މުޖުތަމައުން މިއަދު ފެންނަނީ ހިތްހަމަނުޖެހުމާއި ނުތަނަވަސްކަމުގެ ކުލަވަރުތައް ކަމަށާއި ދަރިންގެ ކިޔަމަންތެރިކަމެއް ނެތް ކަމަށާއި ވެރިންގެ އަދުލުވެރިކަމެއް ނެތް ކަމަށް އަދާލަތު ޕާޓީގެ އިލްމުވެރިންގެ ގޮފީގެ ނައިބު ރައީސް އައްޝައިހު އިލްޔާސް ހުސައިން ވިދާޅުވެއްޖެ އެވެ.

"އުފާވެރި ދިރިއުޅުމަކަށް އެދޭމީހާ އަށް" މިނަމުގައި ރޭ ކާނިވާ ސަރަހައްދުގައި ދެއްވި ދަރުސްގައި އިލްޔާސް ވިދާޅުވީ ފަރުދުންގެ މެދުގައި ގުޅުމެއް ނެތް ކަމަށާއި މުޅި މުޖުތަމައުން ފެންނަނީ އުދާސްކަން ކަމަށެވެ.
"ބަލާލާ ކޮންމެ ދިމާލަކުން އަޅުގަނޑުމެންނަށް އުދާސްކަން ލިބެނީ. ހިތްނުތަނަވަސްކަމެއް ލިބިގެން މިދަނީ. ދަރީންނަށް ބަލާލި ކަމަށް ވިޔަސް ކިޔަމަންތެރިކަމެއް ނެތް. ވެރިންނަށް ބަލާލިކަމަށް ވިޔަސް، އަދުލު އިންސާފެއް ނެތް. ދޭދޭ ދެއަފުރާދުންނަށް ބަލާލި ކަމުގައި ވިޔަސް އީމާންތެރިކަމުގެ ސަބަބުން ލިބެން ޖެހޭ ގުޅުމެއް ނެތް،" އިލްޔާސް ވިދާޅުވި އެވެ.

އިލްޔާސް ވިދާޅުވީ ރާއްޖޭގައި މިއަދު ބަލާލި ކޮންމެ ދިމާލަކުން އުފާވެރިކަން ގެއްލި އުދާސްތައް ފެންނަނީ އަޅުގަނޑުމެންގެ އީމާންތެރިކަން ކުޑަވުމުގެ ނަތީޖާގެ ސަބަބުން ކަމަށެވެ. އަދި ވިދާޅުވީ އަޅުގަނޑުމެންގެ އީމާންތެރިކަން ބަލިކަށިވުމުގެ ސަބަބުން އިލާހީ ރަހުމަތުން ކެނޑިފައިވާ ކަމަށާއި ބޮޑެތި ޖަރީމާތައް މުޖުތަމައުން ފެންނަމުން ދަނީ އެހެންވެ ކަމަށެވެ.

"މިއަދު އަޅުގަނޑުމެން މިތިބީ އިލާހީ ރަހުމަތުން ކެނޑިފައި. ނަތީޖާއެއްގެ ގޮތުން މުޖުތަމައުގައި އަޅުގަނޑުމެން ދެކެން ބޭނުން ނުވާ ފަދަ، އާދައިގެ ކަންތައްތަކެއް ނޫން ފެނިގެން މިދަނީ،" ޝެއިޚު ވިދާޅުވި އެވެ.

ޝައިޚު ވިދާޅުވީ އިލާހީ ރަހުމަތް އަލުން ހޯދުމަށްޓަކައި އީމާންކަން ހަރުދަނާ ކުރަން ޖެހޭ ކަމަށާއި އެގޮތުން ކުރަން ޖެހޭ އެންމެ ފުރަތަމަ ކަމަކީ ފަރުޟު ފަސް ނަމާދަށް ރައްކާތެރިވުން ކަމަށެވެ. ނަމަވެސް މިއަދު އަޅުގަނޑުމެން ވަނީ ނަމާދާއި ދުރުވެފައި ކަމަށާއި ދަރިން ސްކޫލަށް ދަނީ ފަތިސް ނަމާދުނުކޮށް ކަމަށް ޝެއިޚު ވިދާޅުވި އެވެ.
" އަޅުގަނޑުމެންގެ ދަރީން ސްކޫލްތަކަށް ދަނީ ފަތިސް ނަމާދު ނުކޮށް. ތިން ސަތޭކަ ކުދިން ތިބި ނަމަ އޭގެ ތެރެއިން ތިން ކުދިން ވެސް ނަމާދުކޮށްގެނެއް ނޫން ދަނީ. ދެން ކިހިނެތްތޯ އަޅުގަނޑުމެން، ﷲ ސުބްހާނަހޫ ވަތަޢާލާ ދެއްވާފައިވާ މިނިޢުމަތް ތަނަވަސް ކުރާނީ؟ ހިތް އަލިވާނީ ކިހިނެތްތޯ؟ ސިކުނޑި ތަނަވަސްވާނީ ކިހިނެތްތޯ؟ ދޫ ފަސޭހަވާނީ ކިހިނެތްތޯ؟ ކިހިނެތްތޯ އެކުދިން އެ ހުރިހާ މާއްދާތަކުން ފާސްވާނީ؟،" ޝެއިޚު ސުވާލު ކުރެއްވި އެވެ.

ކީރިތި ޤުރުއާނާއި ސުންނަތުގެ އަލީގައި ވާހަކަ ދައްކަވަމުން ޝެއިޚު ވިދާޅުވީ ފައިސާ އާއި އިއްޒަތާއި ވެރިކަމާއި ބާރުން އުފާވެރިކަން ނުހޯދޭނެ ކަމަށެވެ.

އުފާވެރިކަން ލިބޭނެ ކަންތައްތައް ޤުރުއާނާއި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުގެ އަލީގައި ކިޔައި ދެއްވަމުން ޝެއިޚު ފާހަގަ ކުރެއްވި އަނެއް ކަމަކީ ދެމަފިރިންގެ މެދުގައި ރަނގަޅު ގުޅުމެއް އޮތުމެވެ. އެގޮތުން ފިރީން އަނބީންނަށް ހެޔޮކޮށް ހިތުމަށާއި އަނބީން ފިރީންނަށް ހެޔޮކޮށް ހިތުމުގެ މައްޗަށް ޝެއިޚު ވަރަށް ދިގުކޮށް ވާހަކަ ދެއްކެވި އެވެ. އެގޮތުން އަނބީންނަށް އަނިޔާ ކުރުމަށް އިސްލާމްދީން އަމުރު ނުކުރާ ކަމަށާއި އެގޮތަށް ވާހަކަ ދައްކާ ފަރާތްތަކަށް ވިސްނިފައި އެވަނީ މުޅިން ނުބައިކޮށް ކަމަށް ޝެއިޚު ވިދާޅުވި އެވެ.

އާއިލީ ގުޅުންތައް ގޯސްވުމުގެ އެއް ސަބަބެއް ކަމުގައި ޝެއިޚު ފާހަގަކުރެއްވީ އަނބިމީހާގެ ވާހަކަ ފިރިމީހާ އެހެން މީހުންގެ ގާތުގައި ދެއްކުމާއި ފިރިމީހާގެ ވާހަކަ އަނބިމީހާ އެހެން މީހުންގެ ގާތުގައި ދެއްކުން ކަމަށެވެ. އެއީ ވަރަށް ނުބައި ކަމެއް ކަމަށް ވިދާޅުވެ އެކަން ނުކުރުމަށާއި ދެމަފިރިންގެ މައްސަލަތައް ގޭގެ ހަތަރު ފާރު ތެރޭގައި ހައްލުކުރުމަށް ޝެއިޚު ގޮވާލެއްވި އެވެ.

ރޯދަމަސް ކައިރި ވަމުން އަންނާތީ އެ މައްސަރުގެ ހެޔޮގޮތުގައި ލިބި ގަތުމަށް ވެސް ޝެއިޚު ގޮވައިލެއްވި އެވެ. އަދި ރޯދަ މަހު މިއުޒިކާއި ފެޝަން ޝޯ ފަދަ ފާހިޝްކަންތައްތައް އާއްމު ނުކުރުމަށް މީޑިޔާތަކަށް ޝެއިޚުގޮވައިލެއްވި އެވެ. ރޯދަ މަހު މީޑިޔާތަކުން ފާޙިޝް ކަންތައްތައް އާއްމު ނުކުރުމަށް މީގެ ކުރިން ހުޅުމާލޭގައި ދެއްވި ދަރުސްގައި ވެސް ޝެއިޚު އިލްޔާސް ވަނީ ގޮވައިލައްވައިފަ އެވެ.