ހއ. އިހަވަންދޫގައި ހިންގާ އައިސް ޕްލާންޓްގެ ތެރޭގައި މަރާލާފައި އޮއްވައި ފެނުނު، ޅ. ހިންނަވަރު، އިސްމާއިލް އުމަރު (އިއްސެ)ގެ މަރުގެ މައްސަލައިގެ ޝަރީއަތް އަނެއްކާ ވެސް ކެންސަލްކޮށްފި އެވެ.

އިއްސެގެ މަރުގެ މައްސަލާގައި ތިން މީހެއްގެ މައްޗަށް ދައުވާކޮށްފައިވާ އިރު، މިއަދު ކެންސަލް ކޮށްފައި ވަނީ އިއްސެ މަރާލި ކަމަަށް ތަހުގީގުގައި އަމިއްލައަށް އިއުތިރާފުވެފައިވާ ބަންގްލަދޭޝް ރައްޔިތެއްގެ ކަމަށްވާ ޝުމޮން މިއާގެ ޝަރީއަތެވެ.

ކްރިމިނަލް ކޯޓުން ބުނީ އެ ޝަރީއަތް ކެންސަލް ކުރީ އިދާރީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންތައްތަކެއް ފުރިހަމަ ކުރުމަށް ކަމަށެވެ.

އެ މައްސަލަ ފުރަތަމަ ތާވަލު ކުރީ މިމަހުގެ 10 ވަނަ ދުވަހަށެވެ. އެ ދުވަހުގެ އަޑުއެހުން ވެސް ވަނީ ކެންސަލް ކޮށްފަ އެވެ. އެ ދުވަހުގެ އަޑުއެހުން ކެންސަލް ކުރި ސަބަބެއް ނޭނގެ އެވެ.

ޝުމޮން މިއާގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ.

އިއްސެ މަރާލާފައި އޮއްވައި ފެނިފައި ވަނީ މި އަހަރުގެ ޖޫން މަހުގެ 16 ވަނަ ދުވަހު އޭނާ މަސައްކަތް ކުރާ އައިސްޕްލާންޓް ތެރޭގައި ހުރި އެކޮމަޑޭޝަން ރޫމުގަ އެވެ.

އެ މައްސަލާގައި ޝުމޮން މިއާގެ އިތުރުން ދެ މީހެއްގެ މައްޗަށް ދައުވާ ކޮށްފައިވެ އެވެ. އެ ދެމީހުންނަކީ ވެސް ބަންގްލަދޭޝް މީހުންނެވެ. އެމީހުންގެ މައްޗަށް އުފުލާފައި ވަނީ، ގަސްތުގައި މަރެއް ފޮރުވުމުގެ ކުށުގެ ދައުވާއެވެ.