24 Jul 2011, 12:21
ވައިން އުފައްދާ ހަކަތަ ސްޓެލްކޯ އަށް ގަތުމުގެ އެއްބަސްވުމެއްގައި ޗައިނާ ކުންފުންޏަކާ އެކު ސްޓެލްކޯ އިން މިއަދު ސޮއިކޮށްފި އެވެ.
ޗައިނާގެ އެކްސްއީއެމްސީ އެނަޖީކޯ އިން ރާއްޖޭގައި ވައިން އުފައްދާ ހަކަތަ ގަތުމުގެ އެއްބަސްވުމެއްގައި ސްޓެލްކޯ އިން މިއަދު ސައި ކުރީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ރަސްމިއްޔާތެއްގަ އެވެ. އެ އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ބޯޑްގެ ޗެއާމަން ހަސަން ޒާހިރެވެ. އަދި އެކްސްއީއެމްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއާމަން ޖެންޝުންޖޯ އެވެ.
އެކްއީއެމްސީއާއި ސްޓެލްކޯއާ ދެމެދު މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ރާއްޖޭގައި ފަސް މެގަވޯޓްގެ 10 ވިންޑްޓާބައިން ހަރުކޮށް، ސަބްމެރިން ކޭބަލެއް މެދުވެރިކޮށް ސްޓެލްކޯގެ ގްރިޑަށް ޖުމްލަ 50 މެގަވޯޓްގެ ކަރަންޓް ފޮނުވާނެ އެވެ. އަދި ވައި ނުޖެހޭ ދުވަސްވަރު ބެކަޕެއްގެ ގޮތުގައި 30 މެގަވޯޓްގެ އެލްއެންޖީ ޕްލާންޓަކުން ކަރަންޓް އުފެއްދުމަށް ވެސް ހަމަޖެހިފައިވާ ކަމަށް މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ ޗެއާމަން ޒައިދު މުހައްމަދު ވިދާޅުވި އެވެ.
ދެކުންފުނީގެ ދެމެދުގައި މިއަދު ސޮއިކުރި އެއްބަސްވުމުގެ މުއްދަތަކީ 25 އަހަރެވެ.
ޒައިދު ވިދާޅުވީ އެއްބަސްވުމުގައިވާ ގޮތުން ދިވެހި ސަރުކާރުން ފުރިހަމަ ކޮށްދޭން ޖެހޭ ކަންތައްތައް ފުރިހަމަ ކޮށްދިނުމުން ތިން މަސް ދުވަހުގެ ތެރޭގައި ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ފަށާނެ ކަމަށާއި ދެ އަހަރާއި ބައިގެ މުއްދަތެއްގައި މިޕްރޮޖެކްޓް ނިމޭނެ ކަމަށެވެ.
އަދި އެއްބަސްވުމުގައިވާ ގޮތުގެ މަތިން އަޅާ ސަބްމެރިން ކޭބަލް ބޭނުންކޮށްގެން ސްޓެލްކޯގެ ކަރަންޓް މާލެ އާއި ހުޅުމާލެ އަދި ގުޅާލެވޭނެ ކަމަށް ވެސް ޒައިދު ވިދާޅުވިއެވެ.
ވައިން ހަކަތަ އުފައްދައި ވިއްކުމަށް މިއަދު ސޮއި ކުރި ޗައިނާގެ އެކްއީއެމްސީ ކުންފުންޏަކީ އިއާދަކުރަނިވި ހަކަތަ އުފައްދައި ވިއްކާނެ ކުންފުންޏެއް ހޯދުމަށް މިދިޔަ އަހަރު ސްޓެލްކޯ އިން ކުރި އިއުލާނަކާ ގުޅިގެން ޝައުގުވެރިކަން ފާޅުކޮށް، ބިޑް ހުށައެޅި ކުންފުނިތަކުގެ ތެރެއިން ހޮވުމުނު ކުންފުންޏެވެ.
އެކްއީއެމްސީ ކުންފުންޏަކީ ވައިން ހަކަތަ އުފެއްދުމުގެ މަސައްކަތް ޗައިނާގެ އިތުރުން ޔޫރަޕްގެ ބައެއް ގައުމުތަކުގައި ފުޅާދާއިރާއެއްގައި ކުރާ ކުންފުންޏެއް ކަމަށް ސްޓެލްކޯއިން ބުންޏެވެ.
އެކްސްއީއެމްސީ ކުންފުނިން ވިންޑް ޓާބައިން ހަރުކުރާނެ ތަންތަން ކަނޑައެޅުމުގެ މަސައްކަތް ސަރުކާރާ ގުޅިގެން ވަރަށް އަވަހަށް ކުރާނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.