17 Aug 2017, 08:50
އިންޑިއާ ކަހަލަ، އަންހެނުންނަށް އެއްވެސް ރައްކާތެރިކަމެއް ނެތް ގައުމަކަށް އަންހެން ދަރިއަކު އުފަން ކުރަން ބޭނުން ނުވާ ކަމަށް 'ޔޭ ހޭ މޮހައްބަތޭން'ގެ ބަތަލާ ދިވްޔަންކާ ތުރިޕަތީ ދާހިޔާ ބުނެފި އެވެ.
ދިވްޔަންކާ ކުރި ޓުވީޓުތަކެއްގައި އެހެން ބުނެފައި ވަނީ އިންޑިއާގެ މިނިވަން ދުވަހުގެ ރަސްމިއްޔާތު ނިންމުމަށް ފަހު ދިޔަ 12 އަހަރުގެ އަންހެން ކުއްޖަކަށް ވަޅިން ބިރުދައްކައި އެކުއްޖާ ރޭޕް ކޮށްލި މައްސަލައިގައި ނުރުހުން ފާޅުކުރަމުންނެވެ.
ދިވްޔަންކާ ބުނީ މީގެ ކުރިން ދުވަހަކު ވެސް ފިރިހެން ދަރިއަކު ބޭނުން ވެގެން ދުއާކޮށްފައި ނުވާނެ ކަމަށާއި، އެހެން ނަމަވެސް މިހާރު އަންހެން ދަރިއަކު ލިބިދާނެތީ ބިރުގަންނަ ކަމަށެވެ.
"އަހަރެން ކީކޭ ދަރިފުޅު ގާތު ބުނާނީ؟ ނަރަކަ އަކަށް ދަރިފުޅު އުފަންކުރަންވީ ކީއްކުރަން؟" ނުރުހުން ފާޅު ކުރަމުން ދިވްޔަންކާ ބުނެފައިވެއެވެ.
ދިވްޔަންކާ ވަނީ ރޭޕް ފަދަ ބޮޑެތި ކުށްތަކަށް އެކަށީގެންވާ އަދަބު ނުދެވޭތީ ފުލުހުންނާއި ޝަރުއީ ދާއިރާއަށް ވެސް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ.
"ކޮން މިނިވަންކަމެއްގެ ވާހަކަ އަހަރެމެން މި ދައްކަނީ؟" ދިވްޔަންކާ ސުވާލުކޮށްފައިވެ އެވެ.
ދިވްޔަންކާ ވަނީ އިންޑިއާގައި އަންހެނުންގެ ބޭނުން ނެތް ނަމަ، އެއްވެސް އިންތިޚާބެއްގައި އަންހެނުން ވޯޓު ލާން ނުޖެހޭ ކަމަށް ވެސް ބުނެފައެވެ. އަދި އިންޑިއާ އަކީ "ރޭޕް ޕެރަޑައިސް" ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.