ވޮޝިންގޓަން (ޖުލައި 24) : ސްެރީލަންކާގެ ދާޚިލީ ހަނގުރާމައިގެ އެންމެ ފަހުގެ ދުވަސްތަކުގައި އެޤައުމުގެ ސިފައިން ތަމަޅަ ޢާންމުންނާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާ ހިންގި ކަމަށް ކުރެވޭ ތުހުމަތުތައް ތަޙްޤީޤްކޮށް އެކަމަށް ޖަވާބު ދާރީ ނުވަނީސް އެޤައުމަށް އެހީ ނުދިނުމަށް އެމެރިކާގެ ކޮންގްރެސް ގެ ކޮމިޓީއަކުން ނިންމައިފި އެވެ.

ކޮންގްރެސްގެ ޚާރިޖީ ކަންތައްތަކާބެހޭ ކޮމިޓީންބުނީ ސްރީލަންކާގެ ދާޚިލީ ހަނގުރާމައިގެ އެންމެ ފަހުގެ ދުވަސްތަކުގައި އެޤައުމުގެ ސިފައިން ތަމަޅަ ޢާންމުންނާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާ ހިންގި ކަމަށް ކުރެވޭ ތުހުމަތުތަކަކީ ވަރަށް ނުރައްކާތެރި ތުހުމަތު ތަކެއް ކަމުގައެވެ.

އަދި ސްރީލަންކާ ސަރުކާރުން މިކަމަށް ޖަވާބުދާރީ ނުވަނީސް އިންސާނީ އެހީ ފިޔަވައި އެހެން އެހީތައް ސްރީލަންކާއަށް ނުދިނުމަށް ނިންމާފައިވާ ކަމަށްވެސް އެ ކޮމިޓީން ބުނެއެވެ.

ސްރީލަންކާ ސަރުކާރުންވަނީ އެޤައުމުގެ ދާޚިލީ ހަނގުރާމައިގެ އެންމެ ފަހުގެ ދުވަސްތަކުގައި ތަމަޅަ ޢާންމުންނާ ދެކޮޅަށް އެޤައުމުގެ ސިފައިން އިންސާނިއްޔަތާ ޚިލާފު ޢަަލުތައް ހިންގި ކަމަށް ކުރެވޭ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. އަދި މިއީ ސްރީލަންކާގެ ކުރިއެރުމަށް ހުރަސް އެޅުމުގެ ގޮތުން ބައެއްފަރާތްތަކުން ސިޔާސީ ބޭނުމެއްގައިކުރާ ތުހުމަތު ތަކެއް ކަމަށްވެސް އެޤައުމުގެ ސަރުކާރުން ސިފަކުރެއެވެ.

މިމައްސަލަ އިތުރަށް ތަޙްޤީޤް ކުރުމަށް އެމެރިކާއާއި ޔޫރަޕްގެ އިއއްތިޙާދުން ގޮވާލުމުން ސްރީލަންކާ ސަރުކާރުންވަނީ އެކަމަށް ދެކޮޅުހަދާފައެވެ. އަދި އެހީ ދިނުމުގައި ސިޔާސީ ކަންކަމަށް ޝަރުތު ނުކުރާ ޗައިނާފަދަ ޤައުމުތަކާ ސްރީލަންކާއިން ގެންދަނީ ގުޅުންތައް ބަދަހިކުރަމުންނެވެ. (އަލްޖަޒީރާ+ނޫސްއެޖެންސީތައް)