ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ލާމަސީލު ޤިޔާދަތާއި ކެތްތެރިވެ ވަޑައިގަތުމާއި، ސާބިތުވެވަޑައިގެންހުންނެވުމާއި، ކެރިވަޑައިގަތުމުގެ ތާރީޚީ ހަނދާނެއް

* * * *

މިވަރުގަދަ އިމްތިޙާނުގެ ވަގުތުގައި ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސާބިތުކޮށްދެއްވީ އެމާތްސާހިބާގެ މިސާލެއްނެތްފަދަ ހިތްވަރުފުޅުގަދަކަމެވެ. ބުއްދިފުޅުގެ ތަނަވަސްކަމެވެ. އުންމަތާމެދު ހިތްޕުޅުގައި އޮތްލޯބިފުޅެވެ. އެމާތް ސާހިބާގެ އަމިއްލަފުޅު ހަށިކޮޅާއި ފުރާނަފުޅު ސަލާމަތްކުރެއްވުމުގެ ބަދަލުގައި ތަރުޙީބުދެއްވީ އެމާތްސާހިބާގެ ފުރާނަފުޅު ނުރައްލަށް ހުށަހަޅުއްވައިގެންވެސް އިސްލާމީ ލަޝްކަރު ސަލާމަތްކުރެއްވުމަށެވެ.

އެހެންކަމުން ޚާލިދުގެ އަސްވާރުން ފެނިވަޑައިގަތުމާއެކު ނުހަނު ބާރު އަޑުފުޅުން ޞަޙާބީންނަށް ގޮވައިލައްވާން ފެއްޓެވިއެވެ. އެމާތްސާހިބާގެ އަރިހަށް އިސްލާމީ ލަޝްކަރުގެ ޤިޔާދަތުގެ މަރުކަޒާ ދިމާޔަށް އަވަހަށް ވަޑައިގަންނަވަން ގޮވައިލައްވަން ފެއްޓެވިއެވެ. އެކަލޭގެފާނުގެ އަޑުފުޅު މުސްލިމުންނަށް ވުރެ ކުރީން އިވޭނީ މުޝްރިކުންގެ އަސްވާރުންނަށްކަންވެސް އެނގިވަޑައިގެން ހުންނަވައެވެ. އޭރު މުސްލިމުންގެ ތެރެއިން މަދުބަޔަކު ފަރުބަދަމައްޗަށް އަރައި ޙިމާޔަތް ހޯދަމުންދިޔައިރު މަދުބަޔަކު މަދީނާއާ ދިމާޔަތް ދުވަމުންވެސް ދިޔައެވެ. ޢަބްދުﷲ ބިން އުބައްޔު ބިން ސަލޫލު މެދުވެރިކޮށް އަބޫސުފްޔާނުގެ އަރިހުން އަމާންކަން ހޯދަންވެސް މަދުބަޔަކު ވިސްނިއެވެ.

ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މި އެޅުއްވި ހިތްވަރުފުޅުގަދަފަދަ ފިޔަވަޅުފުޅުގެ މުހިންމުކަން ކީރިތި ޤުރުއާނުގެ އަންނަނިވި އާޔަތުންވެސް ސާބިތުވެއެވެ.

" (އެއީ) ތިޔަބައިމީހުން އެކަކަށްވެސް އެނބުރި ބަލައިނުލައި ދުރަށްދިޔަ ހިނދުގައެވެ. ތިޔަބައިމީހުންގެ ފަހަތުން ރަސޫލާ ތިޔަބައިމީހުނަށް ގޮވާލައްވާ ޙާލުގައެވެ." (އާލުޢިމްރާން : 153)

ޚާލިދުގެ އަސްވާރުންގެ އެއްބަޔަކު އިސްލާމީ ލަޝްކަރަށް ހުޖޫމުކުރަމުން ގެންދިޔަ އިރު އަނެއްބަޔަކު އަވަސްވެގަތީ އިތުރުސާހިބާ ޞާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޝަހީދުކޮށްލުމަށެވެ. އިތުރުސާހިބާ ޝަހީދުކޮށްލަން ދިމާކުރި ދުޝްމިނުންގެ ގަދަފަދަ ޖައްބާރުންގެ ތެރޭގައި ހިމެނެނީ ޢުތުބާ ބިން އަބީ ވައްޤާޞު އާއި، އުބައްޔު ބިން ޚަލަފު އަލް ޖުމަޙީ އާއި، ޢަބްދުﷲ ބިން ޤަމިއަތުއްލައިޘީ (ނުވަތަ ޙާރިޘީ) އާއި، ޢަބްދުﷲ ބިން ޙަމީދުއަސްރީ އާއި، ޢަބްދުﷲ ބިން ޝިހާބު އައްޒުހުރީ ފަދަ ބައެކެވެ. އިތުރުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޝަހީދުކޮށްލަން ހުވާކުރަމުން އެބައިމީހުން އެމާތް ސާހިބާ ވަށައިލިއެވެ.

އެހައިތަނުން ފެށިގެން އިސްލާމީ ލަޝްކަރުވަނީ ދެމަޙާޛަކަށް ބެހިފައެވެ. އިތުރު ސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި، އެމާތް ސާހިބާގެ އަރިހުގައި ތިއްބެވި މަދުބޭކަލުން ކޮޅަކާއި، އިސްލާމީ ލަޝްކަރުގެ ދެންތިބި ސިފައިންނެވެ. އެދެބައިގެ ދެމެދުގައި ވަނީ ގުޅުންކެނޑިފައެވެ. އޭރު އިސްލާމީ ލަޝްކަރުވަނީ ޣަނީމާގެ ދަހިވެތިކަމުގައި އަމިއްލަޔަށް ސަފުތައް ރޫޅައިލައިފައެވެ. އެގޮތުގައި ތިއްބައި ޤުރައިޝުން ހަތަރުފަރާތުން ޙަމަލަދިނުމުން މުސްލިމުންނަށް ލިބުނު ޙައިރާންކަމުގައި އެކަކު އަނެކަކުގެ ގައިގައިވެސް ތަޅާންފަށައިގަނެވިއްޖެއެވެ. މިގޮތުން ޔަމާން ރަޟިޔަﷲ ޢަންހު ވަނީ ޚުދު މުސްލިމުން އަތުން ޝަހީދުވެވަޑައިގެންފައެވެ. ލަޝްކަރެއްގައި އިންތިޒާމެއް އެކުލުންތެރިކަމެއްނެތި ޤިޔާދަތުގެ މަރުކަޒާ ގުޅުން ކެނޑިއްޖެނަމަ އެބަޔަކުވާނީ ހަތިޔާރު ހިފައިގެން ތިބި ބައިގަނޑެއް ކަމުގައެވެ. އެބައެއްގެ ކިބަޔަކު ފަތަޙަކުރުމުގެ ބުންވަރެއްވެސް ދިފާޢުކުރުމުގެ ބާރެއްވެސް ނުހުރެއެވެ. އިސްލާމީ ލަޝްކަރުވެސް އޮތީ ދާދި މިކަހަލަ ޙާލަތެއްގައެވެ. ޤުރައިޝުންނަށް މުސްލިމުން ބަލިކޮށް ސުންނާފަތިކޮށް ނުލެވުނީ ކިރިޔަ ކިރިޔާއެވެ. ޤުރައިޝުން މުސްލިމުންގެ އެތައް ބަޔަކު ޝަހީދުކުރަމުން ޒަޚަމުކުރަމުން ދިޔައެވެ. މުޝްރިކުން ވަނީ މުސްލިމުންގެ ހަތްދިހަ މުޖާހިދުން ޝަހީދުކޮށް ސާޅީސްބޭކަލުން ޒަޚަމުކޮށްލާފައެވެ. (މުޝްރިކުންގެ ތެރެއިން ޤަތުލުވީ ތިރީސް ހަތް މީހުންނެވެ. ޒަޚަމުވީ މީހުންގެ އަދަދެއް އޮޅުމެއްނުފިލައެވެ.) ކީރިތި ޤުރުއާނުގެ މިދަންނަވާ އާޔަތުގައި ވަނީ އެވާހަކަ ބަޔާންކުރައްވައިފައެވެ.

" ހަމަކަށަވަރުން ތިޔަބައިމީހުންނަށް އެކަލާނގެ ވަޢުދުފުޅު ފުއްދައިދެއްވިއެވެ. އެކަލާނގެ އިޒުނަފުޅާލައިގެން ތިޔަބައިމީހުން އެކާފަރުން ޤަތުލުކޮށް ނެތިކުރަމުން ދިޔަ ހިނދުގައެވެ. ތިޔަބައިމީހުން ހިތްއެދޭ ކަންތައް ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ދެއްކެވުމަށްފަހު ތިޔަބައިމީހުން އުރެދި އަދި (ރަސޫލާ އެންގެވި) ކަންތައްތަކުގައި ތިޔަބައިމީހުން ދެބަސްވެ ފިނޑިވެއްޖައުމަށް ދާންދެނެވެ. ތިޔަބައިމީހުންގެ ތެރޭގައި ދުނިޔެ އެދޭ މީހުންވެއެވެ." (އާލުޢިމްރާން : 152)

ކުރީންވެސް ދެންނެވިފަދައިން ޤުރައިޝުންގެ ގަދަފަދަ ފަހުލަވާނުންގެ ބަޔަކުވަނީ ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޝަހީދުކޮށްލަން ހުވާކުރަމުން އެމާތް ސާހިބާ ވަށައިލައިފައެވެ. އެބައިމީހުން ކަށީގެ މަދުން ހިތްވަރު ނަގައިގެން އިތުރު ސާހިބާގެ އަރިހަށް ކައިރިވެލިއެވެ. ޢަބްދުﷲ ބިން ޝިހާބު އައްޒުހުރީ، އިތުރު ސާހިބާގެ މޫނުފުޅު ޒަޚަމްކޮށްލިއެވެ. ޢުތުބާ ބިން އަބީ ވައްޤާޞު ހިލަޔަކުން ޖަހައި އިތުރުސާހިބާގެ މެދުދަތްޕުޅެއް މުގުރައިލައި ތުންފަތްޕުޅު ޒަޚަމްކޮށްލިއެވެ. ހާޠިބު ބިން އަބީ ބަލްތަޢަތު ރަޟިޔަﷲ ޢަންހު އެކަލޭގެ ފައްސަވަމުން ވަޑައިގެން އެނާ ޤަތުލުކޮށްލެއްވިއެވެ.

ކޮންމެއަކަސް އިތުރުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އާދަޔާ ޚިލާފު ހިތްވަރުފުޅާއި ސާބިތުކަމުގެ ރަންނަތީޖާ މާގިނައިރެއްނުވެ ފެންނާން ފަށައިފިއެވެ. ހަނގުރާމައިގެ އެންމެ ފުރަތަމަ މަރްހަލާގައި ކުރީ ސަފުގައި ހަނގުރާމަ ކުރެއްވި އަބްޠާލުންކުރެ އެތައް ބޭކަލަކު ހަނގުރާމައިގެ މައިދާނުގައި ވައިގެ މިސްރާބު ބަދަލުވުމާއެކު މަސައްކަތްކުރެއްވީ ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހޯއްދެވުމަށެވެ. ވީހާވެސް އަވަހަކަށް އެމާތްސާހިބާގެ އަރިހަށް ވަޑައިގެންނެވުމަށެވެ. މިގޮތުން ޢަލީ ބިން އަބީޠާލިބު ރަޟިޔަﷲ ޢަންހުއާއި، އަބޫބަކުރުއްޞިއްދީޤު ރަޟިޔަﷲ ޢަންހު ފަދަ އެތައް އަބްޠާލުންނެއް އިތުރު ސާހިބާގެ އަރިހަށް އެއްވެވަޑައިގަތުމުގައި ކާމިޔާބު ހޯއްދަވައިފިއެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް އެންމެ ފުރަތަމަ ވަޑައިގެންނެވި ބޭކަލުންގެ ތެރޭގައި އަބޫބަކުރުގެފާނާއި، އަލީގެފާނުގެ އިތުރަށް އަބޫ ދުޖާނާއާއި، މިޤްދާދު ބުނުލް އަސްވަދު އާއި މުޞްޢަބު ބިން ޢުމަރުއާއި، ސަހްލުބިން ޙުނައިފުއާއި،މާލިކު ބިން ސިނާނުއާއި، އަބޫޠަލްޙަތުގެފާނާއި، ޢަބްދުއްރަހްމާން ބިން ޢައުފު އާއި ޤަތާދަތުބިން ނުޢުމާން އާއި، އުމަރުބުނުލް ޚައްޠާބު އާއި، ޙާޠިބު ބިން އަބީ ބަލްތަޢަތު އާއި ޠަލްހަތު ބިން ޢުބައިދުﷲ ހިމެނިވަޑައިގެންނެވިއެވެ. (ރަޟިޔަﷲ ޢަންހުމް). މިބޭކަލުންގެ އިތުރަށް ސަޙާބީ ބޭކަނބަލެއް ކަމުގައިވާ ނުސައިބާ ބިންތި ކަޢުބަކީވެސް މިޖަމާޢަތުގެ ޝަރަފުވެރި ބައިވެރިއެކެވެ. ޢިލްމުވެރީން ލިޔުއްވާގޮތުގައި ޢަލީބިން އަބީޠާލިބު ރަޟިޔަﷲ ކައުސާހިބާ ހޯއްދަވައި އަރިހަށް ވަޑައިގެންނެވުމުށްޓަކައި އެކަލޭގެފާނުގެ ޛުލްފިޤާރުން ދުޝްމިނުންގެ ސަފުތައް ފަޅުއްވަމުން ގެންދެވީ އިސްލާމްކަމުގެ ޙައްޤާއި، އަބޫޠާލިބުގެ ޙައްޤާއި، ފާޠިމަތުއްޒަހްރާގެ ޙައްޤު އެއްފަހަރާ އަދާކުރައްވަމުންނެވެ. ކައުސާހިބާގެ އަރިހަށް ވަޑައިގެންނެވުމުގައި އެންމެ ފުރަތަމަ ކާމިޔާބު ހޯއްދެވީ އިތުރުސާހިބާގެ ހޮހަޅައިގެ މިތުރާ އަބޫބަކުރުއްޞިއްދީޤު ރަޟިޔަﷲ ޢަންހުއެވެ.

ކައުސާހިބާގެ އަރިހުގައި ތިއްބެވި ޞާހާބީން ދުޝްމިނުންގެ ދުނީގެ ވާރޭގެ ތެރެއިން ނެއްޓި ވަޑައިގަތުމަށްޓަކައި ކައުސާހިބާ ގޮވައިގެން ފަރުބަދަގަނޑެއްގެ ނިވަލަށް ވަޑައިގަންނަވަނިކޮށް މުޝްރިކުން ކޮނެފައި ހުރި ވަޅަކަށް އިތުރުސާހިބާ ވެއްޓި ވަޑައިގެންނެވިއެވެ. އަލީގެފާނާއި ޠަލްޙަތުގެފާނުގެ އެހީފުޅުގައި އެވަޅުން އަރައިވަޑައިގެންނެވިތަނާ ޢަބްދުﷲ ބިން ޤަމިއަތު އިތުރުސާހިބާގެ އިސްތަށިފުޅުގައި ކަނޑިން ޖެހިލެއް ބާރުކަމުން ދަގަނޑު ތާކިހާކޮޅުގެ ދެއުޅައް މޫނުފުޅައް ހެރި އިތުރުސާހިބާ ބިންމައްޗަށް ވެއްޓިވަޑައިގެންނެވިއެވެ. (ބައެއް ރިވާޔަތްތަކުގައިވާ ގޮތުން ހޭފުޅުވެސް ނެތުނެވެ.) ޢަބްދުﷲ ބިން ޙަމީދުއަސްރީ ވެސް އިތުރުސާހިބާއާ ހަމަލާދޭން މަސައްކަތްކުރިއެވެ. ނަމަވެސް އަބޫދުޖާނާ ރަޟިޔަﷲ ޢަންހު އެކަލޭގެ ގަތުލުކޮށްލައްވައިފިއެވެ.

އެވަގުތު ހަނގުރާމަ އެންމެ ވަރުގަދައަށް ހިނގަމުން ދިޔައީ ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަށައިގެންނެވެ. ކައުސާހިބާ ހުންނެވީ ކަނޑީގެ ވިދުވަރުތަކާއި ތީރުތަކުގެ "ވާރޭ"ގެ ތެރޭގައެވެ. މިޤްދާދުބުނުލް އަސްވަދު ރަޟިޔަﷲ ޢަންހު ހުވާކުރައްވައި ވިދާޅުވާގޮތުގައި އިތުރުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެންމެ ކައިވަތެއްވެސް ފަހަތަކަށް ޖެހިވަޑައެއް ނުގަންނަވައެވެ. މައިދާނުގައި ސާބިތުވެވަޑައިގެންހުންނެވިއެވެ. ކައުސާހިބާގެ ޞަޙާބީން އެމާތް ސާހިބާގެ ދިފާޢުގައި މޭފުޅުތަކާއި ބުރަކަށިފުޅުތައް އައްޑަނަކޮޅުތަކަކަށް ހައްދަވަމުން ގެންދެވިއެވެ. ޕަރުވާނާތައް ބައްތިޔަށް ޤުރްބާންވާ ފަދައިން ޝަހީދުވެވަޑައިގަންނަވަމުން ގެންދެވިއެވެ. އިތުރު ސާހިބާގެ ބަރަކާތްތެރި މޫނުފުޅު ޒަޚަމްވެ "ލޭހަނދެއް" ފަދައިންވީ ހިނދު އެމާތް މޫނުފުޅު ސާފުކުރެއްވުމުގެ ޝަރަފުހޯއްދެވީ މާލިކު ބިން ސިނާނު އަލް ޚުދުރީ ރަޟިޔަﷲ ޢަންހުއެވެ. ދަގަނޑު ތާކިހާކޮޅުގެ ދެއުޅާފުޅު އުފުރައިލެއްވީ އަބޫ ޢުބައިދާ ޢާމިރު ބުނުލް ޖައްރާޙު ރަޟިޔަﷲ ޢަންހުއެވެ.

އަބޫ ދުޖާނާ ރަޟިޔަﷲ ޢަންހު އިތުރު ސާހިބާއާ ދިމާޔަށް އޮހެމުންދިޔަ ތީރުތަކުން އެމާތް ސާހިބާ ދިފާޢުކުރައްވާން އިތުރުސާހިބާ ގެ މައްޗަށް ގުދުވެވަޑައިގެން އުޅުއްވުމުގެ ސަބަބުން އެކަލޭގެފާނު ބުރަކަށިފުޅަށް ވަނީ އެތައް ތީރެއް ހެރިފައެވެ. ނަމަވެސް ގުޑައިވެސް ނުލައްވައި ސާބިތުވެވަޑައިގެން ހުންނެވިއެވެ. އަބޫ ދުޖާނާ ވެއްޓިވަޑައިގެންނެވުމުން ކައުސާހިބާގެ ދިފާޢީ ފާރުވެއްޓުނީކަމަށް ބަލައި ޢަބްދުﷲ ބިން ޤަމިއަތު އިތުރުސާހިބާ އާ ހަމަލަދިނެވެ. އެވަގުތު މުސްލިމުންގެ ދިދައިގެ ވެރިޔާ މުޞްޢަބު ބިން ޢުމައިރު ރަޟިޔަﷲ ޢަންހު އެދެމެދަށް ވަދެވަޑައިގެން އިބްނު ޤަމިއަތާ ޙަމަލާދެއްވިއެވެ. ދެފަރާތުން ޙަމަލާ ބަދަލުކުރަމުންގޮސް މުޞްޢަބު ޝަހީދުވެވަޑައިގެންފިއެވެ. ކައުސާހިބާ ޞައްލަﷲ އަލައިހި ވަސައްލަމަގެ ދިފާޢުގައި ހަނގުރާމަކުރައްވައި ޝަހީދުވެވަޑައިގެންނެވި ބޭކަލުންގެ ތެރޭގައި ޢައްމާރަތު ބުނު ޔަޒީދު ބުނުއްސަކަން ފަދަ އެތައް ބޭކަލަކު ހިމެނިވަޑައިގެންނެވިއެވެ. ހަމައެފަދައިން ޠަލްޙަތު ބިން ޢުބައިދުﷲ ރަޟިޔަﷲ ޢަންހުވެސް ވަނީ އިތުރުސާހިބާގެ ދިފާޢުގައިކުރެއްވި ހިތްވަރުފުޅުގެ ސަބަބުން "ދިރިހުންނެވި ޝަހީދެއްގެ" މަޤާމު ހޯއްދަވައިފައެވެ. އިތުރު ސާހިބާގެ ހަށިކޮޅަށް އަރަން އައި ކަނޑި އެތިފަހަރެއް ދިފާއުކުރެއްވުމުގެ ތެރޭގައި އިނގިލިފިޅުތައް ބުރިވެ އަތްޕުޅުގެ ބޭނުންނުކުރެއްވޭ ގޮތްވިއެވެ. އިތުރު ސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދިފާޢުކުރެއްވުމަށް އިންތިހާދަރަޖައަށް މަސައްކަތްޕުޅު ކުރެއްވި ޞަޙާބީންގެ ތެރޭގައި ސަޢުދުބިން ވައްޤާޞު ރަޟިޔަﷲ ޢަންހު އާއި އަބޫޠަލްޙަތު ރަޟިޔަﷲ ޢަންހު ފަދަ އެތައް ބޭކަލަކު ހިމެނިވަޑައިގެންނެވިއެވެ. އެބޭކަލުންގެ ތެރެއިން އަޅުގަނޑު މިފާހަގަކޮށްލީ މަދު ނަންފުޅުތަކެކެވެ.

ޢަބްދުﷲ ބިން ޤަމިއަތު، މުސްލިމުންގެ ދިދައިގެ ވެރިޔާ މުޞްޢަބު ބިން ޢުމައިރު ރަޟިޔަﷲ ޢަންހު ޝަހީދުކުރުމަށްފަހު މުޙައްމަދުގެފާނު ޤަތުލުވެއްޖެއޭ ގޮވާންފެށިއެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޝަހީދުވެވަޑައިގެންނެވި ޚަބަރު އޭނާގެ އެ އިއުލާނުގެ ސަބަބުން މަޝްހޫރުވިއެވެ. މުސްލިމުންނާއި މުޝްރިކުންގެ ތެރޭގައި އެޚަބަރު ޢާއްމުވިއެވެ. ދުޝްމިނުންގެ ގޮނީގެ ތެރޭގައި ހައްޔަރުވެވަޑައިގެންފައި ތިއްބެވި ޞަޙާބީންނަށް އެޚަބަރު ލިބިވަޑައިގަތުމުން ވަރަށް ބޮޑަށް ހިތްޕުޅުކުޑައިވިއެވެ. މުސްލިމުންގެ އިންތިޒާމު އިތުރަށް ބޮއްސުންލިއެވެ. ނަމަވެސް އެޚަބަރާ ވިދިގެން އަނަސު ބުނުއް ނަޟަރު އާއި، ޘާބިތު ބިން ދަޙްދާޙު (ރަޟިޔަﷲ ޢަންހުމް) ފަދަ ބޭކަލުން ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަޑައިގެން ނެތް ދުނިޔެއެއްގައި ނުތިއްބަވަންވެގެން ޤުރްބާނީގެ ރޫޙުގައި ހަނގުރާމަކުރައްވައި ޝަހީދުވެވަޑައިގެންނެވުމަކި އިސްލާމީ ލަޝްކަރުގެ ހިތްވަރު އާވުމުގެ ސަބަބަކަށްވިއެވެ.

ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޝަހީދުވެވަޑައިގެންނެވި ޚަބަރު ޢާއްމުވުމުން މުސްލިމުންނަށް ވަރަށް ބޮޑު މަންފާއެއްވެސް ކުރިއެވެ. އެހެނީ އެޚަބަރާ ވިދިގެން މުޝްރިކުންގެ ޙަމަލައިގެ ޖޯޝު ލައްކަ ތަން ކުޑަވިއެވެ. ތިމާމެންގެ އެންމެ ބޮޑު މަޤްޞަދު ޙާޞިލުވެއްޖެކަމުގައި ބަލައިގެންނެވެ. މުޝްރިކުންގެ ތެރެއިން އެތައް ބަޔަކު މުސްލިމުންނާ ޙަމަލަދިނުން ހުއްޓައިލިއެވެ. މުސްލިމުންގެ ޝަހީދުންގެ ހަށިކޮޅުތަކަށް ގޯނާކުރުމުގެ މަސައްކަތަށް އެނބުރިގަތެވެ. އެމީހުން ހީކޮށްގެ ތިބީ ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޝަހީދުކޮށްލެވުމުން މުސްލިމުން މާޔޫސްވެގެން ހަނގުރާމަހުއްޓައިލާނެކަމުގައެވެ. ޤުރައިޝުންނަށް ތަސްލީމުކުރާނޭ ކަމުގައެވެ. ފަސޭހަކަމާއެކު މަދީނާ ފަޠަހަކުރެވިދާނޭކަމުގައެވެ.

ކައުސާހިބާގެ ރައްދު ޙަމަލައާއި ޙާލަތުގެ މައްޗަށް ބާރުފޯރުއްވެވުން

މުޞްޢަބު ބިން ޢުމައިރު ރަޟިޔަﷲ ޢަންހު ޝަހީދުވުމުން، ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ، އިސްލާމީ ލަޝްކަރުގެ ދިދަދެއްވީ ޢަލީ ބިން އަބީޠާލިބު ރަޟިޔަﷲ ޢަންހުއަށެވެ. ޢަލީގެފާނަށް ދިދަ ލިބިވަޑައިގެންނެވުމުން މުޝްރިކުންނާ ވަރަށް ވަރުގަދަޔަށް ހަނގުރާމަ ކުރެއްވިއެވެ. ޛުލްފިޤާރުން ބުރުއްސައިލެއްވި ކަނިތަކުން ދުޝްމިނުން ކެވިއަރަން މަޖްބޫރުވިއެވެ. ކައުސާހިބާގެ އަރިހުގައި ތިއްބެވި ޞަޙާބީންގެ މަދުބޭކަލުންކޮޅުވެސް މިސާލެއްނެތްފަދަ ހިތްވަރުފުޅާއެކު ޖިހާދުގައި ބައިވެރިވެވަޑައިގެންނެވިއެވެ. ފުރާނަފުޅަކަށް ބެއްލެވުމެއްނެތި ހަނގުރާމަކުރެއްވިއެވެ. އެހެންކަމުން ގިނައިރެއްނުވެ ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކުރިފުޅުމަތީގައި މުޝްރިކުންގެ ސަފުތައް ފޫވައްޓައިލެއްވުމުގެ ދޮރު ހުޅުވިއްޖެއެވެ. މުޝްރިކުން ކޮށިހަދައިވަށައިލައިގެން ތިބި ޞަޙާބީންގެ އަރިހަށް ވަޑައިގަތުމުގެ އެކަށޭނަކަން ލިބިވަޑައިގެންފިއެވެ.

އިތުރުސާހިބާ އެކަލޭގެފާނުގެ އަރިހުގައި ތިއްބެވި ބޭކަލުންނާއިގެން މުޝްރިކުންގެ ގޮނިފޫވައްޓައިލައްވައި ހިސާރުވެވަޑައިގެންފައި ތިއްބެވި ޞަޙާބީންގެ އަރިހަށް ވަޑައިގަތުމުގައި ކާމިޔާބުހޯއްދަވައިފިއެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެންމެ ފުރަތަމަ ފާހަގަކުރެއްވުނީ ކަޢުބު ބިން މާލިކު ރަޟިޔަﷲ ޢަންހު އަށެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ދަގަނޑު ކޯރިކޮޅުގެ ތެރެއިން ދެލޯފުޅު ފެނިވަޑައިގެންނެވުމުންނެވެ. ކަޢުބު ބިން މާލިކު ރަޟިޔަﷲ ޢަންހުއަށް އިތުރު ސާހިބާ ފާހަގަކުރެއްވިއްޖެއެވެ. ލިބިވަޑައިގެންނެވި އުފާފުޅުން އެކަލޭގެފާނަށް ހަޅޭފުޅުލައްވައިގެންނެވުނެވެ. އެކަލޭގެފާނު ގޮވައިލެއްވިއެވެ. " މުސްލިމުންނޭވެ! އުފާކުރާށެވެ. މިހުންނެވީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައެވެ." އިތުރުސާހިބާ ކަޢުބަށް އިޝާރަތްކުރައްވައި ހިމޭނުން ހުންނަވަން ވިދާޅުވިއެވެ. ނަމަވެސް ކަޢުބުގެ އަޑުފުޅު މުސްލިމުންނާ ހަމައަށްވަނީ ފޯރާފައެވެ. މުސްލިމުންނަށް ހީވީ އެބައިމީހުންގެ ހަށިތަކަށް އަލުން ފުރާނައެޅުނުހެންނެވެ. އެހެންކަމުން ދޫނިތައް ދުވަމުން އުދުހެމުން ވަކިދިމާޔަކަށްދާ ބީދައިން ޞަޙާބީން އެބޭކަލުންގެ ލޮބުވެތި ޙަބީބުގެ އަރިހަށް އެއްވެ ވަޑައިގެންނަވާން ފެއްޓެވިއެވެ. އެގޮތުން ގާތްގަނޑަކަށް ތިރީހަކަށް ޞަޙާބީން އިތުރުސަހާބީގެ އަރިހަށް ވަޑައިގެންނެވުމުން އިތުރު ސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެބޭކަލުން ގޮވައިގެން މުޝްރިކުންނާ ޙަމަލަދެއްވައި މުޝްރިކުންގެ ގޮނި ފޫވައްޓައިލައްވައިފިއެވެ. އިސްލާމީ ލަޝްކަރާއިގެން އުޙުދު ފަރުބަދައިގެ ތަންކޮޅެއް އުހުގައި ހުރި އިސްލާމީ ލަޝްކަރުގެ އަސްކަރުގާހާ ދިމާޔަށް ޖެހިވަޑައިގަންނަވާން ފައްޓަވައިފިއެވެ.

(ނުނިމޭ)