17 Aug 2017, 12:34
ރިޔާދު(އޮގަސްޓް 17): ސައުދީ އަރަބިއާގައި އަޟްހާ އީދާ ދިމާކޮށް 16 ދުވަހުގެ ޗުއްޓީއެއް ދޭނެ ކަމަށް އެގައުމުގެ މިނިސްޓްރީ އޮފް ސިވިލް ސާވިސްއިން ބުނެފި އެވެ.
ސައުދީ ޕްރެސް އޭޖެންސީގައި އާއްމުކޮށްފައިވާ ބަޔާނެއްގައިވާ ގޮތުން އީދާ ދިމާކޮށް އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ މަހުގެ ނުވަ ވަނަ ދުވަހާ ހަމައަށް އެގައުމުގެ ސަރުކާރު ވަޒީފާތަކުގައި މަސައްކަތް ކުރާ މީހުންނަށް ބަންދު ވާނެ އެވެ.
ސައުދީ އަރަބިއާގެ ގާނޫނުތަކުގައިވާ ގޮތުން އެގައުމުގެ އަޟްހާ އީދު ޗުއްޓީ ހައްޖު މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން އެމަހުގެ 15 ވަނަ ދުވަހާ ހަމައަށް ދެމިގެންދާން ޖެހޭނެ އެވެ.
މިއަހަރުގެ ފިތުރު އީދުވެސް ސައުދީ އަރަބިއާގެ ރައްޔިތުންނަށްވީ ދިގު ޗުއްޓީއަކަށެވެ. އެގޮތުން ފިތުރު އީދަށް އެގައުމުގެ ރައްޔިތުންނަށް 15 ދުވަހުގެ ޗުއްޓީއެއް ދީފައިވެއެވެ. (ސައުދީ ގެޒެޓް)