މަޖިލީހުގެ ގަވާއިދުގައި އޮތީ ވަރަށް ސާފުކޮށް މަޖިލިސް އޮންނަން ޖެހޭ ދުވަސްތައް ބަޔާންކޮށްފަ އެވެ. ތިން ދައުރަކަށް ބަހާ ކޮންމެ ދައުރެއްގައިވެސް ހަފްތާގެ ތިން ދުވަހު ޖަލްސާ ބާއްވާ ގޮތަށް ވަނީ ކަނޑައަޅާފަ އެވެ. މިހާރު މި ކުރިއަސް ދަނީ ދެވަނަ ދައުރެވެ. ގަވާއިދުގައި ބުނެފައިވަނީ ދެވަނަ ދައުރު ހިނގާނީ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށް ކަމަށެވެ.

އެ އުސޫލުން ބަލާނަމަ މި ދައުރު 39 ޖަލްސާ ބާއްވަން ޖެހެ އެވެެ. އެކަމަކު މަޖިލީހުގައި މި ދައުރު ބާއްވާފައި ވަނީ އެންމެ އަށް ޖަލްސާ އެވެ. ފަހަރުގައި މި އަދަދަކީ މަޖިލިސް މެމްބަރުން ލަދު ގަންނަވަރުގެ މަދު އަދަދަކަށް ވެދާނެ އެވެ. އެކަމަކު މިއީ ކަން ހިނގި ގޮތެވެ.

އެންމެ ފަހުން ޖަލްސާ ބާއްވާފައި ވަނީ ޖުލައި މަހުގެ ތިންވަނަ ދުވަހު އެވެެ. އޭގެ ފަހުން ޖަލްސާއެއް ނުބާއްވަ އެވެ. ޖަލްސާތައް ހުއްޓާލަމުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވިދާޅުވީ މަޖިލީހުގެ ޖަލްސާއެއް ދެން ބާވާނީ މަޖިލީހުގައި "އާންމު މާހައުލެއް ގާއިމްވުމުން" ކަމަށެވެ. އެގޮތަށް މަޖިލީހުގެ ރައީސް ވިދާޅުވީ އެތަނުގައި ފާހާނާގައި އަލިފާނުގެ ހާދިސާއެއް ހިނގުމުންނެވެ.

މަޖިލީހުގެ ރިޔާސަތަށް އިދިކޮޅު މެންބަރުން ނެރުމުގައި އެމްއެންޑީއެފްގެ ސެކިއުރިޓީ އޮފިސަރުން ހަރަކާތްތެރިވަނީ --- ފޮޓޯ: އީވާ އަބްދުﷲ

އެންމެ ފަހުން މަޖިލީހުގެ ޖަލްސާއެއް ބޭއްވި ދުވަހު ވެސް މަޖިލީހުގެ ތަޅުން ހޫނުވެ އިދިކޮޅު މެމްބަރުން ވަނީ އިހުތިޖާޖު ކޮށްފަ އެވެ. އެބޭފުޅުން ސަބަބެއް ކަމަށް ވިދާޅުވީ މަޖިލީހުގެ ރައީސް މަސީހު ރިޔާސަތުގައި އިންނެވުމެވެ. އެބޭފުޅުން ވިދާޅުވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި 45 މެމްބަރަކު ސޮއިކޮށް މަޖިލީހަަށް ވެއްދުމުން ދެން މަސީހުއަސް ރައީސް ކަމުގައި ނުހުރެވޭނެ ކަމަށެވެ.

އޭގެފަހުން ޖަލްސާއެއް ނުބާއްވާ މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައިވާތާ ދެ ހަފްތާ ވެގެން ދާއިރު އިދިކޮޅު މެމްބަރުންވެސް އަދި ސަރުކާރު މެމްބަރުންވެސް ވިދާޅުވަނީ "މަޖިލިސް ނުބާއްވާތީ ކަންބޮޑުވޭ" ކަމަށެވެ.

އިދިކޮޅު މެމްބަރުން ތުހުމަތު ކުރައްވަނީ މަޖިލީހުގެ ޖަލްސާގައި ސަރުކާރަށް ނިސްބަތްވާ މެމްބަރުން ރޯކޮށްލީ ކަމަށެވެ. އެއީ ޖަލްސާ ނުބާއްވަން ހުއްޖަތެއް ދެއްކުމަށް ތޯ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ވަނީ ސުވާލު ކުރައްވާފަ އެވެ.

"މަޖިލިސް ފާހާނާގައި ހުރީ ބަޔަކު ގަސްތުގައި ރޯކޮށްލަފައި މަޖިލިސް ޖަލްސާތައް ނުބާއްވަން ޖެހި މަޅިއެއްތޯ؟" މަހުލޫފު އެދުވަހު ކުރި ޓްވީޓެއްގައި ވިދާޅުވެފައިވެ އެވެ.

" މަޖިލިސް ޖަލްސާ ކެންސަލް. ފާހާނާގައި ރޯވިޔަސް ޖަލްސާ ކުރިއަސް ނުގެންދެވޭ ވަރުގެ ގެއްލުމެއް ނެތް. ކޮބަ ސެކިއުރިޓީ ބަލަންތިބި ވަރުގަދަ އެމްއެންޑީއެފް ޕޮލިސް؟." މަހުލޫފު ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވެފައިވެ އެވެ.

މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރުވެސް ވަނީ ހަމަ އެކަހަލަ ތުހުމަތުތަކެއް ކުރައްވާފަ އެވެ. ވިދާޅުވީ "ދުން އެރުވީ މަޖިލިސް ނުބާއްވަން ވެގެން" ކަަމަށެވެ.

އެބޭފުޅުންގެ ވާހަކަތަކުން ގަބޫލުކުރެވެނީ އެބޭފުޅުން ޖަލްސާ ބާއްވަން ބޭނުންވާ ކަމަށެވެ. އަދި ޖަލްސާ ނުބާއްވަން ސަރުކާރަށް ތާއީދު ކުރާ މެމްބަރުން މަސައްކަތް ކުރައްވާ ކަމަށް ތުހުމަތުތަކެއް ކުރެއްވި އެވެ. ދެން އޮތީ ސަރުކާރު މެމްބަރުންގެ ވާހަކަ އެވެ. މަޖިލިސް ނުބޭއްވޭތީ އެބޭފުޅުންގެ ކަންބޮޑުވުން ހުރި ވަރު ބަލާލުމަށް ސުވާލު ކޮށްލީމެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ ޖަލްސާތައް ނުބޭއްވޭތީ ކަންބޮޑުވޭތޯ ސުވާލު ކުރުމުން ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އާއި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް އާއެކޭ ބުނާ ގޮތަށް ފުރަތަމަ ވެސް ބޯ ޖަހާލި އެވެ. އަދި ދެ މެމްބަރުން އެއްފަހަރާ ވިދާޅުވީ "ވަރަށް ކަންބޮޑުވޭ" ކަމަށެވެ.

"އަޅުގަނޑުމެންވެސް ބޭނުން މަޖިލިސް ބާއްވަން މަޖިލީހުގެ މަސައްކަތްތައް ކުރިއަށްގެންދަން. ހުއްޓިފަ އޮތުމަކީ ގެއްލުމެއް،" އަބްދުއްރަހީމް އިތުރުކޮށްލި އެވެ.

މަޖިލީހުގެ ރައީސް އަކީ ޕީޕިއެމް މެމްބަރެއް ނޫންތޯ ސުވާލު ކުރީމެވެ. އަދި ޖަލްސާ ބޭއްވުން އޮތީ ތިބޭފުޅުންގެ އަތްމަތީގައި ނޫންތޯ ވެސް އެހީމެވެ. އެ ސުވާލުގެ ޖަވާބުގައި އަދުރޭ ވިދާޅުވީ "މަޖިލީސް ނުބޭއްވެނީ އިދިކޮޅު މެމްބަރުންގެ ސަބަބުން" ކަމަށެވެ. އަދި މަޖިލިސް އިދިކޮޅު މެމްބަރުން ފުރުސަތު ނުދެއްވާ ކަމަށް ވިދާޅުވި އެވެ.

ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަންފޮޓޯ/ ފަޔާޒު މޫސާ

"މަޖިލިސް ބާއްވަން އެކަށީގެންވާ މާހައުލެއް އިދިކޮޅު މެމްބަރުން ގާއިމެއް ނުކޮށްދޭ. އެހެން ކިހިނެއްތޯ ޖަލްސާ ބާއްވާނީ. އެބޭފުޅުންގެ ސަބަބުން ޖަލްސާ ނުބޭއްވެނީ،" އަދުރޭ ވިދާޅުވި އެވެ.

މެމްބަރުންގެ ވާހަކައިން ޖަލްސާ ބާއްވަން ބެނުން ނުވާ މެމްބަރެއް ނެތް ކަން ސާފުވެއްޖެ އެވެ. އިދިކޮޅު މެމްބަރުން ވެސް ތުހުމަތުތަކެއް ކުރަނީ ޖަލްސާ ނުބާއްވާތީ އެވެ. ސަރުކާރު މެމްބަރުން ވެސް ބުނަނީ ވަރަށް ކަންބޮޑުވާ ކަމަށެވެ.

މަޖިލިސް އާންމު ހާލަތަކަށް ރުޖޫއަވެއްޖެތޯ ސާފުކުރުމަށް މަޖިލީހުގެ ސެކިއުރިޓީގެ ކަންކަން ބަލަހައްޓާ އެމްއެންޑީއެފް އާ ސުވާލުކުރީމެވެ. އެބޭފުޅުން ވިދާޅުވީ އެ ސުވާލަށް ޖަވާބު ދެއްވާނީ މަޖިލީހުން ކަމަށެވެ. އެކަން ސާފު ކުރުމަށް ވޭތުވެ ދިޔަ ދެ ހަފްތާވަންދެން ކޮންމެ ދުވަހަކު މަޖިލީހުގެ އަމީން އާންމް އަށް ގުޅީމެވެ. ނަމަވެސް ފޯނަކަށް ޖަވާބެއް ނުދެއްވަ އެވެ.

މަޖިލީހުގެ ޖަލްސާތައް ނުބޭއްވުމަކީ ހަގީގަތުގައިވެސް ކަންބޮޑުވުމެކެވެ. އަދި މެމްބަރުން އެހާ ބޭނުންވާއިރު ޖަލްސާތައް ނުބޭއްވުމަކީ ވަކިން ބޮޑު ކަންބޮޑު ވުމެކެވެ. މިހާރުވެސް މަޖިލީހަސް ގިނަ މައްސަލަތަކެއް ހުށަހަޅާފައިވެ އެވެ. ޒިންމާ ނަގާނީ ކާކުތޯ ސުވާލު އުފެދޭ ހިސާބަށް ގޮސްފި އެވެ.