މާލޭގެ ފިހާރައަކުން ދޮޅު ކިލޯއެއްހާ މަސްތުވާތަކެތި ފުލުހުން އަތުލައިގެންފި އެވެ.

ފިހާރައެއްގެ ތެރެއިން އަތުލައިގެންފައި ވަނީ ކެނަބިސް ކަމަށް ޝައްކުކުރެވޭ ފިލްމު ހުސްކުރި 29 ދަޅެއްގައި ބަންދުކޮށްފައި ހުރި މަސްތުވާތަކެއްޗާއި ބޮޑު ރަބަރު ޕެކެޓެއްގައި ބަންދުކޮށްފައި ހުރި ކެނަބިސް ކަމަށް ޝައްކު ކުރެވޭ އެއްޗެއްސެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ދެ ބިދޭސީއެކެވެ.

އެ މައްސަލާގައި ގެއެއްގެ ތެރެއިން ވެސް މަސްތުވާތަކެތި އަޅާފައި ހުރި ދަޅެއް ހޯދާފައިވެ އެވެ.

އެ މައްސަލައާ ގުޅުންހުރި ގެއެއްގެ ތެރެއިން ފިލްމު ހުސްކުރި އިތުރު ދަޅެއް ވެސް ފުލުހުން ވަނީ ހޯދާފައެވެ. އެ ދަޅުގައިި ވެސް ހުރީ ކެނެބިސް ކަމަށް ޝައްކުކުރެވޭ އެއްޗެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ބުނީ އަތުލައިގެން އެއެއްޗެތީގެ ވަގުތީ ބަރުދަނުގައި 1.4 ކިލޯ ކަމަށެވެ.