ހައިރައިޒުން އިންތިޒާމުކޮށްގެން ބާއްވާ ސަރަހައްދީ ޓްރެވަލް އެވޯޑު، ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސާޓާ)ގެ ވީޑިއޯގްރަފީ ޕާޓްނަރަކަށް ނާން ޕްރައިވެޓް ލިމިޓެޑްގެ ވިޝުއަލް ބީމްސް ހަމަޖައްސައިފިއެވެ.

ޗަމްޕާ ސެންޓްރަލް ހޮޓަލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ސާޓާގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ސާޓާގެ ނައިބް ރައީސް ސޫރަޖް ޚާން އެވެ. ނާން ގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ، ޗީފް ފައިނޭންޝަލް އޮފިސަރ އަބްދުﷲ އަޝްފާޤެވެ.

ސާޓާގެ ވީޑިއޯގްރަފީ ޕާޓްނަރަކަށް ނާން ހަމަޖެއްސިއިރު ފޮޓޯގްރަފީ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ޑިޖިޓަލް ސްޓޫޑިއޯ އެވެ. އަދި ޓްރެވަލް ޕާޓްނަރަކަށް އެމްވީ ހޮޓެލްސް ހަމަޖެއްސި އިރު އޮޑިޓިން ޕާޓްނަރަކީ ކްރޯ ހޮވާތު އެވެ.

ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ ހަމަޖެއްސިއިރު ގޯލްޑް ޕާޓްނަރަކަށް ހަމަޖެއްސީ ހޯކްސް ޕްރައިވެޓް ލިމިޓެޑެވެ. ސިލްވާ ޕާޓްނަރުންގެ ގޮތުގައި ހަމަޖެއްސީ މާލޭ އޭރިއޭޓެޑް ވޯޓާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި އޭޝިއާ ފޯވާޑިން ޕްރައިވެޓް ލިމިޓެޑް ހަމަޖައްސާފައި ވާއިރު ސާޓާގެ ޓްރެވަލް ޕާޓްނާއެއްގެ ގޮތުގައި މިއަދު ހަމަޖެއްސީ އެމްވީ ހޮޓެލްސްއެވެ.

ސަރަހައްދީ ފެންވަރުގައި ބާއްވާ ސާޓާގެ އިވެލުއޭޝަން މިއަދު ރާއްޖޭގައި ފަށާފައިވާއިރު އެވޯޑުގައި ހިމެނޭ 10 ސެގްމެންޓާއި 34 ކެޓަގަރީން 450 އަށްވުރެ ގިނަ ފަރާތްތައް ވަނީ ނޮމިނޭޓުކޮށްފައެވެ.

ރާއްޖޭގެ އިވެލުއޭޝަނަށް ފަހު ސްރީލަންކާ އިން ނޮމިނޭޓުކޮށްފައިވާ ފަރާތްތަކުގެ އިވޭލުއޭޝަން އޮންނާނީ ވެރިރަށް ކޮލޮމްބޯގައި މިމަހުގެ 19 އިން 22 ވަނަ ދުވަހުގެ ނިޔަލަށެވެ. އެއަށް ފަހު ދެކުނު އިންޑިއާ އިން ނޮމިނޭޓުކޮށްފައިވާ ފަރާތްތަކުގެ އިވެލުއޭޝަން 23 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލަށް ބެންގަލޫރުގައި ކުރިއަށްދާނެ އެވެ.

އުތުރު އިންޑިއާ ސަރަހައްދުން ނޮމިނޭޓުވެފައިވާ ބްރޭންޑުތަކުގެ އިވެލުއޭޝަން އޮންނާނީ މިމަހުގެ 27 އިން ފެށިގެން 29 ގެ ނިޔަލަށް ނިއުދިއްލީގައެވެ. އަދި 29 ވަނަ ދުވަހުން ފެށިގެން ނޭޕާލާއި ބޫޓާނުން ނޮމިނޭޓްވެފައިވާ ފަރާތްތަކުގެ އިވެލުއޭޝަން ކުރިއަށް ގެންދާއިރު ސެޕްޓެމްބަރު މަސް ފެށެންވާ އިރު އިވެލުއޭޝަން މަސައްކަތް އެއްކޮށް ނިންމާލާނެ އެވެ.