17 Aug 2017, 13:14
ކ. ކާށިދޫގެ ނެރު ހެދުމަށާއި އަދި ލ. ފޮނަދޫގެ ބަނދަރު ހެދުމަށްޓަކައި ސެނޮކް ޓްރޭޑް ކޮމްބެއިން ޕްރައިވެޓް ލިމިޓެޑާ ހައުސިން މިނިސްޓްރީން މިއަދު ހަވާލުކޮށްފި އެވެ.
ސެނޮކްއަކީ މިހާރު ވެސް ރާއްޖޭގެ ބައެއް ރަށްރަށުގެ ބަނދަރު ހަދަމުން އަންނަ ލަންކާގެ ކުންފުންޏެކެވެ.
ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ދެ އެއްބަސްވުމުގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ސޮއިކުރެއްވި އިރު، ސެނޮކް އިން ސޮއިކުރެއްވީ އޮޕްރޭޝަން މެނޭޖަރު މަހޭޝް ތެނުވާރު އެވެ.
މިނިސްޓްރީން ބުނި ގޮތުގައި އެ އެއްބަސްވުމުގެ ދަށުން ކ. ކާށިދޫގައި 1200 މީޓަރުގެ ނެރެއް ހަދައި އަދި ނެރު ބައްތިޖަހާނެ އެވެ. އެ މަސައްކަތް ސެނޮކްއާ ހަވާލު ކުރީ 338 އަށް ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. ސެނޮކް އާއި އެމަސައްކަތް ހަވާލުކޮށްފައި ވަނީ 13.35 މިލިއަން ރުފިޔާ އަށެވެ.
ހައުސިން މިނިސްޓްރީ އިން ބުނި ގޮތުގައި ލ. ފޮނަދޫ ބަނދަރުގެ އެއްގަމުތޮށި ހެދުމުގެ މަޝްރޫއުގެ ދަށުން 166 މީޓަރުގެ އެއްގަމު ތޮއްޓެއްލައި ކޮންކްރިޓް ރޭމްޕެއް ހަދާނެ އެވެ. އޭގެ އިތުރުން އެ މަޝްރޫއުގެ ދަށުން އެ ރަށުގެ ބަނދަރުގައި ލައިޓް ޖެހުމާއި އަދި ޕޭމަންޓް ހަދައި އަދި 21 މީޓަރުގެ ރިވެޓްމަންޓް ޖެހުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އެ މަސައްކަތް ސެނޮކްއާ ހަވާލު ކުރީ 380 ދުވަހުގެ ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ފޮނަދޫގެ މަޝްރޫއު ސެނޮކްއާ ހަވާލުކޮށްފައި ވަނީ 15 މިލިއަން ރުފިޔާ އަށް ކަމަށް ހައުސިން މިނިސްޓްރީ އިން ބުންޏެވެ.