މެނީލާ (އޮގަސްޓް 16): ޕިލިޕީންސްގެ ފުލުހުން އެގައުމުގައި 'މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ ހަނގުރާމާ'ގައި އިއްޔެ އެކަނި 32 މީހަކު މަރާލައިފި އެވެ. އެއީ އެހަނގުރާމަ ފެށުނު ފަހުން އެއް ދުވަސް ތެރޭ މަރާލި އެންމެ ގިނަ އަދަދެއްގެ މީހުން ކަަމަށް ރިޕޯޓުތަކުގައިވެ އެވެ.

ފިލިޕީންސްގެ ފުލުހުން ބުނި ގޮތުގައި އިއްޔެ ބުލަކަން ޕްރޮވިންސުގައި ކުރިއަށްގެން ދިޔަ އެ އޮޕަރޭޝަނުގައި މަރާފައި ވަނީ ހަތިޔާރު ހިފައިގެން ތިބި އަދި ހައްޔަރު ކުރަން އުޅުމުން ގަދަދެއްކި، މަސްތުވާތަކެއްޗާ ގުޅުން ހުރި މީހުންނެވެ.

ފިލިޕީންސްގެ މީޑިއާތަކުން ބުނާ ގޮތުގައި 24 ގަޑި އިރު ވަންދެން ކުރިއަށް ގެންދިޔަ އެއޮޕަރޭޝަނުގައި ބުލަކަން ޕްރޮވިންސުގެ އެކި ސަރަހައްދުތައް ރޭޑު ކޮށްފައިވެ އެވެ. އަދި އެއޮޕަރޭޝަނުގައި ފުލުހުން ވަނީ 100 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ހަތިޔާރު އަތުލައިގެންފަ އެވެ.

ފިލިޕީންސްގެ ރައީސް ރޮޑްރީގޯ ޑުޓާޓޭ މިދިޔަ އަހަރު ވެރިކަމަށް ވަޑައިގެންނެވި ފަހުން އެގައުމުން މަސްތުވާތަކެތީގެ ވިޔަފާރި ނައްތާލުމަށް ފެއްޓެވި އޮޕަރޭޝަނުގައި އެތައް ހާސް މީހުން ވަނީ މަރުވެފަ އެވެ. އޭގެ ސަބަބުން ރައީސް ޑުޓާޓޭއަށް ބައިނަލްއަގުވާމީ ދުނިޔެއިން ފާޑު ކިޔުންތައް އަމާޒުވި ނަމަވެސް އެހަނގުރާމަ ހުއްޓާލުމަށް އޭނާ އެއްބަސްވެވަޑައިނުގަންނަވަ އެވެ. (ބީބީސީ)