23 Jul 2011, 19:56
ވޯލްޑް ކަޕް ކޮލިފައިންގެ ފުރަތަމަ ލެގުގައި ދިވެހިރާއްޖެ ކޮޅަށް ޖެހި ހަތަރު ލަނޑާއެކު، އީރާނުން އުންމީދު ބޮޑުކޮށްފި އެވެ.
އީރާންގެ ވެރިރަށް ތެހެރާންގެ އާޒާދު ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗްގެ ފުރަތަމަ ލަނޑު ޖަހާ އީރާނުން ލީޑް ނެގީ މެޗްގެ ތިން ވަނަ މިނެޓުގަ އެވެ.އެ ލަނޑު ރާއްޖެކޮޅަށް ވައްދާލީ އީރާނުގެ ފޯވާޑް ކަރީމް އަންސާރީ އެވެ.
މެޗް ފަށައިގެން މާ ރަނގަޅު ކުޅުމެއް ރާއްޖޭގެ ކުޅުންތެރިންނަށް ނުދެއްކި އުޅެނިކޮށް، އީރާނުން ޖެހި ފުރަތަމަ ލަނޑާއެކު މެޗްގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނީ 1- 0 ލަނޑުން އިރާން ކުރީގައި އޮވެގެންނެވެ.
މެޗްގެ ކުރީ ކޮޅު އީރާނުން ރާއްޖެ ކޮޅަށް ނުރައްކާތެރި އެތަށް ބޯޅަތަކެއް ކުރިމަތިކުރި ކަމުގައި ވިޔަސް، ރާއްޖޭގެ ގޯލް ކީޕަރު އިމްރާން ވަނީ އެ ނުރައްކާތެރި ބޯޅަތައް ދިއުފާ ކުރުމުގައި ކުރިމަތިލާފަ އެވެ. އެގޮތުން ފުރަތަމަ ހާފްގެ ކުޅުން ނިމުނު އިރު އިމްރާން ވަނީ އީރާނުން އުފެއްދި ވަރަށް ގިނަ ހަމަލާތައް ދިފާއުކޮށްފަ އެވެ.
ފުރަތަމަ ހާފަށް ވުރެ ދެ ވަނަހާފުގައި އީރާންގެ ކުޅުން އިތުރަށް ރަނގަޅު ކުރި ކަމުގެ ނަތީޖާއަކަށްވީ ތިން ލަނޑު ދެ ވަނަ ހާފުގައި ރާއްޖޭގެ ގޯލަށް ވަނުމެވެ. އެގޮތުން މެޗްގައި އީރާނުން ޖެހި އެޓީމްގެ ދެވަނަ ލަނޑު ފެނިގެން ދިޔައީ މެޗްގެ 60 ވަނަ މިނެޓުގަ އެވެ. އަދި އޭގެ ހަތް މިނެޓުފަހުން އީރާނުން ވަނީ އިތުރު ލަނޑެއް ޖަހާ މެޗްގެ ލީޑް ފުޅާ ކޮށްފަ އެވެ. މެޗްގައި އީރާނުން ރާއްޖެކޮޅަށް ޖެހި އެ ޓީމްގެ ހަތަރު ވަނަ ލަނޑު ފެނިގެން ދިޔައި މެޗްގެ 86 ވަނަ މިނެޓުގަ އެވެ.
އީރާނާ ދެކޮޅަށް ދިވެހި ޓީމް ކުޅޭ ދެ ވަނަ މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 28 ވަނަ ދުވަހު ގަލޮޅު ދަނޑުގަ އެވެ.
----------------------
9:59 އީރާނުގެ ހަތަރު ލަނޑާއެކު މެޗު ނިންމާލައިފި.
9:57 އިރާނުގެ ކުޅުންތެރިއަކު ކުރި ފައުލްއަކާ ގުޅިގެން އަކުރަމަށް އަނިޔާވެގެން މެޗުގެ ކުޅުން ހުއްޓިފައި. އިތުރު މިނިޓްގެ ގޮތުގައި، ހަތަރު މިނިޓް އިތުރުކޮށްފި.
9:51 މެޗުގެ 86 ވަނަ މިނިޓްގައި އީރާނުން ހަތަރު ވަނަ ލަނޑު ޖަހައިފި.
9:50 ރާއްޖޭގެ ކުޅުން ތެރިން ކުޅުން ރަގަނޅުކޮށް، ޕާސިން ގޭމެއް އުފައްދައިފި.
9:47 ގަސްތުގައި ޕެނެލްޓީ އޭރިއާގެ ތެރެއަށް ވެޓުމާ ގުޅިގެން އަޝްފާގަށް ރީނދޫ ކާޑެއް ދައްކައިފި.
9:41 އަޑުބަރޭ ބަދަލުގައި އިއްސޭ ކުޅުމުގެ ތެރެއަށް ނުކުމެއްޖެ. އީރާނުގެ ކެޕްޓަން އަލީ ކަރީމަށް އަނެއްކާވެސް ރީނދޫ ކާޑެއް ދައްކައިފި.
9:38 އިރާނުން ރާއްޖޭގެ ގޯލަށް ފުލުފުލުން ހަމަލާ އުފައްދަމުން އެބަދޭ. ދެންމެ ފޮނުވާނި ހަމަލަ ކީޕަރު އިމްރާން ދިފާއުކޮށްފި.
9:36 ކީޕަރު އިމްރާނަށް ރީނދޫ ކާޑެއް ދައްކައިފި. އޭނާއަށް ކާޑު ދެއްކީ ރެފްރީއާ ދިމާލަށް ބުނި އެއްޗެއްގެ ސަބަބުން.
9:32 އީރާނުން ތިން ވަނަ ލަނޑު ޖަހައިފި. ތިން ވަނަ ލަނޑު ޖެހީ އިރާނުގެ ކެޕްޓަން. އޭނާ ލަނޑު ޖަހާފައި ވަނީ ދެވަނަ ހާފްގައި ލިބުނު ހަވަނަ ކޯނަރުގައި.
9:26 އީރާނުން ދެވަނަ ލަނޑު ޖަހައިފި.
9:24 އީރާނުން އަނެއްކާވެސް އުފެއްދި ހަމަލަ ކީޕަރު އިމްރާން ދިފާއުކޮށްފި. ދެވަނަ ހާފްގައި ކީޕަރު އިމްރާން ރަގަނޅު ސޭވްތަކެއް ކުރާ ކަަމަށް ފާހަގަ ކުރެވޭ.
9:23 ފުރަތަމަ ހާފާ އަޅާ ބަލާއިރު، ރާއްޖޭގެ ކުޅުން ރަގަނޅުކޮށްފި. ކުޅުންތެރިން އޮގަނައިޒްކޮށް ކުޅެމުންދާ ކަމަށް ފާހަގަ ކުރެވޭ.
9:21 އީރާންގެ ގޯލަށް އަސްފާގު ހަމަލައެއް އުފައްދައި. ބޯޅަ ދިޔައީ ގޯލުގެ އަރިމަތިން ބޭރަށް.
9:20 ދެވަނަ ހާފްގައި އީރާނަށް ހަތަރު ކޯނަރު ލިބިއްޖެ. ނަމަވެސް އެންމެ ފަހު ކޯނަރުވެސް ކީޕަރު އިމްރާން ދިފާއުކޮށްފި.
9:18 ރާއްޖޭގެ ހާފުގެ ތެރެއިން އީރާނަށް ލިބުނު ޖެހުން ކޯނަރަކަށް ބޭރުކޮށްލައިފި.
9:17 ޓޫކިލޯއަށް ދެވަނަ ފަހަރަށް އަނިޔާވެގެން ފަރުވާ ހޯދަން ބާލައިފި.
9:14 ދެ ވަނަ ހާފުގެ ކުޅުން ފަށައިފި.
ދެ ވަނަ ހާފުގެ ކުޅުމާއެކު އަޅުގަނޑުމެން ބައްދަކުރާނަން، ޝުކުރިއްޔާ!
--------
މެޗްގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނު އިރު ލީޑް ނަގާ ކުރިހޯދާފައި ވަނީ އިރާނެވެ. ޖުމްލަ ގޮތެއްގައި ރާއްޖޭގެ ކުޅުން ވަކި ދެރައެއް ނޫން ކަމަށް ރާއްޖޭގެ އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓާ މައުރޫފް ޖަމީލް ވެސް ވިދާޅުވި އެވެ.
ފުރަތަމަ ހާފްގެ ކުޅުން ނިމުނު އިރު، އިރާންގެ ގޯލަށް ރާއްޖެއަށް އުފެއްދުނީ ހަ އެންމެ ހަމަލާއެއްކެވެ. އެއީ ކެޕްޓަން އަލީ އަޝްފާގް ވަރަށް ބަލާލާފަޑިން ޕާހަކުން އައްސަދު އަލީ )އަޑުބަރޭ( ގޯލަށް ފޮނުވާލި ބޯޅައެކެވެ. އެބޯޅަ އިރާންގެ ގޯލްކީޕަރު ވަނީ ދިފާއު ކޮށްފައެވެ.
މެޗްގެ ފުރަތަމަ ހާފްގެ ކުޅުން ނިމުނު އިރު ރާއްޖޭގެ މެދުތެރެއިން އިބްރާހިމް އާރިފް ބަކާ ވަނީ މޮޅު ކުޅުމެއް ދައްކާ، ރަނގަޅު ދިފާއު ތަކެއް ކޮށްފައެވެ. އެގޮތުން މެޗްގެ ފުރަތަމަ ހާފްގެ ކުޅުން ނިމުނު އިރު އިރާނުން ވަނީ ރާއްޖޭގެ ގޯލަށް ނުރައްކާ ތެރި ބޯޅަތަކެއް ރާއްޖޭގެ ގޯލަށް އަމާޒް ކޮށްފައެވެ. އެގޮތުން ގިނަ ބޯޅަ ތައް އަމާޒް ވެފައި ވަނީ ހުރަސް ދަނޑިމަތިން ބޭރަށެވެ.
މެޗްގެ ދެވަހާފަށް ނިކުންނައިރު، ރާއްޖޭގެ ކުޅުން ތެރިންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެންނާނެ ކަމަށް ވެސް މާއްޓޭ ދެންމެ ބުންޏެވެ.
------------------
8:52 ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔަ އިރު، އިރާނުން ހަމައެކަނި ގޯލް ޖެހީ މެޗްގެ ތިން ވަނަ މިނިޓްގަ.
8:48 ފުރަތަމަ ހާފުގެ އިތުރު ދެ މިނިޓްގެ ކުޅުން ކުރިއަށް ދަނީ.
8:47 ރާއްޖޭގެ ފުރަތަމަ ހަމަލާ އަޑުބަރޭއް އުފައްދައިފި. ތިރިތިރިން ފޮނުވާލި ހަމަލަ އިނާރުގެ ކީޕަރު ދިފާއުކޮށްފި.
8:45 އިރާނުގެ ކުޅުން ތެރިއަކަށް ރީނދޫ ކާޑެއް ދައްކައިފި. އަޑުބަރޭއަށް ފައުލްއެއް ކުރުމުން.
8:40 އިރާނުގެ ގޯލަށް ހަމަލައެއް އުފެއްދުމަށް ރާއްޖޭގެ ޓީމުން އަދި މަސައްކަތެއް ނުކުރޭ. އިނާރުން ރާއްޖޭގެ ގޯލަށް ދެންމެ އުފެއްދި ހަމަލާ ދިޔައީ ގޯލު ދަނޑި ކައިރިން ބޭރަށް.
8:36 ރާއްޖޭގެ ކުޅުންތެރިއަކަށް އަނެއްކާވެސް އަނިޔާވެއްޖެ. ނަމަވެސް މާބޮޑު އަނިޔާއެެއް ނުވާ ކަމަށް ލަފާކުރެވޭ. އޭނަ ވެސް ކުޅުމުގެ ތެރެއަށް. ޓޫކިލޯ ވެސް ކުޅުމުގެ ތެރެއަށް ނުކުމެއްޖެ.
8:34 ޓޫކިލޯއަށް އަނިޔާވެގެން ދަނޑުން ބާލައިފި. އޭނާ ބަދަލު ކުރުމަށް ކުޅުންތެރިއަކު އިޝާރާތް ކުރި.
8:33 އިރާނުގެ ކުޅުންތެރިއަކު ބޯޅަ ހިފައިގެން ރާއްޖޭގެ ޕެނެލްޓީ އޭރިއާ ތެރެއަށް ވަންނަން އުޅެނިކޮށް ވެއްޓިއްޖެ. ރާއްޖޭގެ ޓީމުން ބޯޅަ ހިފައިގެން ކުރިއަށް ކުޅެމުން އެބަދޭ.
8:29 އިރާނުގެ އޭރިއާތެެރެއިން ރާއްޖެއަށް ޖެހުމެއް ލިބިއްޖެ. ޖެހުން ޖަހަނީ ޓޫކިލޭ. އަޝްފާގު ކުޅުމުގެ ތެރެއަށް ނުކުމެއްޖެ.
8:27 ރާއްޖޭގެ ކުޅުންތެރިއަކަށް އަނިޔާވެގެން ބާލައިފި. އެއީ ކެޕްޓަން އަޝްފާގެވެ.
8:26 އިރާނުން ޖެހިޖެހިގެން ރާއްޖޭގެ ގޯލަށް ހަމަލާ އުފައްދަމުން އެބަދޭ.
8:24 އިރާނުން އަނެއްކާވެސް ހަމަލެއް އުފައްދައިފި. ގޯލަށް ޖެހި ބޯޅަ ދިޔައީ ބޭރަށް.
8:22 އިރާނުގެ ފުރަތަމަ ކޯނަރު ކީޕަރު އިމްރާން ދިފާއުކޮށްފި.
8:21 އިރާނުން ކުރު ޕާސްތަކެއް ކުޅެ، ހަމަލާތަކެއް އުފެއްދުމަށް މަސައްކަތް ކުރަމުން އެބަދޭ. ރާއްޖެ ޓީމުން ދެ އަރިމަތިން ކުޅެނީ އުމެރުއާއި އަކުރަމް.
8:16 ކުރިއަށް ކުޅޭ ކުޅުންތެރިން ކަމަށްވާ އަޝްފާގައި ޓޫކިލޯގެ އިތުރުން އޮއްޕޮގެ ކުޅުން ރަގަނޅުކޮށްފި.
8:08 މެޗުގެ ތިންވަނަ މިނެޓްގައި ރާއްޖެ ކޮޅަށް އިރާނުން ލަނޑެއް ޖަހައިފި.
8:05 މެޗު ފަށައިފި. ރާއްޖޭ ޓީމް ރަތް ކުލަ އަދި އީރާންގެ ޓީމް ހުދުކުލަގައި.
ރާއްޖެއަށް ހިލޭ ޖެހުމެއް ލިބިއްޖެ.
------------------
އިރާނާ ދެކޮޅަށް ނިކުތް ރާއްޖޭގެ ފުރަތަމަ އެގާރަ:
އިމްރާން މުހައްމަދު - ގޯލްކީޕަރު
އަލީ އަޝްފާގް )ދަގަނޑޭ( - ކެޕްޓަން
އައްސަދު އަލީ )އަޑުބަރޭ(
އިބްރާހިމް ފަޒީލް )އޮއްޕޮ(
އައްސަދު އަބްދުލް ގަނީ
މުހައްމަދު ޖަމީލް
އަކްރަމް އަބްދުލް ގަނީ
މުހައްމަދު އުމެއިރު
މުހައްމަދު އާރިފް )ބަކާ(
މުހުތާރު ނަސީރު )ޓޫކިލޯ(
ސޮބާހް މުހައްމަދު އިބްރާހިމް
މިރޭގެ މެޗް ފެށުމުގެ ކުރީން ރާއްޖެ ޓީމްގެ މެނޭޖަރު އަލީ ވަހީދު )ބަލަކް( ވިދާޅުވީ، ދިވެހި ކުޅުންތެރިން ތިބީ ވަރަށް ރަނގަޅު ޖޯޝެއްގައި ދިވެހި ހުރިހާ ސަޕޯޓަރުން ބޭނުންވާގޮތަށް ނަތީޖާ ނެރުމުގެ އުންމީދުގައި ކަމަށެވެ.
މެޗުގެ ކުރިން އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ރާއްޖޭގެ ގައުމީ ކޯޗު އާޖެންޓީނާގެ ޑިއޭގޯ ކްރުސިއާނީ ބުނީ މެޗަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ނުލިބުނު ނަމަވެސް ރާއްޖެ އަތުން އީރާނުން މީގެ ކުރިން މޮޅުވި ގޮތަށް މޮޅުނުވެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
އީރާންގެ ކޯޗު ޕޯޗުގަލްގެ ކާލޮސް ކުއެރޮޒް ބުނީ އީރާން އޮތީ ރާއްޖެ ބަލިކުރަން ތައްޔާރުވެފައި ކަމަށެވެ.
މިވަގުތު އިރާންގެ ފިނިހޫނުމިން ހުރީ 36 ޑިގްރީ ސެލްސިއަސްގަ އެވެ.
ދުނިޔޭގެ ރޭންކިންގައި މި ވަގުތު 43 ވަނައިގައި އޮތް އީރާން ވަނީ 1998 ވަނަ އަހަރުގެ ވޯލްޑް ކަޕު ކޮލިފައިންގައި ސީރިއާގައި ކުޅުނު މެޗުގައި ދިވެހިރާއްޖެ ކޮޅަށް ވަނީ 17 ލަނޑު ވައްދާލައިފަ އެވެ. އަދި އީރާނުގައި ކުޅުނު ދެވަނަ މެޗުގައި ރާއްޖެ ކޮޅަށް އީރާނުން ނުވަ ލަނޑު ޖެހި އެވ .ރާއްޖެ ކޮޅަށް އިރާނުން 17 ލަނޑު ޖެހި ދުވަހަކީ 2 ޖޫން 1997 ވަނަ ދުވަހު އެވެ.
އިރާނާ ދެކޮޅަށް ދިވެހި ޤައުމީ މިރޭ ކުޅޭ އިރު، މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ އިރާންގެ ޤައުމީ ސްޓޭޑިއަމް ކަމަށްވާ އާޒާދީ ސްޓޭޑިއަމްގަ އެވެ.
އާޒާދީ ސްޓޭޑިއަމްއަކީ 1974 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ ފެންވަރުގައި ގުނާލެވޭ ސްޓޭޑިއަމެކެވެ.
ނަވާރަސަތޭކަ ހަތްދިހަ ހަތަރު ވަނަ އަހަރުގެ އޭޝިއަން ގޭމްސް އަށް ހެދި މި ސްޓޭޑިއަމްއަކީ ދުނިޔޭގެ އެންމެ ބޮޑު ދިހަ ސްޓޭޑިއަމްގެ ތެރޭގައި ހިމެނޭ އެއް ސްޓޭޑިއަމަށް ވުމުގެ އިތުރުން އޭޝިޔާގެ ހަތަރު ވަނަ އަށް އެންމެ ބޮޑުސްޓޭޑިއަމެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މެދު އިރުމަތީގެ އެންމެ ބޮޑު ސްޓޭޑިއަމްގެ ގޮތުގައި ވެސް މި ސްޓޭޑިއަމް ވަނީ ފާހަގަ ކުރެވިފަ އެވެ.