ހެޔޮއަގުގައި ފިޔަ އާއި ބިސް އަދި އަލުވި ގަންނަން ގިނަ ބަޔަކު މިއަދު އެސްޓީއޯ ހޯލްސޭލް ސެންޓަރުގައި ކިޔޫހަދައިފި އެވެ.

މިއަދު ހެނދުނު ބާޒާރުތައް ހުޅުވުމާ އެކު އެސްޓީއޯ ހޯލްސޭލް ސެންޓަރުގައި ފިޔާއި ބިސް އަދި އަލުވި ގަންނަ ނަމްބަރު ހޯދަން ގިނަ ބަޔަކު ކިޔުޖެއްސި އެވެ. ސަންގެ ނޫސްވެރިން މިއަދު ހެނދުނު އެސްޓީއޯ އަށް ދިޔައިރު ވެސް ގިނަ އަދަދެއްގެ ބަޔަކު އެސްޓީއޯ ސެންޓަރުގައި ތޮއްޖެހިފައި އޮތެވެ. މީހުން ތޮއްޖެހުމުން ކިޔު ތަރުތީބުކުރުމުގައި ފުލުހުން ވެސް ދިޔައީ ހަރަކާތްތެރިވަމުންނެވެ. ނަމްބަރު ދޫކުރުން ލަސްވުމުން ބައެއް މީހުން ހަޅޭއްލަވައި ރުޅިވެރިކަން ފާޅުކުރަމުން ދިޔަ އެވެ.

އެ ސަރަހައްދުގައި އިސްކޮށްހުންނެވި އެސްޓީއޯގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އެސްޓީއޯ އިން ފިޔާ، ބިސް އަދި އަލުވި މިއަދު ދޭއްޖަހާ އެހާކަންހާއިރު ވިއްކޭވަރު ވާނެ ކަމަށެވެ.

"ބާޒާރަށް ވުރެ ހެޔޮ އަގުގައި މިކޮޅުން ވިއްކާނަން. އަޅުގަނޑުމެން ގުދަނަށް މިތަކެތި ވައްދާތަން ފެނުނީމާ މީޙުން ގަންނަން ޑިމާންޑް ބޮޑުވާން ފެށީ. އަސްލު ނުލިބިދާނެތީ ކަންނޭނގެ ކަންބޮޑުވުން އުޅެނީ. އަޅުގަނޑުމެން ސިސްޓަމަށް އެންޓަކޮށް ނުނިމޭތީ މި އުޅެނީ. ދޭއްޖަހަންވާއިރަށް އެކަން ނިންމާފައި އެހާއިރަށް ވިއްކަން ފެށޭނެ،" އޮފިޝަލް ވިދާޅުވި އެވެ.

ކޮންމެ މީހަކަށް ވިއްކާނީ ވައްތަރަކުން ކޭހެއް ނުވަތަ ބަސްތާއެއް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ސްޓޮކް ހުސްވަންދެން ވިއްކާނަން. އަދި މާބޮޑަށް ރަނގަޅު ސްޓޮކެއް އަޅުގަނޑުމެންގެ އަތުގައި އެބައުޅޭ. އެހެން ވީމާ މީހަކަށް ވައްތަރަކުން އައިޓަމެއް ވެސް ވިއްކަނީ ހުރިހާ ގޭބިސީއަކަށް މިތަކެތި ފޯރުކޮށްދޭން ވެގެން،" އޮފިޝަލް ވިދާޅުވި އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި އެސްޓީއޯ އިން މިއަދު ބާޒާރަށް ނެރޭ ބިސް ކޭހެއް ވިއްކާނީ 320 ރުފިޔާ އަށެވެ. އަދި އަލުވި ބަސްތާއެއް 220 ރުފިޔާ އަށް ވިއްކާ އިރު ފިޔާ ބަސްތާއެއް ވިއްކާނީ 250 ރުފިޔާ އަށެވެ.

އާންމުކޮށް ބާޒާރުގައި 320 ބިހުގެ ބިސްކޭހެއް އުޅެނީ 330 ރުފިޔާ އާއި 350 ރުފިޔާއާ ދެމެދު އެވެ. އަދި ފިޔާ ބަސްތާއެއް އުޅެނީ 350 ރުފިޔާ އާއި 380 ރުފިޔާއާ ދެމެދުގަ އެވެ. އަދި އަލުވި އުޅެނީ 215 ރުފިޔާ އާއި 220 ރުފިޔާ އާ ދެމެދު އެވެ. މީގެ ހަފްތާއެއްހާ ދުވަސްކުރިން މިތަކެތީގެ އަގު ބާޒާރުގައި ހުރީ 500 ރުފިޔާ އާއި 400 ރުފިޔާއާ ދެމެދުގަ އެވެ.

އެސްޓީއޯ އިން މިފަހަރުގެ ރޯދަ މަހަށް އެބާވަތުގެ ތިން ޝިޕްމަންޓެއް ރާއްޖެ ގެންނަން ވަނީ ނިންމައިފަ އެވެ. އޭގެތެރެއިން ފުރަތަމަ ޝިޕްމަންޓް ރާއްޖެ އައީ ބުރާސްފަތި ދުވަހު އެވެ. އެސްޓީއޯ އިން ބުނީ މިފަހަރުގެ ރޯދަ މަހަށް ތިން ގުނަ އިތުރަށް ފިޔާ ބިސް އަދި އަލުވި ރާއްޖޭގެ ބާޒާރަށް ނެރޭނެ ކަމަށެވެ.