24 Jul 2011, 10:23
ރާއްޖޭގެ ކަނޑުތަކުގެ ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓް އުފައްދައި ދިނުމަށް ސްކޮޓްލޭންޑް ސަރުކާރުން އެއްބަސްވެފައިވާ ކަމަށް އެ ގައުމުގެ ނޫހެއް ކަމަށްވާ ގްރީން އިކޮނޮމީން އިއްޔެ ބުނެފި އެވެ.
އެނޫސް ބުނި ގޮތުގައި ރާއްޖޭގެ ކަނޑުތަކުގައި ރާޅު ހުންނަ ގޮތާއި ރާއްޖޭގެ ކަނޑުތަކުން ތާމަލް ]ހޫނު[ ހަކަތަ ހޯދޭނެ ގޮތްތައް ބެލުމަށް ސްކޮޓްލޭންޑުން ރާއްޖޭގައި ދިރާސާ ކުރާނެ އެވެ.
ގްރީން އިކޮނޮމީގައިވާ ގޮތުގައި ކަނޑުތަކުން ހަކަތަ އުފެއްދުމަށް ޓަކައި ރާއްޖޭގައި ކުރާ ދިރާސާގައި އިސްކޮށް އުޅުއްވާނީ ސްކޮޓްލޭންޑްގެ ރޮބަޓް ގޯޑަން ޔުނިވަސިޓީގެ ސައިންސްވެރިންނެވެ. އަދި އެނޫސް ބުނި ގޮތުގައި ކަނޑުތަކުން ހަކަތަ އުފެއްދުމުގެ މަޝްރޫއާ ބެހޭ ގޮތުން މަޝްވަރާކުރުމަށް އެ ގައުމުގެ އެނަޖީ މިނިސްޓަރު ޖިމް މާދަ ވަނީ ރާއްޖޭގެ އެނަޖީ މިނިސްޓަރު މުހައްމަދު އަސްލަމާ ދާދިފަހުން ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެ ފަދަ ކުދި ގައުމުތަކަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް ޓަކައި އެހީތެރިވާން ސްކޮޓްލޭންޑުން ބޭނުންވާކަން އޭނާ ވަނީ ހާމަކުރައްވާފައި ކަމަށް ވެސް އެ ނޫސް ބުނެ އެވެ.
"ސްކޮޓްލޭންޑުން ކުޑަ ގައުމަކަށް މިގެންނަނީ ]ރާއްޖެ[. ދިވެހި ރާއްޖޭން މަސައްކަތްކުރަނީ 10 އަހަރުގެ ތެރޭގައި ކާބަން ނިއުޓްރަލް ވުމަށް. މިދިރާސާގެ ސަބަބުން ކާބަން މަދުކޮށް ކަރަންޓް އުފެއްދުމުގައި އަހަރެމެން ހޯދާފައިވާ ކުރިއެރުމުން، ރާއްޖެ އަށް ކުރިމަތިވެފައިވާ މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުންތަކުން ސަލާމަތްވުމަށް އެހީތެރި ވެވޭނެ،" މާދަ ވިދާޅުވި ކަމަށް ގްރީން އިކޮނޮމީގައިވެ އެވެ.
ސްކޮޓްލޭންޑްގެ ބޮޑުވަޒީރާ ހަވާލާދީ ގްރީން އިކޮނޮމީ ބުނި ގޮތުގައި އެގައުމަކީ ރާޅާއި އޮއިވަރު ބޭނުންކޮށްގެން ހަކަތަ އުފެއްދުމުގައި ޔޫރަޕްގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވާ އެއް ގައުމެވެ. އަދި ރޮބަޓް ގޯޑަން ޔުނިވަސިޓީން މިކުރާ ދިރާސާއަކީ ރާއްޖެ އަށް އެންމެ ރަނގަޅަށް އެހީތެރިވެދެވޭނެ އެއް ގޮތް ކަމަށް ވެސް އެ ނޫސް ބުނެ އެވެ.