19:00


ސްރީލަންކާގައި ތަމަޅައިންނަށް ވަކި ދައުލަތެއް ގާއިމުކޮށްދިނުމަށް ޓަކައި ހަނގުރާމަކުރަމުން ދިޔަ އެލްޓީޓީއީގެ މައްޗަށް އެގައުމުގެ ސަރުކާރުގެ ސިފައިން ކާމިޔާބީ ހޯދިތާ އެއްއަހަރު ފުރުން ފާހަގަކުރުމަށްޓަކައި ބާއްވަން ހަމަޖެހިފައިވާ ރަސްމިއްޔާތުތައް ވިއްސާރައިގެ ސަބަބުން ފަސްކޮށްފި އެވެ.


ތަމަޅަ ޓައިގަރުންގެ ލީޑަރު ވެލުޕިއްލައި ޕްރަބާކަރަން މަރާލައި ލަންކާ ސިފައިން އެގައުމުގެ ރައްޔިތުންނަށް އަމަން އަމާންކަން ހޯދައިދިންތާ އެއްއަހަރު ފުރުނީ މިއަދެވެ. އެހެން ނަމަވެސް ކޮލަމްބޯއަށް ބޯކޮށް ވާރޭ ވެހި މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން، އުފާފާޅުކުރުމުގެ ރަސްމިއްޔާތުތައް ވަނީ ފަސްކުރަން ޖެހިފަ އެވެ. މިރަސްމިއްޔާތުތައް ދެން ބާއްވާނެ ތާރީޚެއް އަދި އިއުލާން ކޮށްފައެއްނުވެ އެވެ.


މެއިމަހުގެ 18 ވަނަ ދުވަހަކީ ތަމަޅަ ޓައިގަރުންގެ ބިރުވެރިކަމުން ލަންކާ ސަލާމަތްވެ އެގައުމަށް ނަސްރު ލިބުނު ދުވަހުގެ ގޮތުގައި ފާހަގަކުރަމުންދިޔަ ނަމަވެސް ގައުމުން ބޭރުގައި ދިރިއުޅޭ ތަމަޅައިން ވަނީ ސްރީލަންކާގައި ދިރިއުޅޭ ތަމަޅައިންނަށް މިނިވަން ދައުލަތެއް ގާއިމުކޮށްދިނުމަށްޓަކައި ސުލްހަވެރިކަމާއެކު މަސައްކަތްކުރާ ޖަމާއަތެއްގެ ގޮތުގައި 'ގްލޯބަލް ޓެމިލް ފޯރަމް' ގެ ނަމުގައި އާ ޖަމާއަތެއް އުފައްދާފަ އެވެ. އަދި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތިބި ތަމަޅަ މަހުޖަނުންގެ އެހީއާއެކު އެލްޓީޓީއީ ޖަމާއަތް ވެސް އަލުން ދިރިގެން އައިސްފާނެ ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.


އަންދާޒާ ކުރެވޭ ގޮތުގައި 37 އަހަރުވަންދެން ސްރީލަންކާގައި ތަމަޅަ ޓައިގަރުން ކުރަމުން އައި ހަނގުރާމައިގައި އެގައުމުގެ އެއްލައްކައަށްވުރެ ގިނަ ރައްޔިތުން ވަނީ މަރުވެފަ އެވެ.