17 Aug 2017, 09:11
ދުނިޔޭގެ ފެންވަރުގައި އެންމެ ރައްކާތެރި އަދި ކޮލިޓީ ރަނގަޅު ޚިދުމަތް ދޭ ކުންފުނިތަކަށް ދޭ ސެޓްފިކެޓެއް އައިލެންޑްސް ބެވަރޭޖަސް މޯލްޑިވްސް އިން ހޯދައިފި އެވެ.
އެ ކުންފުންޏަށް ލިބިފައި ވަނީ އިންޓަނޭޝަނަލް އޮގަނައިޒޭޝަން އޮފް ސްޓެންޑަޑައިޒޭޝަން (އައިއެސްއޯ) އިން ދޭ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމްގެ ދެ ސެޓްފިކެޓާއި ކުންފުނިތަކުގެ ހިދުމަތްތަކުގެ ކޮލިޓީ ބަލާ ސުވިޒަލެންޑްގެ ކުންފުންޏެއް ކަމަށްވާ ސޮސައިޓީ ޖެނެރެލް ޑި ސާވައިލެންސް (އެސްޖީއެސް)އިން ދިން ސެޓުފިކެޓެވެ.
އެ ސެޓްފިކެޓުތަކަކީ ޕްރޮފެޝަނަލް ސްޓޭންޑަޑެއްގައި ހިދުމަތް ދިނުމުގައި ކުންފުނިތަކާއި އާންމުންގެ އިތުބާރު އެ ކުންފުނިން ހޯދާފައިވަތީ ދީފައިވާ ސެޓުފިކެޓުތަކެކެވެ.
1 އައިއެސްއޯ 9001:2015،
2. އައިއެސްއޯ 22000:2005
3. އެޗްއޭސީސީޕީ (އެސްޖީއެސް)
ހެޒާޑް އެނައިލިސިސް އެންޑް ޕެސްޓް ކޮންޓްރޯލް (އެޗްއޭސީސީޕީ) އަކީ ކާބޯތަކެތި ކެއުމަށް ރައްކާތެރި ތަކެތިތޯ ކަނޑައެޅުމަށްޓަކައި ގެންގުޅޭ ބައިނަލަގްވަމީ މިންގަޑެކެވެ. އެ މިންގަޑުތައް ތައްޔާރުކޮށްފައި ވަނީ ޕިލްސްބަރީ ކުންފުނީގެ އިންޖިނިއަރުންނެވެ،
އެ ސެޓްފިކެޓުތައް ދިން ހަފްލާ ޝަރަފުވެރިކޮށް ދެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިޤު އިބްރާހިމެވެ. އެ ރަސްމިއްޔާތުގައި އައިބީއެމް އަދި މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) މުވައްޒަފުންނާއި ގްލޯބަލް ހެޑް ޓްރެވަލް އެންޑް ހޮސްޕިޓާލިޓީ ސޮލިއުޝަންސް، އެސްޖީއެސް ސްވިޒަލޭންޑް، ޕީޓާ ހުވިޑްބާގް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އައިއެސްއޯ ތިން ސެޓިފިކެޓެއް އައިލެންޑް ބެވެރޭޖާސް މޯލްޑިވްސް ( އައިބީއެމް) އަށް އެރުވުމަށްޓަކައި ސެންޓްރަލް ހޮޓެލްގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---ސަން ފޮޓޯ : ފަޔާޒް މޫސާ
"އެއިބީއެމް އިން އައިއެސްއޯ 9001:2015 އަދި 22000:2005 ސެޓްފިކެޓް ހާސިލުކުރުމުގެ މައިގަނޑު މަގުޞަދަކީ ކުންފުނީގެ މަސައްކަތަށް އެއްހަމައެއް ގާއިމުކޮށް ކޮލިޓީ މެނޭޖްމަންޓް ސިސްޓަމްގެ ބައެއްގެ ގޮތުގައި ރިސްކު ނެގުން އޮތުމުގެ ބަދަލުގައި، ސިސްޓަމެޓިކް އެޕްރޯޗެއް (ނުވަތަ ހަމަޖެހިފައިވާ ހާއްސަ އުސޫލެއް) ބޭނުން ކޮށްގެން ރިސްކުނެގުމުގެ މިންގަނޑުތަކެއް ގާއިމުކުރުން،ކަމުގައި އެ ކުންފުނިން ބުންޏެވެ.
އައިބީއެމުން އިތުރަށް ބުނީ އައިއެސްއޯ 22000:2005 އަދި އެޗްއޭސީސީޕީ ސެޓްފިކެޓްތަކަކީ ކާބޯތަކެތި އުފެއްދުމުގައި ހާއްސަ މިންގަނޑުތަކެއް ގެންގުޅުމުގެ ސަބަބުން މާލޭ ބޮޓަލިން ޕްލާންޓަށް ހާސިލްވެފައިވާ ދެ ސެެޓްފިކެޓް ކަމަށެވެ.