16 Aug 2017, 15:28
'ބާހޫބަލީ' ސީރީޒް އިން މަޝްހޫރުކަން ހޯދި އެކްޓަރު ޕްރަބާސްގެ ފުރަތަމަ ހިންދީ ފިލްމު، 'ސާހޯ'ގައި އޭނާ އާ އެކު ފެނިގެންދާނެ އަންހެން ތަރިއަކީ ޒުވާން ބަތަލާ ޝްރައްދާ ކަޕޫރު ކަމަށް ފިލްމި އުފައްދާ ފަރާތުން ހާމަކޮށްފި އެވެ.
'ސާހޯ' އިއުލާނު ކުރުމާ އެކު ވެސް އެންމެ ގަދައަށް ދެކެވެމުން ދިޔައީ ފިލްމުގެ ބަތަލާގެ ވާހަކަ އެވެ. އެންމެ ފަހުން ފިލްމު އުފައްދާ ޔޫވީ ކްރިއޭޝަން އިން މިވަނީ ފިލްމަށް ޝްރައްދާ ފައިނަލް ވެފައިވާކަން ހާމަކޮށްފަ އެވެ.
ފިލްމުގެ ޕްރޮޑިއުސަރުން ކަމުގައިވާ ވަމްސީ އަދި ޕްރަމޯދު ބުނެފައި ވަނީ ޝްރައްދާ އަކީ އެ ރޯލަށް އެންމެ އެކަށީގެންވާ ބަތަލާ ކަމަށެވެ.
'ސާހޯ' އަކީ ޕްރަބާސްގެ ފުރަތަމަ ހިންދީ ފިލްމު ކަމުން، އެ ފިލްމު ވަރަށް ބޮޑަށް ޚާއްސަ ކަމަށް ޕްރޮޑިއުސަރުން ވަނީ ބުނެފަ އެވެ.
ސުޖީތުގެ ވާހަކައެއްގެ މައްޗަށް އޭނާ ޑައިރެކްޓު ކުރާ އެ ފިލްމުގެ ޝޫޓިން މި މަހުގެ ފަހު ކޮޅު ފަށާނެ އެވެ. އަދި މިހާރު ހައިދަރްއާބާދުގައި ފިލްމުގެ ސެޓު ވެސް ވަނީ ހަދައި ނިންމައިފަ އެވެ.
ޕްރަބާސް އާއި ޝްރައްދާގެ އިތުރުން ފިލްމުން ދެން ފެނިގެން ދާނީ ބޮލީވުޑް އެކްޓަރު ނީލް ނިތިން މުކޭޝް އެވެ. ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރު އެވެ.