16 Aug 2017, 18:45
ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ ބަންދަށް ހަތަރު ދުވަސް ކްރިމިނަލް ކޯޓުން މިއަދު އިތުރުކޮށްފިއެވެ.
މިދިޔަ މަހުގެ ފަހުކޮޅު ހައްޔަރުކުރުމަށްފަހު އެންމެ ފުރަތަމަ އެ ދެ ބޭފުޅުންގެ ބަންދަށް އިތުރުކުރީ 15 ދުވަހެވެ. އޭގެ ފަހުން އެ ދެ މެންބަރުންގެ ބަންދަށް ހަތަރޔ ދުވަސް އިތުރުކުރި މިއީ ދެވަނަ ފަހަރެވެ.
އެ ދެ ބޭފުޅުން ހައްޔަރުކޮށްފައި ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ނޫން ބަޔަކު ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ތެރެއަށް ވަން މައްސަލައިގެ ތުހުމަތުގައެވެ.
އަމީތުގެ ވާއަތު ލޯ އިންފެކްޓްވެ ދުޅަވެގެން އޭނާ މިއަދު ވަނީ އައިކެއާ އަށް ގެންގޮސް ޑޮކްޓަރަށް ވެސް ދައްކައިފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން މެމްބަރުން ނޫން ކަމަށް ކަނޑައެޅި މެމްބަރުންގެ ތެރޭގައި ސައުދާއި އަމީތު ވެެސް ހިމެނިވަޑައިގަންނަވައެވެ.
އެ ދެ ބޭފުޅުން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައެވެ. އަދި މިހާރު ވަނީ އެ މައްސަލައިގެ ޝަރީއަތް ވެސް ފަށާފައެވެ.