ރާއްޖެ އާއި ރާއްޖެ އިން ބޭރުން ލިބެން ހުރި މަތީ ތައުލީމާއި ތަމްރީން އަދި އިލްމު އުނގެނުމާ ގުޅޭ ދާއިރާތަކަށް އަމާޒްކޮށްގެން ރާއްޖޭގައި ބާއްވަމުން އަންނަ އެންމެ ބޮޑު ތައުލީމީ ފެއާ، "މޯލްޑިވްސް އިންޓަނޭޝަނަލް އެޑިއުކޭޝަން އެންޑް ކެރިއާ އެކްސްޕޯ" މިއަދު ފަށާނެ އެވެ.

ރާއްޖޭގެ އަސަރީ ސާވިސަސް ޕްރައިވެޓް ލިމިޓެޑާއި ލަންކާގެ ލަންކާ އެގްޒިބިޝަން އެންޑް ކޮންފަރެންސް ސާވިސް (ލެކްސް)އާ ގުޅިގެން ބާއްވަމުން އަންނަ އެ ފެއާ އޮންނާނީ މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހު ދަރުބާރުގޭގަ އެވެ. ފެއާ އޮންނާނީ ކޮންމެ ދުވަހެއްގެ ހަވީރު 3:00 އިން ރޭގަނޑު 10:00 އަށެވެ.

ނަމަވެސް އާއްމުންނަށް މިއަދު ފެއާ ހުޅުވާލާނީ ހަވީރު ފަހަކުން ފެށިގެންނެވެ.

އަސަރީ ސާވިސަސް އިން ބުނީ، މިއަހަރުގެ ފެއާއަށް ޒިޔާރަތްކޮށް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކުގެ މެދުގައި އަގުހުރި އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް ކުރިއަށްދާނެ ކަމަށެވެ.

އެގޮތުން ދޫކޮށްލާ އިނާމުތަކުގެ ތެރޭގައި މޯލްޑިވިއަން އިން ހުށަހަޅާފައިވާ ޗެންނާއީ އަށް ދެ ބޭފުޅަކަށް ދެކޮޅު ޓިކެޓާއި އީ- ޓްރެވަލްސް އިން ހުށަހަޅާފައިވާ ރާއްޖޭގެ ކޮންމެ ވެސް އެއް މަންޒިލަކަށް ދެ ބޭފުޅަކަށް ދެކޮޅު ޓިކެޓް ހިމެނެ އެވެ.

އޭގެ އިތުރުން ޕާސަނަލް ކޮމްޕިއުޓާސް އިން ދޫކޮށްލާ ލެޕްޓޮޕަކާއި ދިރާގުގެ ގިފްޓު ހެންޕާސް އިނާމުތަކުގެ ތެރޭގައި ހިމެނޭއިރު ފެއާގައި ބައިވެރިވާ އިންސްޓިޓިއުޓްތަކުން ހުށަހަޅާ ތައުލީމީ ފުރުސަތުތައް ވެސް ހިމެނޭނެ އެވެ.

އަސަރީން ބުނީ، މި އަހަރުގެ ފެއާގައި 60 އަށް ވުރެ ގިނަ އިންސްޓިޓިއުޓް ބައިވެރިވާއިރު، ރާއްޖޭގެ އިންސްޓިޓިއުޓްތަކުގެ އިތުރުން ދުނިޔޭގެ ނަން މަޝްހޫރު ތަންތަނުން ބައިވެރިވާނެ ކަމަށެވެ. އެގޮތުން އިންޑިއާ، ސްރީލަންކާ، ސިންގަޕޯރ، މެލޭޝިއާ އަދި ޔޫކޭ ފަދަ ގައުމުތަކުގެ ޔުނިވާސިޓީތަކުން ލިބެންހުރި ތައުލީމީ ފުރުސަތުތައްތައް ފެއާ އިން ލިބޭނެ އެވެ.

އޭގެ އިތުރުން މަތީ ތައުލީމު ހާސިލްކުރުމަށް ޓަކައި ބޭނުންވާނެ ކެރިއާ ގައިޑެންސް އަދި ކެރިއާ ކައުންސިލިން އާއި ސްކޮލަޝިޕްތައް ލިބުމުގެ ފުރުސަތު ލިބިގެންދާއިރު، މިދިޔަ އަހަރުވެސް ކުރިއަށްގެން ދިޔަ އަދި ބޮޑު ތަރުހީބެއް ލިބިގެންދިޔަ ޕާސަނަލިޓީ ޑިވެލޮޕްމަންޓް ވޯކްޝޮޕް މިއަހަރުގެ ފެއާގައި ވެސް ކުރިއަށް ގެންދާނެ އެވެ.

އަދި ވަޒީފާތަކަށް ކުރިމަތިލާ މީހުންނާއި ވަޒީފާ އަދާކުރަމުންދާ މީހުންނަށް ވެސް ބައިވެރިވެވޭނެ ވޯކްޝޮޕްތަކެއް ފެއާގެ ތެރެއިން ކުރިއަށް ގެންދަން ވަނީ ނިންމާފަ އެވެ.

މިއަހަރުގެ "މޯލްޑިވްސް އިންޓަނޭޝަނަލް އެޑިއުކޭޝަން އެންޑް ކެރިއާ އެކްސްޕޯ"ގެ މީޑިއާ ޕާޓްނަރަކީ ސަން އޮންލައިނެވެ.