ދިވެހި ދައުލަތަށާއި، ދިވެހި ރައްޔިތުންނަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅުންނަށް، އަންނަ މިނިވަންދުވަހު، ދިވެހި ދައުލަތުގެ މަތިވެރި އިއްޒަތް އަށް ބޭފުޅަކަށް އަދި ދިވެހި ދައުލަތުގެ އިއްޒަތް ހަ ބޭފުޅަކަށް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ނިންމަވައިފި އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި އެ އިއްޒަތް އަރުވާނީ، މިނިވަން ދުވަހު ހެނދުނު 10 ޖަހާއިރު ދަރުބާރުގޭގައި ބާއްވަވާ ހާއްސަ ރަސްމިއްޔާތެއްގައި އެވެ. އެ އިއްޒަތް އަރުވަނީ ދިވެހިރާއްޖޭގެ އިއްޒަތުގެ ގާނޫނުގެ ދަށުން ކަމަށް ވެސް އެ އޮފީހުން ބުނެ އެވެ.

"އެނގިވަޑައިގަންނަވާނޭ ފަދައިން، ދިވެހި ގައުމަށާއި، ދިވެހި ރައްޔިތުންނަށާއި ސަރުކާރަށް ވަރަށް އިހުލާސްތެރިކަމާއެކު، ވަރަށްދިގު މުއްދަތެއް ވަންދެން ހިދްމަތް ކުރައްވާފައިވާ ބޭފުޅުން ކޮށްދެއްވާފައިވާ ހިދްމަތުގެ އަގު، ސަރުކާރުން ވަޒަން ކުރައްވައި، ރާއްޖޭގެ ތާރީހާއި އާދަކާދައާ އެއްގޮތަށް، އެބޭފުޅުންނަށް ކޮއްޔެއް ލެއްވުމަށް ނުވަތަ ހާއްސަ ޝަރަފެއް ނުވަތަ ލަގަބެއް އެރުވުމަށް ސަރުކާރުން ގަސްތު ކުރައްވާކަން ރައީސުލްޖުމްހޫރިއްޔާ އިއުލާނު ކުރެއްވީ، މިދިޔަ އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި، ދިވެހި ގައުމާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އަދި މިއަހަރު އެމަނިކުފާނު އިއްވެވި ރިޔާސީ ބަޔާނުގައި، މިއަހަރުގެ މިނިވަން ދުވަހު މި އިއްޒަތް އެރުވުމަށް ސަރުކާރުން ހަމަޖައްސަވައިފިކަން ވަނީ އިއުލާނު ކުރައްވާފައެވެ،" ރައީސް އޮފީހުގެ ވެބްސައިޓުގައި ބުނެފައިވެ އެވެ.