޫލުން ކިޔަވައިދޭ ސްކޫލްތަކުގެ ޓީޗަރުން ތަމްރީނުކޮށްފައިވާއިރު ސްކޫލްތަކުގެ އިސްވެރިން މަލްޓިގްރޭޑް ޓީޗިން އަށް އަހުލުވެރި ކުރުވުމުގެ މަސައްކަތު ބައްދަލުވުންތަކެއް ވެސް ވަނީ ތައުލީމީ ވުޒާރާއިން ކުރިއަށް ގެންގޮސްފައެވެ.
ރާއްޖޭގެ ސްކޫލްތަކަށް މަލްޓިގްރޭޑް ޓީޗިން ތައާރަފްކުރުމުގެ މައިގަނޑު މަގްސަދަކީ އާބާދީ މަދު ސްކޫލްތަކުގައި އިދާރީ ތަރުތީބުތައް ހަމަޖެއްސުމުގައި ދިމާވާ ދަތިތައް ހައްލުކޮށް ގާބިލު ޓީޗަރުން މަދުވުމުން ލިބޭ އުނިކަން ކުޑަކުރުމާއި އަދި ދަރިވަރުންގެ އިޖުތިމާއީ ހުނަރު ތަރައްގީ ކުރުމާއި، ގުޅިގެން މަސައްކަތްކުރުމުގެ ރޫހު އާލާކޮށްދިނުން ކަމަށް ވެސް ތައުލީމީ ވުޒާރާއިން ބުނެއެވެ.