މޮޮސްކޯ : (25 ޖުލައި) : ރަޝިޔާގެ އެންމެ އިސް ދެ ޒަޢީމުން ކަމަށްވާ ރައީސް ޑިމިޓްރީ މިޑްވެޑޭވް އާއި ކުރީގެރައީސް އަދި މިހާރުގެ ބޮޑުވަޒީރު ވްލަޑިމޭރު ޕޫޓިންގެ މަޤްބޫލުކަން ރައްޔިތުންގެ މެދުގައި ވަރަށް ބޮޑަށް ދަށަށް ގޮސްފިކަން ޚިޔާލު ހޯދުމުގެ ސަރވޭއަކުން ހާމަވެއްޖެ އެވެ.

ރަޝިޔާގެ ޢާންމު ޚިޔާލު ހޯދުމުގެ ސަރވޭތައްކުރާ މަރުކަޒެއް ކަމަށްވާ "ލިވާޑާ ރީސާޗް ސެންޓަރު" ން ކުރި ޚިޔާލުހޯދުމުގެ ސަރވޭއެއްގެ ނަތީޖާ ދައްކާގޮތުން ރައީސް މިޑްވެޑޭވްގެ މަޤްބޫލުކަން 66 އިންސައްތައަށް ދަށްވެފައިވާއިރު ބޮޑުވަޒީރު ޕޫޓިންގެ މަޤްބޫލުކަންވަނީ 68 އިންސައްތައަށް ދަށަށް ގޮސްފައެވެ. ނަމަވެސް މީގެ ހައަހަރުކުރިން ޕޫޓިންގެ މަޤްބޫލުކަން 80 އިންސައްތާގައި އަދި މިޑްވެޑޭވްގެ މަޤްބޫލުކަން 70 އިންސައްތައަށްވުރެ މަތީގައި އުޅޭކަން ޚިޔާލު ހޯދުމުގެ ސަރވޭތަކުން ހާމަވެފައިވެއެވެ.

މިސަރވޭގައި ރަޝިޔާގެ 130 ރަށެއްގެ ރައްޔިތުންގެ ތެރެއިން 1600 މީހުންނާ ސުވާލުކޮށް އެމީހުންގެ ޚިޔާލު ހޯދާފައިވެއެވެ. މި 1600 މީހުންނަކީ އެކި ފަންތީގެ އެކި އުމުރުގެ މީހުން ކަމަށްވެސް ލިވާޑާ ރީސާޗް ސެންޓަރުން ބުނެ އެވެ. އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރަޝިޔާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ރައީސް މިޑްވެޑޭވްވެސް އަދި ބޮޑުވަޒީރު ޕޫޓިންވެސް ވަނީ ހާމަކުރައްވާފައެވެ.

ރަޝިޔާގެ ރައީސް ކަމުގައި މިޑްވެޑޭވް ހުންނެވި ނަމަވެސް ރަޝިޔާގެ އިސް ލީޑަރުގެ ގޮތުގައި އަދި ސިޔާސީ ގޮތުން އެންމެ ނުފޫޒުގަދަ ބޭފުޅެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވަނީ ބޮޑުވަޒީރު ވްލަޑިމޭރު ޕޫޓިންއެވެ. އޭނާވަނީ ބޮޑުވަޒީރުކަމާ ޙަވާލުވެ ވަޑައިގަތުމުގެ ކުރިން ޖެހިޖެހިގެން ދެފަހަރު ރަޝިޔާގެ ރައީސްކަން ކުރައްވާފައެވެ. (އަލްޖަޒީރާ)